ޚަބަރު

ފަލަސްޠީނުގެ 18 އަހަރުގެ ޒުވާނެއް ޝަހީދުކޮށްލައިފި


ޔަހޫދީ އިސްރާޢީލުގެ ޖައްބާރު ސިފައިން ހުޅަނގު އައްސޭރިއަށް އަރައި ހިންގި ލާއިންސާނީ އުދުވާންތަކެއްގައި ފަލަސްޠީނުގެ 18 އަހަރުގެ ޒުވާނެއް ޝަހީދުކޮށްލައިފިއެވެ. ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ ޔަހޫދީ ޓެރެރިސްޓު ސިފައިންގެ ލާއިންސާނީ ޖަރީމާގެ ޝިކާރައަކަށްވެ ޝަހީދުވެފައި ވަނީ މަޙްމޫދު އަބޫ ސާން ކަމުގައެވެ. އޭނާ ޝަހީދުކޮށްލާފައި ވަނީ ހުޅަނގު އައްސޭރީގެ ޠުލްކަރްމުގައި ހިންގި އުދުވާންތަކެއްގައެވެ.

ޠުލްކަރްމުގައި ބޭއްވި މަޙްމޫދުގެ ޖަނާޒާގައި އެތަކެއް ސަތޭކަ ބަޔަކު ބައިވެރިވިއެވެ. ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ މަޙްމޫދު ޝަހީދުކޮށްލާފައި ވަނީ ޔަހޫދީ ޖައްބާރު ސިފައިން ދިން ބަޑީގެ ހަމަލަތަކެއްގައި ކަމުގައެވެ. އޭނާގެ ކުށަކީ ޠުލްކަރްމުގައި އުދުވާންތައް ހިންގަން އެރި ޔަހޫދީ ޓެރެރިސްޓު ސިފައިންނާ ދިމާލަށް ގައު އުކުން ކަމުގައި މަންޒަރު ފެނުނު މީހުން ބުންޏެވެ.

ޔަހޫދީ އިސްރާޢީލުގެ އަސްކަރިއްޔާއިން ވެސް ވަނީ ސިފައިންނާ ދިމާލަށް ގައު އުކި ބަޔަކަށް ބަޑިން ހަމަލަދީފައިވާނެ ކަން ކަށަވަރު ކޮށްދީފައެވެ. އަދި، ހަމަނުޖެހުންތަކުގައި ޔަހޫދީ އަސްކަރިއްޔާގެ ޖައްބާރު ސިފައިންގެ މީހަކު ޒަޚަމުވި ކަމުގައި ވެސް އެ މީހުން ބުންޏެވެ. ފަލަސްޠީނުގެ ވަފާ މީޑިޔާއިން ބުނީ މަޙްމޫދު ބޮލަށް ޔަހޫދީ ސިފައިން ބަޑި ޖަހާފައިވާ ކަމުގައެވެ.

ޔަހޫދީ އިސްރާޢީލުގެ ޖައްބާރު ސިފައިން މި އަހަރުގެ މިހާތަނަށް ހިންގާފައިވާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ ފަލަސްޠީން މީހުންގެ ޢަދަދު މިހާރު ވަނީ 206 އަށްވުރެ މައްޗަށް އަރާފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް ޢާންމުންނާއި ކުޑަކުދިންނެވެ. ޖުލައި މަހުގެ ކުރީކޮޅު ޔަހޫދީ ސިފައިން ޖިނީން ރެފިއުޖީ ކޭމްޕުގައި ހިންގި އުދުވާންތަކެއްގައި ވެސް ފަލަސްޠީނުގެ 12 މީހުން ޝަހީދުކޮށްލިއެވެ. އަދި، އެ ކޭމްޕު ސުންނާފަތިކޮށްލިއެވެ.

ޔަހުދީ އިސްރާޢީލުގެ އިސްތިޢުމާރީ ސިފައިން ފަލަސްޠީނުގެ ބިންތަކަށް އަރައި ހުޅަނގު އައްސޭރި އަޅުވެތިކޮށްފައި ވަނީ 1967 ވަނަ އަހަރުއެވެ. އޭގެ ފަހުން ފަލަސްޠީނުގެ ރައްޔިތުން ދިރިއުޅެމުން ދަނީ ޔަހޫދީންގެ އަޅުވެތިކަމުގެ ދަށުގައެވެ. އަދި، ފަލަސްޠީނުގެ ބިންތަކުގައި ވަޒަންވެރިކޮށްފައިވާ ޔަހޫދީންގެ ޢަދަދު މިހާރު 490,000 އަށް އަރައެވެ.