މުނިފޫހިފިލުވުން

ގާލާ ރައުންޑުން ވަކިވާ ބައިވެރިޔަކު އިޢުލާން ކުރުން މިރޭ


މޯލްޑިވިއަން އައިޑަލްގެ ރޭގެ ޝޯވގައި ލަވަ ހުށައަޅައިދިން ގަދަ 10 ބައިވެރިންގެ ތެރެއިން، ކުރިއަށް އޮތް ޝޯވއަށް ދަތުރުކުރާ ބައިވެރިން އިޢުލާން ކުރުމަށް ބާއްވާ ޝޯވ، މިރޭ ޓީ.ވީ.އެމުން ދައްކާނެއެވެ.މި ޝޯވ ދެއްކުމަށް ހަމަޖެހިފައިވަނީ މިރޭ 22:30 ގައެވެ. މޯލްޑިވިއަން އައިޑަލް ގާލާ ރައުންޑުގެ 3 ވަނަ ޝޯވ "މޫވީ ނައިޓް" މި ތީމަށް ޚާއްސަކޮށްފައިވާއިރު، ރޭގެ ޝޯވގައި ބައިވެރިން ވަނީ ދިވެހި ފިލްމުތަކުން ފާހަގަކޮށްލެވުނު ހިތްގައިމު ރީތި ލަވަތަކެއް ހުށައަޅާދީފައެވެ. އަދި މީގެ ތެރެއިން ބެލުންތެރިންނަށް އެންމެ ކަމުދިޔަ ހުށައެޅުމެއް ހުށައަޅާދިން ބައިވެރިންނަށް އެސް.އެމް.އެސް ކުރުމުގެ ފުރުސަތު ރޭގެ ޝޯވ ދެއްކި ވަގުތުން ފެށިގެން މިއަދު ހަވީރު 4 ޖެހުމާއި ހަމައަށް ހުޅުވާލާފައިވެއެވެ. މި ޝޯވއަށް ބެލުންތެރިން ފޮނުވާ ވޯޓަކީ ޞައްޙަ ވޯޓެއްކަން ޔަޤީންކުރުމަށާއި، ވޯޓު ގުނުން ކުރިއަށް ދަނީ އެންމެ އިންސާފުވެރިކޮށްތޯ ބެލުމުގެ މަސައްކަތް ކުރައްވަނީ އޭ.އެޗް އޯސިއޭޓްސް، އެލް.އެލް.ޕީ ނަމަކަށް ކިޔާ މިނިވަން އޮޑިޓް ފާމެއްގެ ފަރާތުންނެވެ.12 ބައިވެރިންނާއެކު ފެށުނު މޯލްޑިވިއަން އައިޑަލް ގާލާ ރައުންޑުގެ މިހާތަނަށް އައިއިރު، 2 ބައިވެރިޔަކު ވަނީ މި މުބާރާތުން ވަކިވެފައެވެ. އެ ދެ ބައިވެރިންނަކީ މުހައްމަދު އިފްހާމް އަޝްފާޤް އަދި ފާތުމަތު ނައްބަތެވެ. ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ރިއަލިޓީ ޝޯވ "މޯލްޑިވިއަން އައިޑަލް"ގެ ޝޯވތަކަށް ބެލުންތެރިންގެ ފަރާތުން ވަރަށް ބޮޑު ތަރުޙީބެއް ލިބެމުން އަންނަކަމަށާއި، ސޯޝަލް މީޑިއާއާއި އެހެނިހެން ގޮތްގޮތުން މިޝޯވއަށް ބެލުންތެރިންގެ ފަރާތުން ރަނގަޅު ކޮމެންޓުތަކެއް ލިބެމުންދާކަން އައިޑަލްގެ ޕްރޮޖެކްޓް ޓީމުން ފާހަގަކުރެއެވެ.މޯލްޑިވިއަން އައިޑަލްގެ ޝޯވތައް ޓީ.ވީ.އެމްގެ އިތުރުން، މީޑިއާ ނެޓްގެ އައިސް ޓީވީ މެދުވެރިކޮށް އެޗް.ޑީކޮށް އާއްމުންނަށް ފެންނާނެއެވެ. މީގެ އިތުރުން ޕީ.އެސް.އެމްގެ ލައިވް ސްޓްރީމް މެދުވެރިކޮށްވެސް ރާއްޖެއާއި ރާއްޖޭން ބޭރުގެ ޤައުމުތަކުގައި ދިރިއުޅޭ ފަރާތްތަކަށް މި ޝޯވ ބަލާލެވޭނެއެވެ. އަދި މޯލްޑިވިއަން އައިޑަލްގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށްވެސް އެޗްޑީކޮށް މި ޝޯވ ބަލާލުމުގެ ފުރުސަތު އާންމުންނަށް ލިބޭނެއެވެ.މޯލްޑިވިއަން އައިޑަލްގެ ޓައިޓަލް ހޯދާ ފަރާތަކަށް ގްރޭންޑް ޕްރައިޒެއްގެ ގޮތުގައި 250،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ. މިހާރު ތާވަލްކުރެވިފައިވާގޮތުންނަމަ މޯލްޑިވިއަން އައިޑަލްގެ ގަދަ 3 ބައިވެރިންނާއެކު، މި ޝޯވގެ ގްރޭންޑް ފިނާލޭ ދެއްކުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލްމަހުގެ 30 ވަނަ ދުވަހުއެވެ.