ޚަބަރު

ކުޑަކުދިން ކުށަށް އަރައިގަންނަ މިންވަރު މައްޗަށް!


އާށާރަ އަހަރުން ދަށުގެ ކުޑަކުދިން، ބޮޑެތި އަނިޔާވެރި ކުށްތަކަށް އަރައިގަންނަމުންދާ ކަމަށާއި، މީގެތެރޭގައި މާރާމާރީފަދަ މައްސަލަތައް ހިމެނޭތީ، އެކަމާ ކަންބޮޑުވެވަޑައިގަންނަވާކަމަށް ޖުވަނައިލް ޖަސްޓިސް ޔުނިޓުން ވިދާޅުވެއްޖެއެވެ. މިފަދަ މައްސަލަތައް ޙައްލުކުރެއްވެން އޮތީ ދައުލަތުގެ މުއައްސަސާތަކުންނާއި، މުޖުތަމަޢުން ދެއްވަންޖެހޭ ސަމާލުކަން އެންމެ ފުރިހަމަގޮތުގައި ދެވިގެން ކަމަށްވެސް އެ ޔުނިޓުން ފާހަގަކުރައްވައެވެ. އެގޮތުން ސަރުކާރުން މިހާރު ގެންދަވަނީ ކުޑަކުދިން އިޞްލާޙް ކުރެއްވުމުގެ އައު ޕްރޮގްރާމްތައް ފެއްޓެވުމަށް ތައްޔާރުވެވަޑައިގަންނަވަމުންނެވެ. 

ފުލުހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 2015 ވަނަ އަހަރު ކުޑަކުދިން ގާނޫނާއި ގަވާއިދާ ޚިލާފުވެގެން 278 މައްސަލައެއް ހުށައެޅިފައިވެއެވެ. މިއީ 2014 ވަނަ އަހަރާއި އަޅާބަލާއިރު 48.5 އިންސައްތަ އިތުރު އަދަދެކެވެ. 2015 ވަނަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ކުޑަކުދިންނާ ގުޅޭގޮތުން އެންމެ ގިނައިން ހުށައަޅާފައިވަނީ މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަތަކެވެ. ދެން އެންމެ ގިނައީ މާރާމާރީއާއި ވައްކަމުގެ މައްސަލަތަކެވެ. ކުށް ކުރާ އަންހެން ކުދިންނަށް ބަލާއިރު، ބަދުއަޚްލާގީ މައްސަލަތަކާއި، ގެއިން ފިލައިގެން ދިއުން ފަދަ މައްސަލަތައް ވަނީ ފާހަގަކުރެވިފައެވެ. 

ކުޑަކުދިން ކުށަށް އަރައިގަންނަ މިންވަރު އަހަރުން އަހަރަށް އިތުރުވެ، ނުރައްކާތެރި ކުށްތަކަށް އަރައިގަންނަމުން ދާއިރު، ސަރުކާރުން މިހާރު ގެންދަވަނީ އެކަމަށް ޚާއްޞަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. މިއީ ޤައުމީ ބޮޑު މައްސަލައެއްގެ ގޮތުގައި ބައްލަވައި، އެކަން ޙައްލުކުރެއްވުމަށް ސަރުކާރުން އަޅުއްވާ އެންމެ މުހިންމު ފިޔަވަޅަކީ ކުޑަކުދިން އިޞްލާޙްކުރެއްވުމުގެ ޕްރޮގްރާމްތައް ފެއްޓެވުމަށް ތައްޔާރުވެވަޑައިގަތުމެވެ. ތަޢުލީމާއި މަސައްކަތް އުނގަންނައިދޭ މަރުކަޒު ހިންގެވި ޢިމާރާތް މަރާމާތުކުރައްވައި އެތަނުގައި ކުޑަކުދިންގެ އިޞްލާޙިއްޔާއެއް ޤާއިމްކުރެއްވުމަށް ޖުވަނައިލް ޖަސްޓިސް ޔުނިޓުން މިހާރު ގެންދަނީ ތައްޔާރުވެވަޑައިގަންނަވަމުންނެވެ. ތަޢުލީމާއި މަސައްކަތް އުނގަންނައިދޭ މަރުކަޒު ހިންގެވި ޢިމާރާތް ހުންނަނީ ކ. މާފުށީގައެވެ. 

ޖުވަނައިލް ޖަސްޓިސް ޔުނިޓްގެ އެގްޒެކްޓިވް ޑިރެކްޓަރ ޙާމިދު ޔޫސުފް ފާހަގަކުރެއްވި ގޮތުގައި، ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ހަރުދަނާކުރެއްވެން އޮތީ ޢާންމު ރައްޔިތުންވެސް ހޭލުންތެރިވެގެންނެވެ. މި މަސައްކަތުގައި ޢާއިލާތަކުގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާކަން އޭނާ ފާހަގަކުރެއްވިއެވެ. 

"ކުށަށް އަރައިގަންނަ ކުޑަކުދިންގެ އަދަދު މަދުކުރެއްވުމުގައި ދައުލަތުގެ ޒިންމާއާއި އެއްވަރަށް މުޖުތަޢުންވެސް ޒިންމާ އުފުލަންޖެހޭ.  ކުޑަކުދިން ކުށަށް އަރައިގަންނަށް ދިމާވާ މައިގަނޑު އެއް މައްސަލައަކީ އެކުދިންނާމެދު ޢާއިލާތަކުން ދޭންޖެހޭ ސަމާލުކަން ނުދެވުން." ޙާމިދު ވިދާޅުވިއެވެ. 

ޖެންޑަރ މިނިސްޓްރީގެ ޑިރެކްޓަރ އޮފް ކޭސް މެނޭޖްމަންޓް އަޙުމަދު މުޞްތަފާ ވިދާޅުވީ، ކުޑަކުދިން ކުށަށް އަރައިގަތުމުގައި ޢާއިލާތަކުގެ އިހުމާލު އޮތްކަމަށް ޤަބޫލުކުރެވޭ ކަމަށެވެ. 

"ކުށްކުރާ ކުޑަކުދިންނަށް ބަލާއިރު، ރާއްޖޭގައިވެސް އެ ޓްރެންޑް އޮތީ އެހެން ޤައުމުތަކުގައިވެސް އޮތްފަދަ ޙާލަތެއްގައި. މިކަމުގެ އެންމެ އެފެކްޓިވް ކޮށް މަސައްކަތް ކުރަންވީ މައިންބަފައިން. ޢާއިލާތަކުން." މުސްތަފާ ވިދާޅުވިއެވެ. 

ދެން އޮތީ ފަރުދީ ޒިންމާގެ ވާހަކައެވެ. އެގޮތުން އެންމެ މުހިންމުކަމަކީ ޢާއިލާތަކުން ކުދިންނަށް ދޭންޖެހޭ ތަރުބިއްޔަތު ދިނުމުގައި ސަމާލުވާނެޖެހެއެެވެ. ކުޑަކުދިންނާ މެދު ކުރެވޭ ޖިންސީ އަނިޔާތައް ސިއްރުކުރުމުގެ ބަދަލުގައި ކަމާގުޅޭ އިދާރާތަކަށް ރިޕޯޓް ކުރުމަކީވެސް މުހިންމު ކަމެކެވެ. އަދި ކުޑަކުދިން ކުށަށް އަރައިގަންނަން ހިތްވަރު ލިބޭފަދަ ޢަމަލުތައް ބޮޑެތި މީހުން ނުކުރުމަކީ ފަރުދީ ޒިންމާގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު ކަންތައްކަމަށް ޖުވަނައިލް ޖަސްޓިސް ޔުނިޓުން ފާހަގަކުރައްވައެވެ.