ޓުއަރިޒަމް

އައިޓީބީ ބުކްއެވޯޑް ރާއްޖެއާބެހޭގޮތުން ލިޔެފައިވާ ފޮތަކަށް


އައިޓީބީ ފެއާ ބުކް އެވޯޑްގައި 1 ވަނަ ރާއްޖެއާ ބެހޭގޮތުން ލިޔެފައިވާ ފޮތަކަށް ލިބިއްޖެއެވެ. "މަލެޑިވިއަން" ގެ ނަން ދީފައިވާ މި ފޮތަކީ، ޖަރުމަނުވިލާތުގެ ހީނާ ސްޓެޓްމަޔާރ ލިޔުނު ފޮތެކެވެ. މިފޮތުގައި ރާއްޖޭގެ ފަތުރުވެރިކަމާއި، ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުން ރާއްޖޭގައި ހުރި ފުރުސަތުތަކާއި، ރާއްޖޭގެ ރީތިކަމާއި، ރާއްޖެއާބެހޭގޮތުން ތަފާތު އެކިއެކި މަޢްލޫމާތުތައް ހިފެނިފައިވެއެވެ.

އައިޓީބީގައި ރާއްޖެއިން ބޭއްވި ގާލާ ނައިޓްގައި ފެނިގެންދިޔަ ދިވެހިންގެ ހުނަރުވެރި ހަރަކާތްތަކަށް އެކި ޤައުމުތަކުގެ ތައުރީފުދަނީ އޮހެމުންނެވެ. ހެޑް އޮފް އައިޓީބީ ބާރލިން ޑޭވިޑް ރީޓްސް ވިދާޅުވީ ޖަރުމަންވިލާތުގެ ބާރލިންގައި މިހާރު ކުރިއަށްދާ އައިޓީބީ ފެއާރ ފެށުމުގެ ގޮތުން ބޭއްވި ގާލާ ނައިޓަކީ އައިޓީބީގެ ތާރީޚުގައި ބޭއްވި އެންމެ ފުރިހަމަ ގާލާ ނައިޓްކަމަށެވެ.

އައިޓީބީގެ މިއަހަރުގެ ހޮސްޓް ކަންޓްރީއަކީ ދިވެހިރާއްޖެއެވެ. އައިޓީބީ ބުކް އެވާރޑް ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ކުރިން، ދިވެހިރާއްޖޭގެ މީޑިއާއަށް ދެއްވި އެކްސްކުލޫސިވް އިންޓަރވިއުއެއްގައި ހެޑް އޮފް އޮފް އައިޓީބީ ޑޭވިޑް ރީޓްސް ވިދާޅުވީ، ރާއްޖެއިން މިއަހަރު އައިޓީބީ ހޮސްޓް ކުރުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވަނީ ވަރަށް ފުރިހަމައަށް ކަމަށާއި، ޚާއްސަކޮށް ގާލާ ނައިޓަކީ އަޓީބީގެ ތާރީޚުގައިވެސް ބޭއްވި އެންމެ ވަރުގަދަ އަދި އެންމެ ފުރިހަމަ ގާލާ ނައިޓްކަމަށެވެ.

ޑޭވިޑް ވިދާޅުވީ، ރާއްޖޭގެ ޓީމުން މި އަހަރުގެ އައިޓީބީ ހޮސްޓު ކުރުމުގައި ކުރަމުންދާ މަސައްކަތަށް ތައުރީފު ހައްޤު ކަމަށެވެ. އަދި އައިޓީބީ އަކީ، މި ފެއާރގައި ބައިވެރިވާ ހުރިހާ ޤައުމަކަށްވެސް އެ ޤައުމެއްގެ ފަތުރުވެރިކަން ކުރިއެރުވުމަށް ވަރަށް ރަނގަޅު ޕްލެޓްފޯމެއްކަން ޑޭވިޑް ފާހަގަ ކުރެއްވިއެވެ. ކުރިއަށް އޮތް މަސްތަކުގައި ރާއްޖެއަށް އައިޓީބީގެ ފައިދާ ފެންނާނެކަމަށް އުންމީދުކުރައްވާ ކަމަށާއި، ޖަރުމަނުވިލާތުގެ ގިނަ އަދަދެއްގެ މީހުން ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް ޑޭވިޑް ވިދާޅުވިއެވެ.