ޚަބަރު

މޮސްކޯ ކައިރި ރަށެއްގެ ގުދަނެއްގައި ބާރުގަދަ އެއްޗެއް ގޮވައި އެކަކު މަރުވެއްޖެ


ރަޝިޔާގެ ވެރިރަށް މޮސްކޯގެ ރަށްބޭރުގައި އޮންނަ ރަށެއްގައި ހުންނަ ބަޑިބޭހާއި ހަވާ ރައްކާކުރާ ގުދަނެއްގައި ބާރުގަދަ އެއްޗެއް ގޮވައި، އެކަކު މަރުވެ ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމުވެއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ މޮސްކޯގެ އިރުއުތުރުން އޮންނަ ސިއެތްގިއޭވް ޕަސާތް ކިޔާ ރަށުގައެވެ. މި ހާދިސާ ހިނގާފައި ވަނީ އަމިއްލަ ކުންފުންޏަކުން ހިންގާ ގުދަނެއްގައެވެ.

ޢާންމުކޮށްފައިވާ މި ހާދިސާގެ ވީޑިޔޯތަކުން ފެންނަނީ ގުދަނުގައި ހުޅުގަނޑު ފަޅައިގެން ގޮސް ބާރުގަދަ ގޮވުމެއް ގޮވާ މަންޒަރެވެ. އަދި، ބޮޑު އަލިފާންގަނޑެއް ރޯވި މަންޒަރެވެ. މި ހާދިސާގައި ގުދަން ސުންނާފަތިވެފައިވާއިރު އެ ތަނާ އިންވެގެން ހުންނަ ގިނަ ޢިމާރާތްތަކަށް ގެއްލުންވި ކަމުގައި މޮސްކޯ ސަރަޙައްދުގެ ގަވަރުނަރު އަންދްރެއި ވަރައިބިޔޮފް ވިދާޅުވިއެވެ. މި ހާދިސާގައި އެކަކު މަރުވެފައިވާއިރު، އެކިވަރުގެ އަނިޔާތައް ލިބުނު އިތުރު 50 މީހަކަށް ފަރުވާދޭން ޖެހުނު ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ގުދަނުގައި ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލްކޮށް ނިއްވައިލާފައިވާއިރު، އިތުރު މީހެއްގެ ހަށިގަނޑު ފެނޭތޯ ބެލުމަށް އަލިފާން ނިއްވާ ޓީމުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެވިފައި ނުވާއިރު، އެ ކަން ހޯދުމަށް ޖިނާޢީ ތަހުޤީޤެއް ފަށާފައިވާ ކަމުގައި މޮސްކޯގެ އޮފިޝަލުން ވިދާޅުވެއެވެ. އަދި، އެ ތަނުގައި ޤާވާޢިދާ އެއްގޮތަށް ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅާފައި ނެތް ކަމަށް ބެލެވޭ ކަމުގައި ވެސް އޮފިޝަލުން ވިދާޅުވިއެވެ.

ރަޝިޔާގައި ސިނާޢީ މަސައްކަތްތައް ކުރާ ކާރުޚާނާތަކާއި ގުދަން ފަދަ ތަންތަނުގައި މީގެ ކުރިން ވެސް ގިނަ ޢަދަދެއްގެ އަލިފާނުގެ ހާދިސާތައް ހިނގާފައިވާ ކަން ފާހަގަކުރެވެއެވެ. މި ކަން ދިރާސާކުރާ ފަރާތްތަކުން ބުނަނީ، މި ފަދަ ހާދިސާތައް އެންމެ ގިނައިން ހިނގާ އެއް ސަބަބަކީ ކާރުޚާނާތަކާއި ގުދަންތައް މަރާމާތް ނުކުރުމެވެ. އަދި، ރައްކާތެރި ކަމުގެ ޤަވާޢިދުތަކަށް އިޙުތިރާމު ނުކުރުމެވެ.

ސިއެތްގިއޭވް ޕަސާތްގެ ގުދަނެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގާފައި މި ވަނީ، މޮސްކޯއަށް އަމާޒުކޮށް ދެމުންދާ ޑްރޯން ހަމަލަތަކުގެ ޢަދަދު އިތުރުކޮށްފައިވާ ދަނޑިވަޅެއްގައެވެ. އަދި، މޮސްކޯގައި ސަލާމަތީ އަދި ދިފާޢީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާ ވަގުތެއްގައެވެ. ރަޝިޔާއިން ތުހުމަތު ކުރާ ގޮތުގައި މޮސްކޯއަށް ދެމުންދާ ޑްރޯން ހަމަލަތަކުގައި ފަހަތުގައި އޮތީ ޔޫކްރެއިނެވެ. ނަމަވެސް، ޔޫކްރެއިނުން މި ތުހުމަތުތައް ކަށަވަރު ކޮށްދީފައެއް ނުވެއެވެ.