ޚަބަރު

އިލްޔާސްގެ އިންތިޚާބީ އެޖެންޓަކަށް ނިޢުމާ


  • އިލްޔާސްގެ ކެމްޕޭން އެޖެންޓަކަށް ނިއުމާ ވަނީ ހަމަޖައްސަވާފަ

  • ނިއުމާއަކީ ޕްލޭނިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަޤާމު ފުރުއްވި ބޭފުޅެއް

  • އިލްޔާސްގެ ރަނިންމޭޓަކު އަދި އިއުލާން ކުރައްވާފައި ނުވޭ

  • އިންތިޚާބަށް ވާދަކުރުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ހޯމަ ދުވަސް

ރިޔާސީ އިންތިޚާބުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެނޑިޑޭޓް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބްގެ ކެމްޕޭން އެޖެންޓަކަށް ފާތިމަތު ނިއުމާ ހަމަޖައްސަވައިފިއެވެ.

އެމްޑީޕީގެ ތެރޭގައި އުފެދުނު ޚިޔާލުތަފާތުވުންތަކުގެ ތެރެއިން އުފެއްދި ޑިމޮކްރެޓްސްގެ ރިޔާސީ ޓިކެޓް އިލްޔާސަށް ލިބިފައިވަނީ އިތުރު ބޭފުޅަކު ވާދަނުކޮށް ބޭއްވި ޢާންމު މެމްބަރުންގެ ފެންނަ ނުފެންނަ ވޯޓުގެ ސާފު އަޣުލަބިއްޔަތުންނެވެ.

އިލްޔާސްގެ ކެމްޕޭން އެޖެންޓަކަށް ކަނޑައެޅުއްވި ނިއުމާއަކީ ޕްލޭނިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވާ މިދިޔަ ހަފްތާގައި ޑިމޮކްރެޓްސްއާއި ގުޅިވަޑައިގެންނެވި ބޭފުޅެކެވެ.

އިލްޔާސްގެ ކެމްޕޭން އެޖެންޓެއް ކަނޑައަޅާފައިވާއިރު، އަދި މިހާތަނަށް ރަނިން މޭޓާއި، ކެމްޕޭން މެނޭޖަރު ކަނޑައަޅުއްވާފައި ނުވެއެވެ. އަދި އިންތިޚާބަށް ކުރިމަތިލުމަށް ފޯމުވެސް އިލެކްޝަނަށް ހުށަހަޅުއްވާފައި ނުވެއެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ހާމަކުރައްވައި ކެމްޕޭން ކުރައްވަމުންދާ ގިނަ ބޭފުޅުން ވަނީ ކެމްޕޭން އެޖެންޓުން ކަނޑައަޅުއްވާފައެވެ. ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުމުގެ މުއްދަތު ހޯމަ ދުވަހަށް ހަމަވާނެއެވެ. އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންގެ މެދުގައި ގުރުއަތުލުން އޮންނާނީ ބުދަ ދުވަހުއެވެ.