ޚަބަރު

ޕީއެސްއެމްގެ ޗެނަލްތަކުން ހުރިހާ ކެންޑިޑޭޓުންނަށްވެސް މާދަމާއިން ފެށިގެން ފުރުސަތު


  • ހުރިހާ ކެންޑިޑޭޓުންނަށްވެސް ޕީއެސްއެމުން ހަމަހަމަ ފުރުސަތު ލިބިގެންދާނެ

  • އޯގަސްޓް 11 އިން ފެށިގެން ސްލޮޓްތަކަށް އެދެވޭނެ

  • އިންތިޚާބުގެ 1 ދުވަސް ކުރިއާއި ހަމައަށް ޕާޓީތަކާއި ކެންޑިޑޭޓުންނަށްވެސް ފުރުސަތު އޮންނާނެ

އަންނަ މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި، އެފަރާތްތައް ނިސްބަތްވާ ޕާޓީތަކަށް ޕަބްލިކް ސަރވިސް މީޑިއާގެ އެކި ޗެނަލްތަކުން ވަގުތު ދޭނެ އުސޫލު ހާމަކޮށް އެކަން ކެންޑިޑޭޓުންނާއި ހިއްސާކޮށްފިއެވެ. މިއުސޫލުގެ ދަށުން މާދަމާއިން ފެށިގެން ކެންޑިޑޭޓުންނަށް ޕީއެސްއެމްގެ ޗެނަލްތަކުން ސްލޮޓަށް އެދުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.

ޕީއެސްއެމުން ސިޔާސީ ޕާޓީތަކަށް ދަޢުވަތު ދީގެން ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ބޭއްވި ބައްދަލުވުމުގައި ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ޕީއެސްއެމްގެ ޗެނަލްތަކުން ވަގުތު ދޫކުރުމަށް ހަމަޖެހިފައިވާ އުސޫލާއި ގުޅޭ މައުލޫމާތު ހިއްސާކޮށްފައެވެ. މިފަހަރުގެ އިންތިޚާބުގައި ވާދަކުރައްވާ ދަ ޑިމޮކްރެޓްސް ފިޔަވާ އެހެން ކެންޑިޑޭޓުންނާއި ޕާޓީ ތަމްސީލުކުރައްވާ ބޭފުޅުންވަނީ މިބައްދަލުވުމުގައި ބައިވެރިވެފައެވެ.

ޕީއެސްއެމްގެ ޗެނަލްތަކުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި ޕާޓީތަކަށް ސްލޮޓްދޭ ގޮތް

މިފަހަރުގެ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ކޮންމެ ހަފްތާއެއްގައިވެސް 25 މިނިޓުގެ 2 ފުރުސަތު ހިލޭ ދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި ވިޔަފާރި އުސޫލުން ހަފްތާއަކު، 25 މިނިޓުގެ 3 ފުރުސަތު ކެނޑިޑޭޓުންނަށް ދިނުމަށްވަމީ ކަނޑައަޅާފައެވެ. އަދި ކެންޑިޑޭޓު ނިސްބަތްވާ ޕާޓީތަކަށް ވިޔަފާރި އުސޫލުން ހަފްތާއަކު 25 މިނިޓުގެ 2 ފުރުސަތު ދިނުމަށްވަނީ ނިންމާފައެވެ. އަދި އިންތިޚާބުގެ ފުރަތަމަ ބުރުގައި ޕާޓީއަށް ނުވަތަ ކެނޑިޑޭޓަށް ވިޔަފާރި އުސޫލުން 120 މިނިޓުގެ 3 ފުރުސަތު ދިނުމަށްވަނީ ނިންމާފައެވެ. އަދި ދެވަނަ ބުރަކަށް ގޮސްފިނަމަ ޕާޓީއަށް ނުވަތަ ކެންޑިޑޭޓަށް ވިޔަފާރު އުސޫލުން ގިނަވެގެން 2 ފުރުސަތު ދިނުމަށްވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ކޮންމެ ދުވަހަކުވެސް 30 ސިކުންތުގެ އިޝްތިހާރު ވަގުތުގެ 2 ފުރުސަތު ހިލޭ އަދި ވިޔަފާރި އުސޫލުން 4 ފުރުސަތު ދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި ކަނޑައެޅިފައިވާ ޙާލަތުގައި 3 ދުވަހު 3 ފަހަރު މަތިން 270 އަކުރުގެ އެނައުންސްމަންޓެއް ޓީވީއެމްއާއި ދިވެހިރާއްޖޭގެ އަޑުން ގެނެސްދިނުމަށްވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އަންނަ ރިޔާސީ އިންތިޚާބާއި ގުޅިގެން އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނާއި ގުޅިގެން
ޕީއެސްއެމްގެ ޗެނަލްތަކުން މިހާރުވެސް ގެންދަނީ ޕްރޮގްރާމްތައް ދައްކަމުންނެވެ.

އިންތިޚާބާ ދިމާކޮށް ޕީއެސްއެމްއިން ގެނެސްދޭ އެންމެ މަޤްބޫލް އެއް ޕްރޮގްރާމަކީ ރިޔާސީ ބަހުސްއެވެ. އެހެންކަމުން މިއަހަރުގެ ރިޔާސީ އިންތިޚާބަށް ވާދަކުރައްވާ ކެނޑިޑޭޓުންނަށް ޚާއްސަކޮށްގެން ރިޔާސީ ބަހުސްވެސް ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ. މީގެ އިތުރުން ރަނިންމޭޓުންނަށް ޚާއްސަކޮށްގެންވެސް ޕްރޮގްރާމެއް ގެނެސްދިނުމަށްވަނީ ހަމަޖެހިފައެވެ.

އަދި ކުރިއަށް މިއޮތް ދުވަސްތަކުގައި ޕީއެސްއެމްގެ ޗެނަލްތަކުން ގެނެސްދޭ ޕްރޮގްރާމްތަކުގެ ތެރޭގައި މެނިފެސްޓޯއަށް ޚާއްސަކޮށްގެން ގެނެސްދޭ ޕްރޮގްރާމާއި، ޕީއެސްއެމްގެ ރޭޑިއޯއިން ކެނޑިޑޭޓުންނަށް ޚާއްސަކޮށްގެން ގެނެސްދޭ "ރިޔާސީ ކެނޑިޑޭޓާއެކު" ޕްރޮގްރާމާއި، "ރިޔާސީ ސިޔާސަތު"ގެ ނަމުގައި ގެނެސްދޭ ޕްރޮގްރާމް ހިމެނެއެވެ. މިއިން ކޮންމެ ޕްރޮގްރާމެއްގައި 8 އެޕިސޯޑެއް ގެނެސްދިނުމަށްވަނީ ހަމަޖެހިފައެވެ.

މީގެއިތުރުންވެސް ކެންޑިޑޭޓުންގެ އެކި ޙަރަކާތްތަކުގެ ޚަބަރު ޕީއެސްއެމްގެ ޚަބަރުތަކުގައި ގެނެސްދޭނެއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ހުރިހާ ކެންޑިޑޭޓުންނަށްވެސް ޕީއެސްއެމްގެ ޗެނަލްތަކުން ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ޕީއެސްއެމުންވަނީ ނިންމާފައެވެ.