ޚަބަރު

ފާރިސް މައުމޫންވެސް ކެނޑިޑެސީ ފޯމު އިލެކްޝަނަށް ހުށައަޅުއްވައިފި


  • ފާރިސްގެ ރަނިންމޭޓަކީ ޑރ އަބްދުއް ސައްތާރު ޔޫސުފް

  • ފާރިސް މި އިންތިހާބުގައި ވާދަކުރައްވާނީ އަމިއްލަގޮތުން

ސެޕްޓެމްބަރު މަހު 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުންވާދަކުރައްވާނެކަން އިޢުލާންކުރައްވާފައިވާ ފާރިސް މަޢުމޫން، ކެނޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅުއްވައިފިއެވެ. ފާރިސް މަޢުމޫންގެ ރަނިންމޭޓެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ ޑރ. ޢަބްދުއް ޞަތާރު ޔޫސުފެވެ.

ކެނޑިޑެސީ ހަވާލުކުރެއްވުމަށް ބޭއްވި ރަސްމިޔާތުގައި ފާރިސް މަޢުމޫންގެ ރަނިންމޭޓުގެ އިތުރުން ސަޕޯޓަރުން ވަނީ ބައިވެރިވެރިވިއެވެ. ފާރިސްގެ ކެނޑިޑެސީ ފޯމާ ހަވާލުވެވަޑައިގަތީ އެކޮމިޝަންގެ ރައީސް ފުއާދު ތައުފީޤްއެވެ.

މީ މިހާތަނަށް އަމިއްލަ ގޮތުން ވާދަކުރައްވާ ކެނޑިޑޭޓުންގެ ތެރެއިން އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށައެޅި ދެވަނަ ކެނޑިޑޭޓެވެ. މިއަދު މެންދުރު 12:00 ގައި އުމަރު ނަސީރުވެސްވަނީ އަމިއްލަގޮތުން ވާދަކުރެއްވުމަށް ކެނޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅުއްވާފައެވެ.

އިންތިޚާބުގައި ވާދަކުރެއްވުމަށް ފާރިސް ފުރަތަމަ ނިންމެވީ އެމްއާރުއެމްގެ ޓިކެޓްގައެވެ. އެހެންނަމަވެސް 3000 މެމްބަރުން ހަމަނުވެގެން އެ ޕާޓީ އުވާލަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އަދި އެ މައްސަލަ އޮތީ ސިވިލްކޯޓްގައެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް އެމްއާރުއެމުން ހުޅުވާލި ފުރުސަތުގައި ފާރިސް މައުމޫން އެކަނި ނަން ހުށައެޅުވުމުން އޭނާއަށް ޓިކެޓް ދިނުމަށް ނިންމީ ޕާޓީގެ އެކްސްކޯއިންނެވެ. އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރުމަށް ބޭނުންވާ 1500 މީހުންގެ ސޮއިވެސް ފާރިސް ވަނީ ހަމަކުރައްވާފައެވެ.

ފާރިސް މައުމޫންގެ އިންތިޚާބީ އެޖެންޓެއްގެ ގޮތުގައި ކަނޑައެޅުއްވީ، ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރައްވާފައިވާ އިސްމާއިލް ޒަބީހްއެވެ.