ޚަބަރު

ރަސްމީ ތައުލީމުގެ ތެރެއަށް މަސައްކަތު ތަޢުލީމު ހިމެނުމަށް ތައްޔާރުވަނީ


  • ރަސްމީ ތައުލީމުގެ ނިޒާމުގެ ތެރެއިން، ސުކޫލު ތަކުގައި މަސައްކަތުގެ ތައުލީމު ހިމަނަނީ

  • ސްޓެމް އެޑިޔުކޭޝަންވެސް ސުކޫލުތަކުގައި ފެށުމަށް ތައްޔާރުވަނީ

  • ވަޞީލަތްތައް ހަމަކޮށް ތަމްރީން ދޭނެ

ރަސްމީ ތައުލީމުގެ ނިޒާމުގެ ތެރެއިން، ސުކޫލުތަކުގައި މަސައްކަތުގެ ތަޢުލީމު، އުންގަންނައިދޭން ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.އައިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާ ގުޅިގެން މިނިސްޓަރ ދެއްވި ޚިތާބުގައި ވަނީ ސުކޫލުތަކުގެ އަދި ތަޢުލީމީ ނިޒާމުގެވެސް، އެންމެ މަތީ އަރުތަ މިންކުރެވޭނޭ މައިގަނޑު އަސާސަކީ ރާއްޖޭގެ ގައުމީ މަންހަޖުގެ ތަސައްވުރުކަން ފާހަގަ ކުރައްވާފައެވެ. އަދި މަންހަޖުގެ ތަސައްވުރަކީ، ކޮންމެ ދަރިވަރަކީވެސް ދިރިއުޅުމަށް ތައްޔާރުވެފައިވާ ކުއްޖަކަށް ހެދުންކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ޑރ.އައިޝަތު އަލީ ދެއްވި ޚިތާބުގައި ވިދާޅުވީ ރާއްޖޭގެ ތައުލީމީ ބިނާރު އިތުރަށް ބިނާކުރާން ޖެހޭކަމަށާއި، ކުލާސްރޫމްތައް އިތުރުކޮށް ވަސީލަތްތައް ގާއިމު ކުރާން ޖެހޭކަމަށެވެ. އަދި ސުކޫލުތަކުގެ އެތެރެވެއްޓާއި ބޭރުވެށީގައި، ތަފާތު ކުޅިވަރު ކުޅެވޭނޭ އިންތިޒާމުތައް އެކަށައަޅާން ޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިމަގަށް ވާޞިލްވުމަށްޓަކައި މި 5 އަހަރުދުވަހުގެ ތެރޭގައި އެތައް ސްކޫލްތަކެ އެއް ދަންފަޅިއަށް ބަދަލުކޮށް ކްލާސްރޫމްތަކާއި ވަޞީލަތައްތައް ޤާއިމްކުރައްވާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ ޒިންމާދާރު، ހަރުދަނާ ރައްޔިތެއް ބިނާކުރެވޭނީ، ދެވޭ ތައުލީމު، ވަށާ ޖެހިގެންކަމަށާއި، ދަރިވަރުންނަކީ މަސައްކަތުގެ މާހައުލާ ރައްޓެހި ބަޔަކަށްވެސް ހެދިގެންކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތް ތަނުގައި ރަސްމީ ތައުލީމުގެ ނިޒާމުގެ ތެރެއިން، ސުކޫލު ތަކުގައި މަސައްކަތުގެ ތައުލީމު، އުންގަންނައިދޭން ފެށުމަށް ތައްޔާރު ވަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި 21 ވަނަ ގަރުނުގެ މައިގަނޑު ހުނަރުތައް ދަރިވަރުންނަށް ލިބިދިނުމަށްޓަކައި، ސްޓެމް އެޑިޔުކޭޝަންވެސް ސުކޫލުތަކުގައި ފެށުމަށް ތައްޔާރުވަމުން އަންނަކަންވެސް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ އެކަންކަމަށް ބޭނުންވާ ވަޞީލަތައްތައް ސުކޫލުތަކުގައި ގާއިމުކޮށް ތަމުރީނުތައް ދެވޭނެކަމަށެވެ.

"މިފަދަ ހުރިހާ ވަސީލަތެއް ސުކޫލުތަކުގައި ގާއިމު ކުރެވެނީ ހުރިހާ ކުދީން ޝާމިލު ކޮށްގެން ތައުލީމު ފޯރުކޮށްދެވޭ ގޮތަށް. އެކި ގޮތްގޮތުން އުނގެނުމުގެ އެހީތެރިކަން ބޭނުންވާ، ވަރަށް ގިނަ ކުދިބަޔަކު އަޅުގަނޑުމެންގެތެރޭގައި ވާކަން އެއީ އަޅުގަނޑުމެންގެ ހަނދާނުގައި އަބަދުވެސް ހުންނަ ހަގީގަތެއް. އެހެންކަމުން، ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ އިރުޝާދާއެކު، ޝާމިލު ވެށި ބިނާކުރެވި، ދަރިވަރުންނަށް އެކަމުގެ ފައިދާ ކުރާނޭފަދަ މަސައްކަތްތަކެއް ވަނީ ކުރެވިފައި. ނަތީޖާއެއްގެ ގޮތުން، އެތަކެއް ދަރިވަރުންނަށް އޭގެ މަންފާ ވަނީ ލިބިފައި. އަދި ކުރިޔަށް އޮތް ތާގައިވެސް، އިރާދަ ކުރެއްވިއްޔާ އެކަމުގެ ތާސީރު، ޖީލުތަކަށް ލިބިގެން ދާނެ. އެކަމުގެ ރާހަތު ދަރިދަރިކޮޅަށް ފޯރާނެ. އެކަމުގެ ހެޔޮ އަސަރު މި ދިވެހި މުޖުތަމައުން ފެންނާނެ." މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.އައިޝަތު އަލީ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ ދުނިޔޭގެ ކުރިއަރާފައިވާ މުޖުތަމައުތަކުގައި މުދައްރިސުންގެ ހައްގު، މަތިވެރި ދަރަޖަ މުޖުތަމައުގައި ގާއިމުވެފައި އޮތުމަށްޓަކައި، މުދައްރިސުންނަކީ، އުންގަންނައިދިނުމުގެ ވަކި ލައިސެންސެއް އޮންނަ ބަޔެއްކަމަށް ކަނޑައަޅާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ދިވެހި މުދައްރިސުންނަށްވެސް ފުރިހަމަ ހައްޤު ފޯރުކޮށްދިނުމާއި ޒިންމާތަކާއި މަސްއޫލިއްޔަތު އަދާކުރުމުގެ ޤާބިލުކަމާއި ހުނަރާއި މަސައްކަތުގެ އަހުލާގު ލިބިފައިވާ ބައެއްކަން ކަށަވަރުކުރުމަށް އުނގަންނައި ދިނުމުގެ ލައިސަންސް ލިބުމަކީ މުދައްރިސުންނަށް އެރުވޭ ޝަރަފެއްކަން ފާހަގަކުރައްވާފައެވެ.

"ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވަނީ މުދައްރިސުންނަކީ އަސްލުގައިވެސް ގައުމީ ބިނާވެރީންކަން އަމަލީގޮތުން ދައްކުވައިދެއްވާފައި. ނަންވެ، ކަންވެސް ވާ ބައެއްގެ ގޮތުގައި މުޖުތަމަޢަށް ދައްކުވައިދެއްވާފައި. އެހެންކަމުން އަޅުގަނޑުގެ އެދުމަކީ، ކޮންމެ ބޭފުޅަކީވެސް މުދައްރިސުންނަށް ހައްގު އިހުތިރާމު އަދާކުރައްވާ، ގަދަރު ދެއްވާ، ކަމޭ ހިއްތަވާ ބޭފުޅަކަށް ވުން. ހަމަ އެގޮތަށް، އެދުރުންނަކީ މުޖުތަމައު ބަލައިގަންނަ، އިހުތިރާމުކުރާ، ގަދަރުވެރި ބައެއްގެ ގޮތުގައި ވުން." މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.އައިޝަތު އަލީ ވިދާޅުވިއެވެ.

މިނިސްޓަރގެ ޚިޠާބުގައި ވަނީ ކޮންމެ ދަރިވަރަކީ ތަފާތު ހުނަރެއް ހުންނަ ދަރިވަރެއްކަން ފާހަގަކޮށް އެ ދަރިވަރަކު ދާން ބޭނުންވާ ރޮނގަކުން ހިތްމަތާއެކު ކުރިއަށް ދިއުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ޒިންމާދާރު، މަސްއޫލިއްޔަތު އަދާކުރާ، ދުނިޔެއަށް ލޯ ހުޅުވިފައިވާ ބަޔަކަށް ދަރީން ވާނީ، އެކުދީންނަށް ޒިންމާ އުފުލާން ދަސްކޮށްދީގެންކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ އެކުދީންގެ އަމަލުތަކުގެ ޒިންމާ އެކުދީން އުފުލާން ޖެހޭނޭކަން ވިސްނައިދީ ތަރުބިއްޔަތު ކުރުމަށް ބެލެނިވެރިންނަށް އިލްތިމާސްކުރައްވާފައެވެ.