ޗައިނާއިން ތައިވާންގެ އައްސޭރިފަށުގެ ސަރަޙައްދުގައި މިހާރު ކުރަމުންދާ އަސްކަރީ ތަމްރީނުތަކުގައި ބައިވެރިކޮށްފައިވާ އަސްކަރީ މަތިންދާބޯޓުތަކެއް ތައިވާނުގެ ވައިގެ ސަރަޙައްދަށް ވަދެފައިވާ ކަމުގައި ތައިވާނުން ތުހުމަތުކޮށްފިއެވެ. ތައިވާނުން ބުނީ އެ ޤައުމުގެ ވައިގެ ދިފާޢީ ސަރަޙައްދު ނުވަތަ އެއަރ ޑިފެންސް ޒޯނަށް ޗައިނާގެ އަސްކަރިއްޔާގެ ދިހަ އުޅަނދު ވަދެފައިވާ ކަމުގައެވެ. އަދި، އެ އުޅަނދުތައް އޮތީ އަސްކަރީ ގޮތުން ތައްޔާރީ ހާލަތެއްގައި ކަމަށް ވެސް ތައިވާނުން ބުނެއެވެ.
މި ހާދިސާއާ ގުޅިގެން ތައިވާނުން ވެސް ވަނީ އެ ޤައުމުގެ އަސްކަރިއްޔާއާއި ދިފާޢީ ނިޒާމު ތައްޔާރީ ހާލަތަކަށް ގެނެސްފައެވެ. ތައިވާން ކައިރީގައިވާ ކަނޑުގެ ސަރަޙައްދުގައި ކުރަމުންދާ އަސްކަރީ ތަމްރީނުތަކުގައި ޗައިނާގެ ކަނޑުގެ ސިފައިންގެ ފަސް މަނަވަރަކާއި، 25 އަސްކަރީ މަތިންދާބޯޓު ހަރަކާތްތެރިވަމުންދާ ކަމުގައި ތައިވާނުގެ ދިފާޢީ ވުޒާރާއިން ބުނެއެވެ.
ތަމްރީނުތަކުގެ "ޖޭ-10" އަދި "ޖޭ-16" މަރުކާގެ އަސްކަރީ މަތިންދާބޯޓުތަކުގެ އިތުރުން "އެޗް-6" މަރުކާގެ ބޮންއަޅާ މަތިންދާބޯޓުތައް ބައިވެރިކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން 10 އުޅަނދެއް ތައިވާން ސްޓްރެއިޓްސްގެ މީޑިޔަން ލައިން ނުވަތަ ސަރަޙައްދީ އިން ވަކިކުރާ ރޮނގު ހުރަސްކޮށް ތައިވާނުގެ ވައިގެ ސަރަޙައްދަށް އެތެރެވެފައިވާ ކަމުގައި ތައިވާނުގެ ދިފާޢީ ވުޒާރާއިން ބުނެއެވެ.
ޗައިނާގެ އިތުރު އުޅަނދުތަކެއް ތައިވާނުގެ ހުޅަނގުދެކުނުގައިވާ ވައިގެ ސަރަޙައްދީ އިން ނުވަތަ އެއަރ ޑިފެންސް އައިޑެންޓިފިކޭޝަން ޒޯން (އޭ.ޑީ.އައި.ޒީ) ހުރަސްކޮށް އެތެރެވެފައިވާ ކަމުގައި ވެސް އެ ވުޒާރާއިން ބުނެއެވެ. އޮގަސްޓު 6 ވަނަ ދުވަހު ވެސް ޗައިނާގެ އަސްކަރީ މަތިންދާބޯޓުތަކެއް ތައިވާނުގެ ވައިގެ ސަރަޙައްދަށް އެތެރެވެފައިވާ ކަމުގައި ތައިވާނުން ބުނެއެވެ.
ތައިވާނަކީ ޑިމޮކުރަސީގެ ހަމަތަކުގެ މަތިން ވެރިކަން ކުރަމުންދާ ތަނެކެވެ. ނަމަވެސް، ތައިވާނަކީ މިނިވަން ޤައުމެއް ނޫން ކަމަށާއި، އެއީ ޗައިނާގެ ބައެއްގެ ގޮތުގައި ޗައިނާއިން ދެކެއެވެ. އަދި، ބާރުގެ ބޭނުންކޮށްގެން ތައިވާން ހިފާނެ ކަމުގެ އިންޒާރު ވެސް ޗައިނާއިން ވަނީ ދީފައެވެ. ތައިވާން ވަށައިގެން ސަރަޙައްދުގައި ޗައިނާއިން އަސްކަރީ ތަމްރީނުތައް ކުރަމުން ދަނީ އެ ކަމަށް ތައްޔާރުވުމުގެ ގޮތުން ކަމަށް ތައިވާނުން ގަބޫލުކުރެއެވެ.
ޗައިނާއިން ތައިވާން ކައިރީގައި އަސްކަރީ ތަމްރީނުތަކެއް ފަށާފައި މި ވަނީ ތައިވާނަށް 345 މިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި އަސްކަރީ އެހީގެ ޕެކޭޖެއް ފޮނުވަން ނިންމާފައިވާ ކަން އެމެރިކާއިން އިޢުލާނުކޮށްފައިވާ ދަނޑިވަޅެއްގައެވެ. ތައިވާނަށް އަސްކަރީ އެހީގެ ޕެކޭޖެއް ފޯރުކޮށްދޭން އެމެރިކާއިން ނިންމާފައިވީ ނަމަވެސް އެ ޕެކޭޖުގެ ދަށުން ފޯރުކޮށްދޭނީ ކޮން ކަހަލަ ހަތިޔާރުތަކެއް ކަން ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. އެމެރިކާގެ ކޮންގްރެސްއިން ވަނީ "ޕްރެޒިޑެންޝަލް ޑްރޯޑައުން އޮތޯރިޓީ"ގެ ބާރުގެ ދަށުން 1 ބިލިޔަން ޑޮލަރުގެ އަގުހުރި އަސްކަރީ އެހީގެ ސާމާނު ތައިވާނަށް ފޯރުކޮށްދިނުމުގެ ހުއްދަ ބައިޑަންއަށް ދީފައެވެ.
މި ފަހަރު އެމެރިކާއިން ތައިވާނަށް ފޯރުކޮށްދޭން ނިންމާފައިވާ އަސްކަރީ ހަތިޔާރުގެ ތެރޭގައި "އެމް.ޔިޔު-9އޭ" މަރުކާގެ ހަތަރު ޑްރޯން ހިމެނޭ ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ނަމަވެސް، އެމެރިކާއިން މި ކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ. ތައިވާނަށް އަސްކަރީ އެހީގެ އައު ޕެކޭޖެއް ފޮނުވަން އެމެރިކާއިން ނިންމުމާ ގުޅިގެން ތައިވާނުގެ ދިފާޢީ ވުޒާރާއިން ވަނީ އެމެރިކާއަށް ޝުކުރު އަދާކޮށްފައެވެ.
އޭޕްރިލް މަހުގެ ތެރޭގައި ވެސް ޗައިނާއިން ވަނީ ތައިވާން ވަށައިގެންވާ ކަނޑާއި ވައިގެ ސަރަޙައްދުގައި ވަރުގަދަ އަސްކަރީ ތަމްރީނުތަކެއް ބާއްވާފައެވެ. އެ ތަމްރީނުތަކުގެ ތެރެއިން ޗައިނާގެ އަސްކަރީ އުޅަނދުފަހަރު ވަނީ ތައިވާން ވަށައިލާފައެވެ. އެ ތަމްރީނުތައް ބާއްވާފައި ވަނީ ތައިވާނުގެ ރައީސް ޓައި އިންގް-ވެން އެމެރިކާއަށް ވަޑައިގަންނަވައި، އެ ޤައުމުގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސް ކެވިން މެކާތީއާ ބައްދަލުކުރެއްވުމާ ގުޅިގެން، އެ ކަމާ ނުރުހުން ވެގެންނެވެ.