ޚަބަރު

84،000 ދަރިވަރުންނާއެކު ދިރާސީ އައު އަހަރުގެ ކިޔެވުން ފަށައިފި


  • ދިރާސީ އައު އަހަރުގައި 84000 ދަރިވަރުން

  • މާލޭ ސަރަޙައްދުގެ ސަރުކާރު ސްކޫލްތަކުގެ ގްރޭޑް އެކެކަށް 2491 ދަރިވަރުން

  • އަލަށް 3 ސްކޫލެއްގައި އަލަށް ކިޔަވައިދޭން ވަނީ ފަށާފައި

84000 އަށްވުރެ ގިނަ ދަރިވަރުންނާއެކު ދިރާސީ އައު އަހަރުގެ ކިޔެވުން ފަށައިފިއެވެ. ދޮޅު މަސްދުވަހުގެ ޗުއްޓީއަކަށްފަހު، މިފެށި ދިރާސީ އައު އަހަރާއެކު، ސަރުކާރުގެ 216 ސްކޫލްގައި 73,000 ދަރިވަރުން ތަޢުލީމު ހާސިލުކުރާނެއެވެ. އޭގެ ތެރެއިން 25,000 އަށް ވުރެ ގިނަ ދަރިވަރުންނަކީ މާލޭ ސަރަޙައްދުގައި ތަޢުލީމު ހާސިލުކުރާ ދަރިވަރުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރައްވާ ގޮތުގައި މިއަހަރު ގްރޭޑް އެކެއްގައި 7000 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ހާސިލުކުރަން ފަށާއިރު އޭގެ ތެރެއިން މާލޭ ސަރަޙައްދުގެ ސަރުކާރު ސްކޫލްތަކުގެ ގްރޭޑް އެކެކަށް 2491 ދަރިވަރުން ވަނީ އެންރޯލް ކޮށްފައެވެ.

ސަރުކާރުގެ އެއް ދަންފަޅިއަށް ސްކޫލްތަކުގައި ކިޔަވައިދިނުމުގެ ސިޔާސަތާ އެއްގޮތަށް މި އަހަރު 156 ސްކޫލެއްގައި ކިޔަވައިދޭނީ އެއް ދަންފަޅިއަށެވެ. އަދި ސެޓްލައިޓް ސްކޫލް ނިޒާމަށް 6 ސްކޫލެއްގައި ކިޔަވައިދޭނެއެވެ. އޭގެ ތެރޭގައި ހިމެނެނީ، ވ.ތިނަދޫ ސްކޫލް، ރަކީދޫ ސްކޫލް ، ބ. ފެހެންދޫ ސްކޫލް، ފުޅަދޫ ސްކޫލް، ގއ.ކޮނޑޭ ސްކޫލް އަދި އދ. ދިއްދޫ ސްކޫލް ހިމެނެއެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. އެގޮތުން ސްކޫލްތަކަށް ޢުމްރާނީ ގޮތުން ގެންނަންޖެހޭ ބަދަލުތަކާއި، އެހެނިހެން ވަޞީލަތް ހަމަކުރުމުގެ މަސައްކަތް އެމިނިސްޓްރީން ކުރައްވާފައިވެއެވެ. އަދި ބައެއް މަސައްކަތްތައް މިހާރުވެސް ހިނގަމުންދެއެވެ. ދިރާސީ އައު އަހަރަށް ސްކޫލްތަކަށް ބޭނުންވާ މުދައްރިސުންވެސް ވަނީ ހަމަކުރައްވާފައެވެ. އެގޮތުން ސަރުކާރުގެ ސްކޫލްތަކުގައި ދިވެހި 6516 މުދައްރިސުންނާއި، 1843 ބިދޭސީ މުދައްރިސުން ކިޔަވައިދެއްވާނެއެވެ.

މިއަހަރުގެ ދިރާސީ އައު އަހަރު މާލެ ސަރަޙައްދުގައި އަލަށް 3 ސްކޫލްއެއްގައި ކިޔަވައިދޭން ވަނީ ފަށާފައެވެ. އެއީ ދަރުމަވަންތަ ސްކޫލްގެ އައު ޢިމާރާތާއި، ހުޅުމާލޭގައި ޢިމާރާތްކުރި ސީއެޗްއެސްސީގެ އައު އިމާރާތާއި، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރި ޞަލާހުއްދީން ސްކޫލެވެ. މި 3 ސްކޫލްގައިވެސް ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ އެއްދަންފަޅިއަށެވެ. މި 3 ސްކޫލާއެކު މާލެ ސަރަޙައްދުގައި 4 ސްކޫލެއްގައި އެއް ދަންފަޅިއަށް ކިޔަވައިދެމުންދާނެއެވެ.


ކޮންމެ ދަރިވަރަކަށްވެސް އެންމެ ރަނގަޅު ތަޢުލީމެއް ލިބޭނެ ވެއްޓެއް ޤާއިމްކުރުމުގެ މަސައްކަތުގެ ދަށުން މިވޭތުވެދިޔަ 5 އަހަރުގެ ތެރޭގައު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކްލާސްރޫމްތަކާއި ހޯލް އަދި އެހެނިހެން މަޝްރޫޢުތައް ހިމެނޭހެން 63 މަޝްރޫޢުއްގެ މަސައްކަތް ވަނީ ނިންމާލާފައެވެ. އޭގެ ތެރޭގައި 265 ކްލާސްރޫމާއި، 20 މަލްޓިޕަރޕަސް ހޯލާއި، 72 އެހެނިހެން ވަޞީލަތްތައް ހިމެނެއެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިހާރުވެސް 800 ކްލާސްރޫމްއާއި 47 މަލްޓިޕަރޕަސް ހޯލް އަދި 192 އެހެނިހެން ވަޞީލަތްތައް ހިމެނޭހެން ޖުމުލަ 109 މަޝްރޫޢުއެއް އަންނަނީ ކުރިއަށް ގެންދަމުންނެވެ.

ދިރާސީ އަހަރު މީގެކުރިން އަހަރުގެ ކުރީކޮޅު ފެށިނަމަވެސް، މިހާރު ދިރާސީ އަހަރުގެ ކިޔެވުން ފަށަނީ އަހަރުގެ މެދުތެރޭގައެވެ. އެގޮތުން މިހިނގާ އަހަރުގެ، ކިޔެވުން ކުރިއަށްދާނީ އޮގަސްޓްމަހުގެ 6 ވަނަ ދުވަހުން ފެށިގެން އަންނަ އަހަރުގެ ޖޫންމަހުގެ 13 ވަނަ ދުވަހަށެވެ.