ޚަބަރު

ނީޜޭގައި ބަޣާވާތް ކުރުމުން އެ ޤައުމަށް ކަރަންޓުގެ ޚިދުމަތް ދިނުން ހުއްޓައިލައިފި


ހުޅަނގު އެފްރިކާގެ ޤައުމެއް ކަމުގައިވާ ނީޜޭގެ ވެރިކަން ބަޣާވާތަކުން ވައްޓައިލުމާ ގުޅިގެން އެ ޤައުމުގެ އަސްކަރިއްޔާއާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ގޮތުން ނައިޖީރިޔާއިން ނީޜޭއަށް ފޯރުކޮށްދެމުންދިޔަ ކަރަންޓުގެ ޚިދުމަތް މެދުކަނޑައިލައިފިއެވެ. މި ކަމާ ގުޅިގެން އެ ޤައުމުގެ އަސްކަރިއްޔާގެ އިސްވެރިޔާ ބްރިގޭޑިޔަރ ޖެނެރަލް ޢަބްދުއްރަޙްމާން ޗިއަނީ ވަނީ ނައިޖީރިޔާގެ އަމަލުތަކަކީ ޤާނޫނާއި އިންސާނިއްޔަތާ ޚިލާފު އަމަލުތަކެއް ކަމަށް ސިފަކޮށް، ބިރުދެއްކުމުގެ މި ފަދަ އަމަލުތަކަށް ބޯނުލަނބާނެ ކަމަށް ބުނެފައެވެ.

ނީޜޭއަކީ ދުނިޔޭގެ އެންމެ ފަޤީރު ޤައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އޮތް ޤައުމެކެވެ. އެ ޤައުމުގައި ބޭނުންކުރާ ކަރަންޓުގެ 70 އިންސައްތަ ފޯރުކޮށްދެނީ ނައިޖީރިޔާއިންނެވެ. ނަމަވެސް، ނީޜޭގެ އަސްކަރިއްޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ނައިޖީރިޔާއިން މި ވަނީ ނީޜޭއަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުން ވެސް މެދުކަނޑައިލާފައެވެ. މި ކަމާ ގުޅިގެން ނީޜޭގެ ބޮޑު ސަރަޙައްދަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާއިރު، އެ ޤައުމުގެ ޢާންމު ރައްޔިތުން ދިރިއުޅެމުންދިޔަ ނިކަމެތި ހާލު މި ވަނީ އިތުރަށް ގޯސްވެފައެވެ.

ބަޣާވާތަކުން ނީޜޭގެ ރައީސް މުޙައްމަދު ބަޒޫމްގެ ވެރިކަން ވައްޓައިލުމާ ގުޅިގެން ހުޅަނގު އެފްރިކާގެ ޤައުމުތަކުގެ އިޤުތިޞާދީ ގުޅުން – އިކޮނޮމިކް ކޮމިޔުނިޓީ އޮފް ވެސްޓް އެފްރިކަން ސްޓޭޓްސް (އެކޮވާސް)އިން ވެސް ވަނީ ނީޜޭގެ އަސްކަރިއްޔާއާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ. ނީޜޭގެ މައްސަލައިގައި އެކޮވާސްގެ މެންބަރު ޤައުމުތަކުގެ ދިފާޢީ ވަޒީރުން ވަނީ ނައިޖީރިޔާގައި ކުއްލި ބައްދަލުވުމެއް ބާއްވަވާފައެވެ.

ނީޜޭގެ ބަޣާވާތާ ގުޅިގެން އެކޮވާސްއިން ވަނީ އެ ޤައުމާ ދެކޮޅަށް އިޤުތިޞާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ. އަދި، އޮގަސްޓު މަހުގެ 6 ވަނަ ދުވަހު ކުރިން ރައީސް ބަޒޫމާ ވެރިކަން ހަވާލުނުކޮށްފި ނަމަ، ނީޜޭގެ އަސްކަރިއްޔާއާ ދެކޮޅަށް އަސްކަރީ ގޮތުން ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ދީފައެވެ. ބަޒޫމް މި ވަގުތު ހުރީ ނީޜޭގެ ޕްރެޒިޑެންޝަލް ގާޑުންގެ ބެލުމުގެ ދަށުގައެވެ. ޗިއަނީ ޕްރެޒިޑެންޝަލް ގާޑުގެ އިސްވެރިޔާއެވެ.

އެކޮވާސްގެ ޚާއްޞަ މަންދޫބެއްގެ ގޮތުން ނައިޖީރިޔާގެ ކުރީގެ ރައީސް ޢަބްދުއްސަލާމީ ޢަބޫބަކުރު ވަނީ ނީޜޭއަށް ވަޑައިގަންނަވައި، އެ ޤައުމުގެ އަސްކަރިއްޔާގެ އިސްވެރިންނާ ބައްދަލު ކުރައްވާފައެވެ. ނަމަވެސް، ބަޒޫމާ ވެރިކަން ހަވާލުކޮށް، ޑިމޮކުރަސީގެ ހަމަތަކަށް ރުޖޫއަވާން ޗިއަނީ ވަނީ ދެކޮޅު ހަދާފައެވެ.

ޗިއަނީ ބުނީ ނީޜޭއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ބަލައިނުގަނެވޭނެ ކަމުގައެވެ. އަދި، ނީޜޭގެ ދާޚިލީ ކަންކަމަށް ތަދައްޚުލުވުމުގެ ހައްޤު އެއްވެސް ފަރާތަކަށް ނޯންނާނެ ކަމަށް ބުނެ، ނީޜޭގެ ރައްޔިތުންނާ ދެކޮޅަށް ފިޔަވަޅު އަޅައި، އެ ޤައުމުގެ ހަމަޖެހުމާއި ސުލްޙަމަސަލަސް ކަން ނަގައިލަން މަސައްކަތް ކުރާ ފަރާތްތަކާ ދެކޮޅަށް ތެދުވަން އޭނާ ވަނީ އެ ޤައުމުގެ ރައްޔިތުންނަށް ގޮވައިލާފައެވެ.

އެކޮވާސްގެ އިސް ކޮމިޝަނަރެއް ކަމުގައިވާ ޢަބްދުލްފައްތާޙް މޫސާ ވިދާޅުވީ ނީޜޭގެ އަސްކަރިއްޔާއާ ދެކޮޅަށް ބާރުގެ ބޭނުން ކުރުމާ ގުޅޭ ގޮތުން ވެސް އެ އިއްތިހާދުން މަޝްވަރާ ކުރަމުންދާ ކަމުގައެވެ. އަދި، ބަޒޫމާ ވެރިކަން ހަވާލުކޮށް، ޑިމޮކުރަސީގެ ހަމަތަކުގެ މަތިން ސަރުކާރު ހިންގަން ފުރުޞަތު ދިނުމަށް ނީޜޭގެ އަސްކަރިއްޔާއިން ދެކޮޅު ހަދާ ނަމަ، އެ ޤައުމާ ދެކޮޅަށް ބާރުގެ ބޭނުން ކުރަން އެކޮވާސްއިން ފަސް ނުޖެހޭނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

އެކޮވާސްގައި 15 މެންބަރު ޤައުމު ހިމެނޭ އިރު، ހުޅަނގު އެފްރިކާގެ ބައެއް ޤައުމުތަކުން ޑިމޮރެޓިކް ހަމަތަކާ ދުރުވެ، އަސްކަރީ ވެރިކަމާ ދިމާލަށް ދަތުރުކުރުން ހުއްޓުވަން އެ ގުޅުމުން ދަނީ މަސައްކަތް ކުރަމުންނެވެ. ނީޜޭގެ އިތުރުން ބަޣާވާތްކޮށް ވެރިކަން ވައްޓައިލާފައިވާ ބައެއް ޤައުމުތަކުގެ ތެރޭގައި މާލީ، ބުރްކިނާ ފާސޯ އަދި ގިނީ ހިމެނެއެވެ. އަދި، ގިނީ-ބިސާއޫގެ ސަރުކާރު ވެސް ބަޣާވާތަކުން ވައްޓައިލަން މަސައްކަތް ކޮށްފައިވާ ކަން ފާހަގަކުރެވެއެވެ.