ޚަބަރު

ޞަލާހުއްދީން ސްކޫލާއެކު ހުޅުމާލޭ ފޭސް 2 ގެ ދަރިވަރުންނަށް ބޮޑު ލުޔެއް


  • ޞަލާޙުއްދީން ސްކޫލަކީ ދެވަނަ ފިޔަވަހީގައި ސާނަވީ ލެވެލްގައި ހުޅުވި ފުރަތަމަ ސްކޫލް

  • ސްކޫލްގައި މިހާރުވެސް 1700 އަށް ވުރެ ގިނަ ކުދިން އަންނަނީ ކިޔަވަމުން

  • ސްކޫލް ހިންގަނީ އެއް ދަންފަޅިއަށް

އާބާދީ އިތުރުވަމުން އަންނަ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ސްކޫލް ކުދިންގެ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ. އެސަރަޙައްދުގައި ދިރިއުޅޭ ކުދިން ދާނެ މާގިނަ ސްކޫލްތަކެއް ނެތުމުން ތަޢުލީމު ޙާސިލްކުރުމަށް ދާންޖެހެނީ މާލެ ނުވަތަ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުރި ސްކޫލަކަށެވެ. މިއީ އެކުދިންނަށް އަދި އެކުދިންގެ ބެލެނިވެރިންނަށްވެސް ފަސޭހަކަމެއް ނޫނެވެ. ދުވަހުގެ ބޮޑުބައެއް ސްކޫލަށް ދިޔުމަށް ހޭދަވެގެންދެއެވެ. އެއް ކުއްޖަކު ސްކޫލް އަވަހަށް ނިމޭނަމަ، އަނެއް ދަރިފުޅު ސްކޫލް ނިމެންދެން ރައްޓެހި މީހެއްގެ ގޭގައި ޔުނިފޯމުގައި ދަރިފުޅު ބަހައްޓަންޖެހޭ މައިންބަފައިން އެބަތިއްބެވެ. އެހެންކަމުން ކުދިންނާއި ބެލެނިވެރިންގެ އެންމެ ބޮޑު އެދުމަކަށްވީ މިކަމަށް ޙައްލެއް ގެނެސް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސާނަވީ ތަޢުލީމަށް ޚާއްސަ ސްކޫލެއް ޤާއިމުވެގެންދިޔުމެވެ.

ސޯޅަ ސަތޭކައަށްވުރެ ގިނަ ކުދިންނާއި ބެލެނިވެރިންގެ މިއުއްމީދު ޙާސިލުކޮށްދިނުމަށް ސަރުކާރުން ވަނީ އަމީން ކޮންސްޓްރަކްޝަނާއި ޙަވާލުކޮށްގެން "ޞަލާޙުއްދީން ސްކޫލް"ގެ ނަމުގައި ސްކޫލެއް ބިނާކޮށްފައެވެ. 2021 ވަނަ އަހަރު އެކުންފުންޏާއި ޙަވާލުކޮށް މަސައްކަތް ފަށާ، މިމަސައްކަތް މިއަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭއިރު ނިންމުމަށް ކޮންޓްރެކްޓަރ މަސައްކަތްކޮށްފައިވާކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވިދާޅުވެއެވެ. ބޮޑެތި ހުރިހާ މަސައްކަތެއް ނިމިފައިވީނަމަވެސް ބައެއް މަސައްކަތްތައް ނުނިމި ހުރިކަން އެޑިއުކޭޝަނުން ވަނީ ފާހަގަކުރައްވާފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ސްކޫލްގެ ޕްރިންސިޕަލް ނާސިޙާ އިދްރީސް ވިދާޅުވީ، ސްކޫލްގައި ބައެއް މަސައްކަތްތައް ނުނިމިހުރިނަމަވެސް، ކިޔަވައިދޭން ފެށުމަށް ނިންމީ ކުދިންގެ ފިލާވަޅުތައް ދިރާސީ ކަލަންޑަރާއެކު ކުރިއަށްގެންދިޔުމަށް ބާރުއެޅުކަމަށްކަމަށެވެ. އަދި މަސައްކަތް ކުރިއަށްދިޔަނަމަވެސް ސްކޫލްގެ ކިޔެވުން ފެށީ، ކުދިންނަށް ރައްކާތެރި މާޙައުލެއްކަން ކަށަވަރުކުރުމަށް ފަހުގައިކަމަށް ނާސިޙާ ވިދާޅުވިއެވެ.

"ތެދެއް. ސްކޫލްގެ ބައެއް ފިނިޝިންގެ މަސައްކަތް އެބަހުރި އަދި ނުނިމި. އެކަމަކު އަޅުގަނޑުމެންނަކަށް ޤަބޫލެއް ނުކުރެވޭ އެއީ ކުދިންތަކެއްގެ ކިޔެވުން މަޑުޖެހިފައި އޮންނަންޖެހޭ ކަމެއްކަމުގައި. ކިރިޔާވެސް ރައްކާތެރިކަން ކަށަވަރުވާނަމަ އަޅުގަނޑުމެން އުފާކުރަން ކުދިންގެ ކިޔެވުން ފެށުނީތީ. ބެލެނިވެރިންގެ ފަރާތުން ލިބިގެންދަނީ ވަރަށް ޕޮޒިޓިވް ފީޑްބެކެއް. އެއީ ވަރަށް ދުވަހުގެ ތަކުލީފު މިނިމުމަކަށް އައީ." ނާސިޙާ ވިދާޅުވިއެވެ.

ނާސިޙާ ވިދާޅުވީ، ސްކޫލްގެ ކިޔެވުން މިހާރު ކުރިއަށްގެންދަނީ މެންދުރު 12 ޖެހުމާއިހަމައަށްކަމަށެވެ. އަދި ކުދިން ނުތިބޭ ގަޑިތަކުގައި ނުނިމިހުރި ފިނިޝިންގެ މަސައްކަތްތައް ކުރިއަށް ގެންގޮސް، މިމަހުގެ ނިޔަލަށް ހުރިހާ މަސައްކަތެއްވެސް ނިމޭނެކަމަށް ކޮންޓްރެކްޓަރާއި ޙަވާލާދެއްވާ ނާސިޙާ ވިދާޅުވިއެވެ. އަދި ކުދިންނަށް ބޭނުންވާ ރައްކާތެރި ބޯފެނާއި، ފާޚާނާތަކުގެ މަސައްކަތް މިހާރު ނިމިފައިވާކަންވެސް ނާސިޙާ ފާހަގަކުރެއްވިއެވެ.

ސްކޫލްގައި ކިޔަވައިދޭން ފެށުމުން ބެލެނިވެރިން ތިބީ ލިބިގެންދިޔަ ލުޔާއެކު ވަރަށް ބޮޑަށްވެސް ހިތްހަމަޖެހިފައެވެ. ކުދިންގޮވައިގެން އަތްވާއި ވާރެއާއި އަދި ގަދަވައިގައިވެސް ބްރިޖް ހުރަސްކޮށް ކުރި ދަތުރުތައް ނިމުމަކަށް އައިސް ދިރިއުޅޭ ސަރަޙައްދުން ދަރިންނަށް ކިޔެވޭނެ މަގުފަހިވެގެން ދިޔުމަކީ ބެލެނިވެރިން ކުރި ދިގު އިންތިޒާރެކެވެ.

ޢިމާރާތުގެ ހުރިހާ މަސައްކަތެއް މިމަހުގެ ނިޔަލަށް ނިމި، ސްކޫލަށް ބޭނުންވާ އެހެނިހެން ވަޞީލަތްތައްވެސް މިމުއްދަތުގެ ތެރޭގައި ޤާއިމުވެގެންދާނެކަމަށް ސްކޫލުން ބުނެއެވެ. އެގޮތުން ލައިބްރަރީއާއި ލެބޯޓްރީއާއި، މިނޫންވެސް އެކި އިތުރު ޙަރަކާތްތައް ހިންގޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަން ސްކޫލުން ފާހަގަކުރެއެވެ. އަދި ސްކޫލަށް ބޭނުންވާ ގިނަ މުދައްރިސުން ހަމަވެފައިވާއިރު ދިވެހިން ނުލިބުނު 2 މަޤާމަކަށް ހޯދި ބޭރު ޓީޗަރުން ވަރަށް އަވަހަށް ސްކޫލާއި ގުޅޭނެކަމަށްވެސް ސްކޫލުން މައުލޫމާތުދެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސާނަވީ ގުރޭޑުތަކަށް ކިޔަވައިދޭން ފެށި ފުރަތަމަ ސްކޫލް ހުޅުވިގެން ދިޔުމަކީ އެސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކަށް ލިބިގެންދިޔަ ބޮޑު ލުއިފަސޭހައެކެވެ. ޞަލާޙުއްދީން ސްކޫލްގައި މިހާރު 1700 އަށްވުރެ ގިނަ ދަރިވަރުން އަންނަނީ ތަޢުލީމު ޙާސިލުކުރަމުންނެވެ. ސްކޫލަށް ވަނުމަށް އަދިވެސް ގިނަ ދަރިވަރުން އެދެމުންދާކަން ސްކޫލުން ފާހަގަކުރެއެވެ. މިއަހަރު އެސްކޫލްގައި ކިޔަވައިދެމުންދަނީ ގްރޭޑު 1 އިން ފެށިގެން ގްރޭޑު 9 އަކާއި ހަމައަށެވެ. އަދި އަންނަ އަހަރު ގްރޭޑު 10 ތަޢާރަފްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.