ޚަބަރު

ތިން ރުއް ޕާކް މިރޭ ހުޅުވަނީ


މާލޭ ހުޅަނގު ދެކުނު ފަރާތުގައި ތަރައްޤީކުރި ތިން ރުއް ޕާކް، މިރޭ ރަސްމީކޮށް ހުޅުވާނެއެވެ.

މި ޕާކު ހުޅުވިގެންދާއިރު، ފެނިގެންދާނެ އެންމެ ބޮޑު އެއް ބަދަލަކީ ލޮނުޒިޔާރަތްކޮޅުގައި ކުރިން ބެހެއްޓިފައި ހުރި ސުނާމީ ބިނާ، އެ ސަރަޙައްދަށް ބަދަލުކޮށްފައިވުމެވެ. އަދި ސުނާމީ ބިނާވެސް ވަނީ އެކި ކުލަ ތަކުން ދިއްލޭގޮތަށް ހަދާފައެވެ. ތިން ރުއް ޕާކް ތަރައްޤީކޮށްފައިވަނީ ހައުސިންގ މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޕަބްލިކް ވަރކް ސަރވިސަސްގެ ފަރާތުންނެވެ.

ގާތްގަނޑަކަށް 5 މިލިއަން ރުފިޔާ މި މަޝްރޫޢަށް ޚަރަދުކުރައްވާފައިވާކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ. ސަރުކާރުން ތިން ރުއް ޕާކް ތަރައްޤީކުރައްވަން ފެއްޓެވީ، އެތަނުގެ ޝީޓް ޕައިލްތައް ވަރަށް ބޮޑަށް ހަލާކުވުމުގެ ސަބަބުން ފަސްގަނޑު ދަމައިގެން ދިއުމުގެ ސަބަބުންނެވެ. ނަމަވެސް މިހާރު ވަނީ މި މައްސަލަވެސް ޙައްލު ކުރައްވާފައެވެ. އަދި މުޅި ސަރަޙައްދުގެ ސްޓްރަކްޗަރ ބަދަލުކޮށްފައިވެއެވެ. މީގެ އިތުރުން ފަސްގަނޑު އިތުރަށް ވަރުގަދަކުރުމުގެ ގޮތުން ޖިއޯބޭގް ހަރުކޮށް، ބިންގަނޑު ވަނީ ތަރުތީބުކޮށްފައެވެ.

އެ ސަރަޙައްދަށް ވަދެ ނިކުތުމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށް، ވޯކްވޭތަކަކާއި، ޕާކިން ޒޯނެއްވެސް ހަދާފައިވެއެވެ.