ޚަބަރު

ލޯވަޅު ތޮރުފައިގެން ކެމެރާ ލައްވައިގެން ކުރާ އޮޕަރޭޝަންތައް ގަމު ހޮސްޕިޓަލުގައި ފަށަނީ


  • ލެޕްރޮސްކޮޕީއަކީ ނުފަޅާ، ލޯވަޅެއް ތޮރުފައިގެން ކެމެރާ ލައްވައިގެން ކުރާ އޮޕަރޭޝަނެއް

  • މިމަހުގެ ތެރޭގައި ގަމު ހޮސްޕިޓަލްގައި ލެޕްރޮސްކޮޕީ ސަރޖަރީ ފަށާނެ

  • އެކަމަށް ބޭނުންވާ ވަސީލަތްތައް މިހާރު ވަނީ ޤާއިމުކޮށްފަ

ލ. ގަމު ރީޖަނަލް ހޮސްޕިޓަލްގައި ލެޕްރޮސްކޮޕީ ސަރޖަރީގެ ޚިދުމަތް ފެށުމަށް ތައްޔާރުވެއްޖެއެވެ. މިއީ ކުދިކުދި އޮޕަރޭޝަންތައް ހަށިގަނޑު ތަނެއް ފަޅައިގެން ކުރުމުގެ ބަދަލުގައި، ކުޑަލޯވަޅެއް ތޮރުފައިގެން ކެމެރާ ލައްވައިގެން ކުރާ އޮޕަރޭޝަނެކެވެ.

ރާއްޖޭގެ ސިއްޙީ ނިޒާމު އޮތްގޮތުން، ކުދިކުދި ސަރޖަރީތައް ހެދުމަށްވެސް ބަރޯސާވާންޖެހެނީ މާލެއަށެވެ. ސިއްޙީ ޚިދުމަތްތައް ލާމަރުކަޒުކޮށް، ޚިދުމަތަށް އާއްމުންނާއި ސަރުކާރުން ކުރާ ހޭދަ ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން އަންނަނީ ކުރައްވަމުންނެވެ.

ރާއްޖޭގެ ދެކުނުން ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށްވެސް ސިއްޙީ އައު އިތުރު ޚިދުމަތްތައް އަންނަނީ ތަޢާރްފުކުރަމުންނެވެ. އެގޮތުން ލެޕްރޮސްކޮޕީ ސަރޖަރީގެ ޚިދުމަތަކީވެސް މުޅިން އަލަށް އެ ހޮސްޕިޓަލްގައި ފަށާ ޚިދުމަތެކެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލްއިން ވިދާޅުވީ، ލެޕްރޮސްކޮޕީ ސަރޖަރީއަށް ބޭނުންވާ މެޝިނަރީ އިންސްޓޯލްކޮށް، ބޭނުންވާ އިތުރު ސާމާނުވެސް ހޯދާފައިވާކަމަށެވެ. މި މަސައްކަތް ކުރިއަށްގެންދަނީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ މެޑިކަލް ޓީމާއި ގުޅިގެންނެވެ. އެގޮތުން މި ޚިދުމަތް ފެށުމަށް، ގަމު ހޮސްޕިޓަލްގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ދިނުމުގެ މަސައްކަތްވެސް އައިޖީއެމްޗްއާއި ގުޅިގެން ދަނީ ކުރިއަށްގެންދަމުންނެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލްއިން ވިދާޅުވީ، ލެޕްރޮސްކޮޕީގެ ކުދި ސަރޖަރީތައް މިމަހުގެ ތެރޭގައި އެ ހޮސްޕިޓަލްގައި ފެށޭނެކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތްކަމަށެވެ.


މީގެ އެންމެ ބޮޑު ލުއިފަސޭހައަކަށްވާނީ، ކުދިކުދި އޮޕަރޭޝަންތަކަށް މާލެ ފޮނުވަންޖެހުމާއި އެކަމުގައި ބަލިމީހާ އުފުލަންޖެހޭ ތަކުލީފަށް ލުއި ލިބުމެވެ. އަދި ތަނެއް ފަޅައިގެން ކުރާ އޮޕަރޭޝަންތަކަކީ އެކަމުގައި ވޭން ބޮޑު، އަދި ބަލި މީހާ ފަސޭހަވުމަށްވެސް ދިގު މުއްދަތެއް ހޭދަވާ ކަމެކެވެ.

ނަމަވެސް ލެޕްރޮސްކޮޕީ ސަރޖަރީއާއެކު، ބަލިމީހާ ބަލިން ފަސޭހަވެ އާއްމު ޙާލަތަށް ރުޖޫޢަވުމަށްވެސް އަވަސްވެގެންދެއެވެ. އަދި ބަލިމީހާ ކުރިމަތިލާންޖެހޭ ތަކުލީފުވެސް ކުޑަވެގެންދެއެވެ.

މިހާރުވެސް އަތޮޅުތަކުގެ ދެ ހޮސްޕިޓަލެއްގައި ލެޕްރޮސްކޮޕީ ސަރޖަރީ ވަނީ ފަށާފައެވެ. އެގޮތުން މިއަހަރުގެ މޭމަހުގެ ތެރޭގައި ރާއްޖޭގެ ދެކުނުން ގދ. ތިނަދޫ ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ވަނީ މި އޮޕަރޭޝަން ފަށާފައެވެ. އަދި މިދިޔަ އަހަރު ފަހުކޮޅު، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައިވެސް ލެޕްރޮސްކޮޕީ ސަރޖަރީ ވަނީ ހަދާފައެވެ.

އަތޮޅުތަކުގެ ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް، ހޮސްޕިޓަލްތަކުގެ ޖާގަ އިތުރުކުރުމާއިއެކު ޚިދުމަތްތައް އަންނަނީ އިތުރުކުރަމުންނެވެ. މިއީ އެމީހަކު ދިރިއުޅޭ ސަރަޙައްދަކުން ފަސޭހަކަމާއެކު ޚިދުމަތް ލިބޭނެ ގޮތް ފަހިކޮށްދިނުމަށް ސަރުކާރުން ފައްޓަވާފައިވާ ވަރަށް މުހިންމު މަސައްކަތެކެވެ.