ޚަބަރު

މާލެއަށް ވަރަށް ބޮޑަށް އުދައަރައި، ބައެއް މީހުންނާއި އުޅަނދުތަކަށް ގެއްލުން


  • އުދަ އަރާފައިވަނީ މެންދުރުފަހު 3:00 ހާއިރު

  • ބައެއް މީހުންނާއި އުޅަނދުތަކަށް ގެއްލުން

  • އެންމެ ބޮޑަށް އުދައެރީ ލޮނުޒިޔާރަތްކޮޅު ސަރަހައްދާއި ސިނަމާލެ ބްރިޖާއި ހައިވޭ ގުޅޭ ޖަންކްޝަނަށް

މާލޭގެ ބައެއް ސަރަހައްދުތަކަށް މިއަދު އުދަ އަރައި، ބައެއް މީހުންނާއި އުޅަނދުތަކަށް ގެއްލުން ލިބިއްޖެއެވެ.

މިއަދު ހަވީރު 3:00 ހާއިރު ދިޔަވަރު ބޮޑުވި ވަގުތުތަކުގައި އެންމެ ބޮޑަށް އުދައަރާފައި ވަނީ މާލޭގެ ލޮނުޒިޔާރަތްކޮޅު ސަރަހައްދާއި ސިނަމާލެ ބްރިޖާއި ހައިވޭ ގުޅޭ ޖަންކްޝަނަށެވެ.

އާއްމުވެފައިވާ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި ސިނަމާލެ ބްރިޖާއި ހައިވޭ ގުޅޭ ޖަންކްޝަނަށް އުދައެރި ވަގުތު، އެ ސަރަހައްދުން ސައިކަލުގައި ދަތުރުކުރި ބައެއް މީހުންނާއި އެ މީހުންގެ ވެހިކަލްތަކަށް ވަނީ އެކި ވަރުގެ ގެއްލުން ލިބިފައެވެ. ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބުނުކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

ސިނަމާލެ ބްރިޖާއި ހައިވޭ ގުޅޭ ޖަންކްޝަންގެ އިތުރުން، ބޮޑުތަކުރުފާނު މަގުން ލޮނުޒިޔާރަތްކޮޅާއި ދިމާލުންވެސް ވަރަށް ބޮޑަށް ވަނީ އުދައަރާފައެވެ. އަދި އުދައެރުމުގެ ސަބަބުން އެ ސަރަހައްދަށް ވަނީ ގިނަ އަދަދަކަށް ގަލާއި ވެލި އަރާފައިވެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މީގެ ތިންދުވަސް ކުރިން އުދަ އަރާނެކަމަށް ލަފާކުރެވޭތީ އެކަމަށް ސަމާލުވުމަށް އަންގާފައިވާ ކަމަށެވެ.

މެޓް އޮފީހުން މިއަދު ވަނީ މާލެ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް އުދައަރާނެކަަމަށް ހުދު ސަމާލުވެސް ނެރެފައެވެ.

މެޓް އޮފީހުން ވިދާޅުވީ، ދެވައްތަރެއްގެ އުދަ އަރާނެކަމަށާއި، އެއީ ކަނޑުގަދަވެގެން އަރާ އުދަ އާއި، ކަނޑުގައި އުފެދޭ ރާޅު ބޮޑުވެގެން ނުވަތަ ބާނި ބޮޑުވެގެން އަރާ އުދަކަމަށެވެ. އެގޮތުން މިއަދު މާލެއަށް އަރާފައިވަނީ ކަނޑުގެ ބާނި ބޮޑުވެގެން އެރި އުދައެއްކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ. މިގޮތަށް އުދަ އަރާއިރު، ރާޅުގެ އުސްމިނުގައި 6 ފޫޓު ހުންނާނެކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.

މާލެއަށް އުދައެރިނަމަވެސް މޫސުން ރަނގަޅުކަމަށާއި، އެހެންނަމަވެސް މެދު ރާއްޖެތެރެއާއި ދެކުނުގެ ބައެއް އަތޮޅުތަކަށް ވިއްސާރަކުރާނެކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ.

މާލޭގެ އިތުރުން ރާއްޖޭގެ އެހެން ބައެއް އަތޮޅުތަކަށްވެސް އުދަ އަރައިގެން ރިޕޯޓުކޮށްފައިވާކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ. އެގޮތުން، ލ އަތޮޅާއި އައްޑޫ ސިޓީގެ ބައެއް ރަށްތަކަށް އުދަ އަރާފައިވާކަމުގެ ރިޕޯޓް ލިބިފައިވާކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ.

މާލެ ސަރަހައްދަށް އުދަ އަރަމުންދާތީ، ބުރިޖާއި ހައިވޭއިން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވެލެއްވުމަށް ފުލުހުންގެ އިދާރާއިންވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.