ހުޅުމާލޭ ޖަލުގައި ޙުކުމް ތަންފީޛުކުރަމުން ދިޔަ ޤައިދީއަކު މަރުވެއްޖެއެވެ. މަރުވެފައިވަނީ ބ. ތުޅާދޫ ބޯދި އިސްމާޢީލް އަބޫބަކުރު (55 އަހަރު) އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ވިދާޅުވީ، އިސްމާޢީލް އަބޫބަކުރުގެ މެޔަށް ތަދެއްއަރައިގެން، މިއަދު މެންދުރުފަހު ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭންފަށާފައިވާކަމަށެވެ. އިސްމާޢީލް އަބޫބަކުރުގެ ޙާލަތު އިތުރަށް ގޯސްވެ، އެމެޖެންސީއަށް ބަދަލުކޮށް، ފަރުވާ ދެމުންދިޔަކަމަށާއި، ޑޮކްޓަރ ވަނީ ގާތްގަނޑަކަށް 3:25 ގައި އޭނާގެ ހިތްހުއްޓިގެން ނިޔާވިކަމަށް މަޢުލޫމާތު ދީފައިކަމަށް ކަރެކްޝަނަލް ސާރވިސްއިން ވިދާޅުވިއެވެ.
އިސްމާޢީލް އަބޫބަކުރަކީ ޖިންސީ ނިޔަތެއް އޮވެގެން ކުޑަކުއްޖެއްގެ ހަށިގަނޑުގައި އަތްލުމުގެ ކުށުގައި 10 އަހަރު ދުވަހުގެ ޙުކުމެއް ތަންފީޛުކުރަމުންދިޔަ ޤައިދީއެކެވެ. އަދި މީނާއަކީ އެއްވެސް ބޮޑު ބައްޔަކަށް ފަރުވާ ހޯދަމުން އައި މީހެއް ނޫންކަމަށްވެސް ކަރެކްޝަނަލް ސާރވިސްއިން ވިދާޅުވިއެވެ.
އިސްމާޢީލް އަބޫބަކުރު ނިޔާވުމާ ގުޅިގެން މިސަރވިސްއިން ވަނީ ވަގުތުން އެކަން އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައެވެ.