ކުޅިވަރު

ފަހު ވަގުތު ގްރީންއާ އެއްވަރުކޮށް ވެލެންސިއާއަށް ފުރަތަމަ ޕޮއިންޓް


އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއަރ ލީގުގައި ކުލަބު ގްރީން ސްޓްރީޓްސްއާ ފަހު ވަގުތު އެއްވަރުކޮށް، ކުލަބު ވެލެންސިއާއިން ލީގުގައި ފުރަތަމަ ޕޮއިންޓް ހޯދައިފިއެވެ.

ޤައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

މިއީ މި ސީޒަނުގެ ލީގުގައި ވެލެންސިއާއިން ބަލިނުވެ ނިންމާލި ޖެހުނު ފުރަތަމަ މެޗެވެ. އެގޮތުން މީގެ ކުރިން ލީގުގައި ކުޅުނު ހަ މެޗުންވެސް ވެލެންސިއާ ވަނީ ބަލިވެފައެވެ.

މިއަދު ކުޅުނު މެޗުގައި ގްރީން ސްޓްރީޓްސްއިން ލީޑު ނެގީ ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައެވެ. ހިލޭ ޖެހުމަކުން މި ލަނޑު ގްރީން ސްޓްރީޓްސްއަށް ކާމިޔާބުކޮށްދިނީ ހަސީބު އިބްރާހީމެވެ. މި ލަނޑަށްފަހު މެޗުގެ ފުރަތަމަ ހާފުގައި ވެލެންސިއާގެ އުއްމީދީ ކުޅުންތެރިން ކަމަށްވާ މުޙައްމަދު އިލާން އިމްރާނާއި އީތަން އިބްރާހީމް ޒަކީއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި މެޗުގެ ދެވަނަ ހާފުގައި ވެލެންސިއާއިން ގިނަ ބަދަލުތަކެއް ގެނައެވެ. އެންމެ ޚާއްސަ ބަދަލެއްގެ ގޮތުގައި ފެނިގެންދިޔައީ އެ ޓީމުގެ ސަމްދޫހް މުޙައްމަދު ކުޅެން ނުކުތުމެވެ. އަދި އާޔަން އާމިރު ޔޫސުފުވެސް ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި ތަފާތު ދައްކާފައެވެ.

މި މެޗުން ވެލެންސިއާ ބަލިވިޔަނުދީ ސަލާމަތްކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ އާޔަނެވެ. މިއީ އަބްދުﷲ ޔާމިން ތަނަވަސްކޮށްދިން ފުރުސަތަކުން މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް އާޔަން ކާމިޔާބުކުރި ލަނޑެކެވެ.

މި ނަތީޖާއާއެކު ގަދަ ފަސް ޓީމުގެ ތެރޭގައި ހިމެނުމަށް ގްރީން ސްޓްރީޓްސްއިން ކުރަމުން އަންނަ މަސައްކަތަށް ވަނީ ހުރަސް އެޅިފައެވެ. ތާވަލުގެ ހަވަނައިގައި ގްރީން އޮތީ ކުޅުނު ހަތް މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކުއެވެ. އަދި ފަސްވަނައިގައި ޓީސީ އޮތީ ކުޅުނު ހަތް މެޗުން 10 ޕޮއިންޓާއެކުއެވެ.