ޚަބަރު

ގައިން ގަޔަށް ނާރާ ބަލިތައް- ޞިއްޙީ ދާއިރާއަށް ހުރި ގޮންޖެހުމެއް


ރާއްޖޭގެ ޞިއްޙީ ދާއިރާއަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ގައިން ގަޔަށް ނާރާ ނުވަތަ ނޮން-ކޮމިއުނިކަބަލް ބަލިތައް ކަމަށް ޑަބްލިއު.އެޗް.އޯއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޑރ.އަރްވިންދު މާތޫރު ވިދާޅުވެއްޖެއެވެ.

ޑރ. މާތޫރް މިހެން ވިދާޅުވީ، ޕީއެސްއެމްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައެވެ.

ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ، ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ އަރްވިންދް މާތޫރު ވިދާޅުވީ، ގައިންގަޔަށް ނާރާ، ނުވަތަ ދިރިއުޅުމުގެ އާދަކާދައިގެ ސަބަބުންޖެހޭ ބަލިތައްކަމަށްވާ ހިތުގެ ބަލިތަކާއި، ލޭމައްޗަށް ދިއުން، ހަކުރު ބަލި އަދި ކިޑްނީގެ މައްސަލަތަކަކީ ރާއްޖޭއަށް ކުރި މަތިވެފައިވާ ބޮޑު މައްސަލައެއްކަމަށެވެ.

ޑރ މާތުރު ވިދާޅުވީ މިފަދަ ބަލިތައް އިތުރުވިޔަ ނުދިނުމަށް ރާއްޖޭގެ ސިއްޙީއިދާރާތަކުން ރަގަޅު ޕްލޭންތަކެއް އެކުލަވާލާފައި އެބައޮތްކަމަށާއި، މިހާރު އެންމެ މުހިންމީ މިޕްލޭންތައް ތަންފީޒުކުރުން ކަމަށެވެ. ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަޑައަޅުއްވާފައި ހުންނަވާ މަންދޫބު ވިދާޅުވީ ގައިން ގަޔަށް ނާރާ ބަލިތަކަކީ ދިރިއުޅުމުގެ އާދަކާދައިގެސަބަބުން ޖެހޭ ބަލިތަކަށްވުމުން މިފަދަ ބަލިތައް އިތުރުވާ މިންވަރު މަދުކުރުމަށްފަސޭހަވާނެކަމަށެވެ. އަދި މިކަމަށް ބޭނުންވަނީ ޢާންމުން ހޭލުން ތެރިކަން އިތުރުކުރުމާއިއމިހާރު އެކުލަވާލާފައިވާ ސިޔާސަތުތައް ތަންފީޒުކުރުން ކަމަށް ޑރ މާތޫރު ވިދާޅުވިއެވެ.

ގައިންގަޔަށް ނާރާ ބަލިތައް ޖެހުމަށް މެދުވެރިވާ މައިގަނޑު ކަންތައްތަކުގެ ތެރޭގައިދުންފަތުގެ އިސްތިޢުމާލު ކުރުމާއި، ރަނގަޅުކާނާ ނުކެއުމާއި އަދި ކަސްރަތުނުކުރުންހިމެނޭ ޑރ މާތޫރް ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓުވުމަށް ބާރު އެޅުމަށް ހޭލުން ތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމާއި ދުންފަތުން ނަގާ ޓެކްސްގެ ރޭޓަށް ބަދަލު ގެނައުމަކީ ކުރެވިދާނެކަމެއްކަމަށް ޑރ މާތޫރް ފާހަގަކުރެއްވި އަދި ރާއްޖެއިން މިހާރު ކުރިޔަށް ގެންދާ އައި.ޗޫޒް ލައިފް ކެންޕެއިންއަކީ ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކުރުމަށް އެހީތެރިކަމެއް ލިބިގެން ދާނެ ރަގަޅު ކެންޕެއިނެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކަސްރަތުކުރުމާއި ރަނގަޅު ކާނާ ކެއުމުގެ އާދައަށަގެންނެވުމަށް ސްލޫން ދައުރުން ފެށިގެން ތަފާތު ޙަރަކާތްތައް ކުރިޔަށް ގެންދެވިދާނެ ކަމަށާއި، ކުޅިވަރުކުރުމަށް ޒުވާނުންނަށް ބާރު އަޅާ، ދުވަސްވީ މީހުންގެ މެދުގައިވެސް ކަސްރަތާއި ހެލިފެލިވެ އުޅުމުގެ އާދަ އަށަގެންނެވުމަށް މިހާރަށް ވުރެން ބޮޑަށް މަސައްކަތްކުރަން ޖެހޭކަމަށް ޑރ މާތުރް ވިދާޅުވިއެވެ.

ރާއްޖޭގެ ސިއްޙަތާއި ބެހޭ ވުޒާރާއިން 2014ވަނަ އަހަރު ނެރެފައިވާޤައުމީ ހެލްތް ޕްރޮފައިލްއިން ދައްކާ ގޮތުން ރާއްޖޭގައި މަރުވާ ހަތްދިހަ އަށް އިންސައްތަ މީހުންނަކީ ގައިންގަޔަށް ނާރާ ބަލިތަކުގައި މަރުވާ މީހުންނެވެ. މީގެތެރޭގައި ހިތުގެ ބަލިތަކާއި، ނޭވާލާ ނިޒާމުގެ ބަލިތަކާއި، ކެންސަރު ހިމެނެއެވެ.