ޚަބަރު

އިންތިޚާބީ ރިޝްވަތުގެ މައްސަލަ އޭސީސީއަށް ހުށައެޅުމަށް ޚާއްސަ ޕޯޓަލްއެއް


  • އިންތިޚާބީ ރިޝްވަތުގެ ކުށެއް ކުރާނަމަ ކޮންމެ މީހަކަށްވެސް އެ މައްސަލައެއް ހުށަހެޅޭނެ

  • މިޕޯޓަލް މެދުވެރިކޮށް މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު ސިއްރުކުރެވޭނެ

  • ކޮމިޝަނުގެ އިޙްތިޞާޞަށް ނުފެތޭ ބާވަތުގެ މައްސަލަތައް ހުށަހެޅިއްޖެނަމަ ރަޖިސްޓްރީ ނުކުރާނެ

  • އޭސީސީންވަނީ ކޮރަޕްޝަނުގެ ހިރާސް ކުޑަކުރުމުގެ އިރުޝާދުނާމާވެސް އާންމުކުރައްވާފައި

ރިޔާސީ އިންތިޚާބާއި ގުޅިގެން ހިންގާ އިންތިޚާބީ ރިޝްވަތުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށައެޅުމަށް ޚާއްސަ ޕޯޓަލްއެއް ޤާއިމުކުރައްވައިފިއެވެ.

އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގައި ބަޔާންކޮށްފައިވާ އިންތިޚާބީ ރިޝްވަތުގެ ކުށެއް ކުރާނަމަ ކޮންމެ މީހަކަށްވެސް އެ މައްސަލައެއް، މި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް އޭސީސީން ހާމަކުރައްވައެވެ. މި ޕޯޓަލްއަށް ވަނުމުން އިންތިޚާބީ ރިޝްވަތަކީ ކޮބައިކަމާއި އެއަށް ސަމާލުވާނެގޮތުގެ މައުލޫމާތު ހިމަނައިގެން އޭސީސީން ތައްޔާރުކުރައްވާފައިވާ ލުއިފޮތްވެސް ބަލައިލެވޭނެއެވެ.

މިޕޯޓަލް މެދުވެރިކޮށް މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު ސިއްރުކޮށްދެވޭގޮތަށް އިންތިޒާމުކުރެވިފައިވީ ނަމަވެސް މައްސަލައިގެ އަޕްޑޭޓް ފޯރުކޮށްދެވޭނީ ކާކުކަން އެނގޭގޮތަށް މައްސަލަ ހުށަހަޅާ ފަރާތްތަކަށް ކަމަށް އޭސީސީން ވިދާޅުވެއެވެ. އެކޮމިޝަނުން ވިދާޅުވީ ވިސިލްބްލޯކުރާ ފަރާތްތަކަށް ކޮމިޝަނުން ރައްކާތެރިކަން ފޯރުކޮށްދެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ޕޯޓަލް މެދުވެރިކޮށް މައްސަލައާގުޅޭގޮތުން ދެވެން އޮތް އެންމެގިނަ މަޢުލޫމާތު ހިމެނުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އޭސީސީން އެދިވަޑައިގަންނަވައެވެ.

އޭސީސީން ވިދާޅުވީ ޕޯޓަލް މެދުވެރިކޮށް މައްސަލަ ހުށައަޅާއިރު ފޯމުގައި ކޮންމެހެން ހިމަނަންޖެހޭ މަޢުލޫމާތުގެ ގޮތުގައި ފާހަގަކޮށްފައިވާ ބައިތައް ހިމަނާފައި ނުވަނަމަ ފޯމު ބަލައެއް ނުގަންނަވާނެ ކަމަށެވެ. މިޕޯޓަލް މެދުވެރިކޮށް ކޮމިޝަނުގެ އިޙްތިޞާޞަށް ނުފެތޭ ބާވަތުގެ މައްސަލަތައް ހުށަހެޅިއްޖެނަމަ އެމައްސަލައެއް އޭސީސީގައި ރަޖިސްޓްރީ ނުކުރައްވާނެ ކަމަށްވެސް އެކޮމިޝަނުން ވިދާޅުވެއެވެ.

އޭސީސީންވަނީ އިންތިޚާބުތަކާ ގުޅޭ ކޮރަޕްޝަނުގެ ހިރާސް ކުޑަކުރުމުގެ އިރުޝާދުނާމާވެސް އާންމުކުރައްވާފައެވެ.

މިއިރުޝާދުނާމާގައި ހިމަނާފައިވާނީ އިންތިޚާބީ ދުވަސްވަރު އާންމުކޮށް ހުށަހަޅާ ޝަކުވާތަކާއި، މައްސަލަތަކާ ގުޅޭގޮތުން އިންތިޚާބީ ކޮރަޕްޝަން ވިޔަނުދިނުމަށް ފަންނީ ގޮތުން ކަންކަން ކުރާނޭ ގޮތުގެ ބައިނަލްއަޤުވާމީ އަސާސްތަކާއި މިންގަނޑުތަކެވެ.

މިއިރުޝާދުނާމާގެ މަޤްސަދުތަކުގެ ތެރޭގައި އިންތިޚާބުތަކުގައި ހިންގާ ކޮރަޕްޝަނުގެ ޢަމަލުތަކާއި ކޮރަޕްޝަނަށް ހުށަހެޅޭ ފަދަ ކަންކަން ވިޔަނުދިނުން (ކޮރަޕްޝަން ޕްރިވެންޝަން) އާއި އިންތިޚާބާ ގުޅޭ ހުރިހާ މަރުޙަލާއެއްގައިވެސް ނަޒާހަތްތެރިކަން ކަށަވަރުކުރުމަށް ޢަމަލުކުރާނޭ ގޮތުގެ އިރުޝާދު ފޯރުކޮށްދިނުމެވެ. އަދި ދައުލަތުގެ އިދާރާތަކާއި ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކުން ދެފުށްފެންނަ ހާމަކަންބޮޑު ގޮތެއްގައި އިންތިޚާބާއި ގުޅޭ އެންމެހައި ކަންކަން ހިންގުމަށް ބާރުއަޅައި ކޮރަޕްޝަންގެ ހިރާސް ކުޑަކުރުމަށް ލަފަޔާއި އިރުޝާދުދިނުންވެސް މީގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށް އޭސީސީން ވިދާޅުވެއެވެ.

މި ގައިޑްލައިންގައި ހިމަނުއްވާފައިވާ ލަފާއާއި އިރުޝާދުތަކުގެ ތެރޭގައި ސިޔާސީ ޕާޓީތަކަށާއި އިންތިޚާބުތަކަށް ކުރިމަތިލާ ކެންޑިޑޭޓުން ކެމްޕޭނުކުރުމަށް ފައިސާއާއި އެހީ ހޯދުމާއި ޚަރަދުކުރާނެ ގޮތާއި، ދައުލަތުގެ މުވައްޒަފުން ކެމްޕނުތަކުގައި ހަރަކާތްތެރިވާންވީ ގޮތް ހިމެނެއެވެ. އަދި ދައުލަތުގެ މުދަލާއި ފައިސާއާއި މަޤާމު ކެމްޕޭންކުރުމުގައި ބޭނުންކުރުން، އަދި ރިޝްވަތު ދިނުމާއި އިންތިޚާބާއި ގުޅިގެން ވޯޓު ގަތުމާއި ވޯޓު ވިއްކުން ފަދަ ކަންކަން މަނާވުން ފަދަ ކަންކަމާއި ގުޅޭ މަޢުލޫމާތުވަނީ ހިމަނުއްވާފައެވެ.

މި ގައިޑްލައިންގައި ދިވެހިރާއްޖޭގެ ދިމިޤްރާތީ ނިޒާމަކީ ރައްޔިތުން އިތުބާރުކުރާ، ރައްޔިތުންގެ ޙައްޤު ލިބިދެނިވި ގޮތެއްގައި ބައްޓަންކުރެވި ހިނގަމުންދާ ނިޒާމަކަށް ހެދުމަށްޓަކައި، އިންތިޚާބުތަކުގެ ހުރިހާ މަރުހަލާތަކަކީވެސް ކޮރަޕްޝަންގެ ހިރާސްތަކުން މިންޖުވެފައިވާ މަރުހަލާތަކަކަށް ހަދަންޖެހޭކަންވަނީ ފާހަގަކުރައްވާފައެވެ.