ޚަބަރު

ވަގުތު އޮއްވާ، އިންތިޚާބާ ގުޅޭ ރެކޯޑް ސާފުކުރަން ހުށައަޅަން ޑީޖޭއޭއިން އެދިއްޖެ


  • އިންތިޚާބާއި ގުޅޭ ރެކޯޑް ސާފުކުރުމަށް މަދުވެގެން 48 ގަޑިއިރު ހޭދަވޭ

  • ރެކޯޑަށް އެދި ހުށައެޅުމުގެ ފުރުޞަތު ހަފްތާ ބަންދުގައިވެސް ވަނީ ހުޅުވާލާފައި

  • އިންތިޚާބަށް އީސީއާށް ހުށައެޅޭ ފަހު ތާރީޚަކީ އަންނަ ހޯމަ ދުވަހުގެ މެންދުރު 14:00އަށް

އިންތިޚާބާއި ގުޅިގެން ރެކޯޑް ސާފުކުރުމަށް މަދުވެގެން 48 ގަޑިއިރުގެ ވަގުތު ބޭނުންވާތީ، ރެކޯޑް ސާފުކުރައްވާ ފަރާތްތަކުން ވަގުތަށް ސަމާލުވުމަށް ޑިޕަރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އަންގަވައިފިއެވެ.

ރެކޯޑް ސާފުކުރަން ފޯމު ހުށައެޅުމުގެ ފުރުޞަތު މި ހަފްތާ ބަންދުގައިވެސް ޑީ.ޖޭ.އޭއިން މިވަނީ ހުޅުވާލާފައެވެ. އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުން ފޯމު ހުށައެޅުމުގެ ސުންގަޑިއަކީ އަންނަ ހޯމަ ދުވަހުއެވެ.

ޑީ.ޖޭ.އޭއިން ވިދާޅުވީ، ހަފްތާ ބަންދުގައިވެސް ފޯމު ހުށައެޅޭގޮތަށް ފުރުޞަތު ދީފައިވަނީ، އާއްމުކޮށް ރިކޯޑް ސާފުކުރުމަށް ހޭދަވާ ވަގުތަށްވުރެ، ރިޔާސީ އިންތިޚާބާއި ގުޅިގެން ރެކޯޑް ސާފުކުރުމަށް އިތުރު ވަގު ހޭދަވާތީކަމަށެވެ.

އެގޮތުން މިއަދުގެ ހަވީރު 17:30 އާއި ހަމައަށް ފުރުޞަތު ދިނުމަށްފަހު، މާދަމާގެ ހެނދުނު 09:00 އިން ފެށިގެން މެންދުރުފަހު 15:00 އާއި ހަމައަށް ވަނީ ފޯމު ހުށައެޅުމުގެ ފުރުޞަތު ޑީ.ޖޭ.އޭއިން ހުޅުވާލާފައެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާ ބޭފުޅުންގެ ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ޙުކުމް ތަންފީޛުކޮށް ނިމުނުތާ ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކު ކަމުގައިވަނީ ކަނޑައަޅާފައެވެ.

ޑީ.ޖޭ.އޭއިން ވަނީ، އިންތިޚާބުގެ ސުންގަޑީގެ ކުރިން މިކަމައި ގުޅޭ ރިކޯޑް ލިބޭވަރަށް ވަގުތު އޮއްވާ، އެކަމަށް އެދި ފޯމު ހުށައެޅުމަށް އިލްތިމާސްކުރައްވާފައެވެ. މިކަމަށް އެދި ޑީ.ޖޭ.އޭގެ ރިސެޕްޝަން ނުވަތަ މެއިލް މެދުވެރިކޮށްވެސް ހުށައެޅޭނެއެވެ. އީމެއިލް މެދުވެރިކޮށް ހުށައަޅާނީ [email protected] އަށެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ފުރުޞަތު ހުޅުވާލީ ޖުލައި މަހުގެ 22 ވަނަ ދުވަހުއެވެ. މި ފުރުޞަތު ހުޅުވާލާފައިވަނީ މިމަހުގެ 7 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 އާއި ހަމައަށެވެ.