ކުޅިވަރު

ރެޑްބުލް ގަލަން ކޮއްޓާ މުބާރާތް މިމަހުގެ 26 ގައި


ގަލަން ކޮއްޓާ މުބާރާތް މިމަހުގެ 26 ވަނަ ދުވަހު ފުށުމަށް ހަމަޖެހިފައިވާކަމަށް ރެޑްބުލްއިން ބުނެފިއެވެ.

 ރެޑްބުލްއިން ބުނީ މިމުބާރާތަކީ މިދިޔަ އަހަރުވެސް ވަރަށް ފޯރީގައި ކުރިއަށްދިޔަ މުބާރާތެއްކަމަށާއި، މިއަހަރުވެސް ގަލަން ކޮއްޓާ މުބާރާތަށް ވަރަށް ބޮޑު ތަރުހީބެއް ލިބޭނެކަމަށް އުއްމީދު ކުރާކަމަށެވެ. ކަރުދާސް ގަނޑެއްގެ މަތީގައި، ފޯމޭޝަނަކަށް މީހުން ކުރަހައިގެން ގަލަމުން ކޮއްޓައިގެން ކުޅޭ މުބާރާތަކީ ސްކޫލް ކުދިންގެ މެދުގައި ވަރަށް މަގްބޫލް ކުޅިވަރެއްކަމަށް ރެޑްބުލްއިން ބުންޏެވެ. މުބާރާތް ކުރިއަށްދާނީ އެކަމަށް ހާއްސަކުރެވިފައިވާ ކަރުދާހެއްގައި ދަނޑެެއް ކުރެހުމަށްފަހު، ގަލަމުން ކޮއްޓައިގެން ކުޅޭގޮތަށެވެ. 

ރެޑްބުލް އިން ބުނީ މުބާރާތުގައި ވާދަކުރާ ކުޅުންތެރިން ބޭނުންވާ ގޮތަކަށް ކުޅުންތެރިންގެ ފޯމޭޝަން އަތުރާލެވޭނެކަމަށެވެ. އަދި މެޗަކަށް ކަނޑައަޅާފައިވާ 10 މިނެޓް ހަމަވާއިރު ދެ ކުޅުންތެރިން އެއްވަރުވެއްޖެ ނަމަ ނަތީޖާ ނެރުމަށް ޕެނަލްޓީ ޖަހަން ޖެހޭނެ ކަމަށްވެސް ރެޑްބުލްއިން ބުންޏެވެ. ރެޑްބުލްއިން ބުނީ މިއީ ދިވެހި ރާއްޖެއާ ވަރަށް ގުޅުން ހުރި ކުޅިވަރެއްކަމަށާއި، ކޮންމެ އުމުރުފުރާއެއްގެ ކުއްޖަކަށްވެސް ކުޅެވިދާނެ ކުޅިވަރެއްކަމަށެވެ. ނަމަވެސް މިމުބާރާތުގައި ބައިވެރިވެވޭނީ އުމުރުން 16 އަހަރުން މަތީގެ ޔުނިވާސިޓީ ނުވަތަ ކޮލެޖް ދަރިވަރުނަށެވެ. ރެޑްބުލްއިން ބުނީ ގަލަން ކޮއްޓާ މުބާރާތް ބޮޑަށް އަމާޒުކުރެވިފައިވަނީ ދަރިވަރުންނަށްކަމަށާއި، ނަމަވެސް ދަރިވަރުން ނޫންނަމަވެސް އުމުރުން 16 އަހަރުން މަތީގެ ކުދިންނަށް މިމުބާރާތުގައި ބައިވެރިވެވޭނެކަމަށެވެ. 

މިދިޔަ އަހަރު ކުރިއަށްދިޔަ މިމުބާރާތުގެ ޗެންޕިއަންކަން ހޯދާފައިވަނީ ކޮލެޖްގައި ކިޔަވަމުންދާ މިސްބާޙުއެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ދަރިވަރަކަށް ޓްރޮފީއަކާއެކު ޖުމްލަ 20،000 ރުފިޔާ ކަނޑައެޅިފައިވެއެވެ. ގަލަން ކޮއްޓާގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް މި މަހުގެ 23 ވަނަ ދުވަހުގެ ކުރިން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް ރެޑްބުލްއިން މައުލޫމާތުދިނެވެ.