ޚަބަރު

ރީ-ރަޖިސްޓްރޭޝަންގެ އެންމެ ފަހު ދުވަހަކީ މާދަމާ، ދެން މުއްދަތު އިތުރެއް ނުކުރާނެ


  • ރީ-ރަޖިސްޓްރޭޝަނަށް ދެން މުއްދަތު އިތުރު ނުކުރާނެ

  • މުއްދަތު އިތުރުކުރެވެން ނެތީ، އިންތިހާބުގެ މަސައްކަތްތަކުގެ އިންތިޒާމުތަކަށް، ބުރޫއަރާނެތީ

  • މިހާތަނަށް 30،000 އަށްވުރެ ގިނަ ފޯމު ރީ-ރަޖިސްޓްރީވުމަށް ވަނީ ހުޅުވާލާފަ

އަންނަ މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް އެ މީހެއްގެ އަމިއްލަ ރަށް ނޫން އެހެން ރަށަކުން ވޯޓުލާނަމަ، އެ ރަށަކަށް ރީ-ރަޖިސްޓްރީ ކުރުމަށް ހުޅުވާލި މުއްދަތު މާދަމާ ހަމަވުމުން، ރީ-ރަޖިސްޓްރޭޝަނަށް މުއްދަތު އިތުރު ނުކުރައްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ރަށްވެހިވެފައިވާ ރަށްނޫން، އެހެން ތަނެއްގައި ވޯޓުލުމަށް، ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލި މުއްދަތު މާދަމާގެ ނިޔަލަށް، ހަމަވާނެއެވެ. މީޑިއާތަކަށް މައުލޫމާތު ދެއްވުމަށް ކޮމިޝަނުން ކަނޑައަޅުއްވާފައިވާ ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ރީ-ރަޖިސްޓްރޭޝަންގެ މުއްދަތު، އިލެކްޝަންސް ކޮމިޝަނުން، ދެން އިތުރު ނުކުރައްވާނެކަމަށެވެ.

މާދަމާގެ މުއްދަތު ހަމަވުމާއި ހަމައަށް ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ ކޮންމެ ބޭފުޅަކުވެސް، 1414 އަށް ގުޅައިގެން ނުވަތަ މެސެޖް ކޮށްގެން، ރަޖިސްޓަރީ ވެފައިވާ ތަން ޗެކް ކުރެއްވުމަށް ހަބީބް ވަނީ އެދިވަޑައިގެންފައެވެ. މިހާރު ރަޖިސްޓަރީ ވެފައިވަނީ، ވޯޓުލާ ދުވަހު ހުންނަ ރަށް، ނޫންކަމަށްވާނަމަ، ވޯޓުލާން ބޭނުންވާ ތަނަކަށް، އަވަހަށް ރީ-ރަޖިސްޓްރީ ކުރުމަށް ހަބީބް އެދިވަޑައިގެންނެވިއެވެ.

ރީ-ރަޖިސްޓްރޭޝަނަށް، އިތުރު މުއްދަތު ދެވެންނެތީ، އިންތިޚާބުގެ މަސައްކަތްތަކުގެ އިންތިޒާމުތަކަށް، ބުރޫއަރާނެތީ ކަމަށާއި، މިހާރު ރަޖިސްޓްރީކޮށްފައިވާ ތަނުގައި، ވޯޓުފޮށްޓެއް ނުބެހެއްޓޭ ޙާލަތުގައި، އެފަދަ ފަރާތްތަކަށް ދެވަނަ ފުރުސަތެއް، ލިބޭނެ ކަމަށް ހަބީބް ވިދާޅުވިއެވެ. އެގޮތަށް ދިމާވާނީ، ރާއްޖޭން ބޭރާއި ރިސޯޓްތަކަށް ރީ-ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

މިހާތަނަށް ރީ-ރަޖިސްޓްރީވުމަށް ޖުމްލަ 30،000 އަށްވުރެ ގިނަ ފޯމު އިލެކްޝަނަށް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި ކަރުދާސް ފޯމުގައި އިލެކްޝަނަށް އަތޮޅުތަކުގެ ރަށްރަށުގެ ކައުންސިލް އިދާރާތަކަށާއި، ރިސޯޓްތަކާއި، މާލޭގެ ކައުންޓަރުތަކަށް ލިބުނު ފޯމުތައްވެސް ހިމެނެއެވެ.

އޮންލައިންކޮށް ރީ-ރެޖިސްޓްރީ ވުމަށް ހުޅުވާލި މުއްދަތު ބުދަ ދުވަހުގެ ރޭ 12:00 ޖެހުމާއި ހަމައަށް ހަމަވިއިރު އިލެކްޝަނަށް ޖުމްލަ 22،882 ފޯމު ހުށަހަޅާފައިވެއެވެ. މީގެ ތެރެއިން އިލެކްޝަނުން ރަޖިސްޓްރީ ކުރައްވާފައިވަނީ 18،088 ފޯމެވެ. އަދި އެކި ސަބަބުތަކާހުރެ 4،794 ފޯމެއް ވަނީ ރިޖެކްޓްކޮށްލާފައެވެ.

ރިޔާސީ އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓާ ޢަދަދާއި ތަންތަން ކަށަވަރު ވާނީ ރީ-ރެޖިސްޓްރޭޝަން މަރުހަލާއަށް ފަހުގައެވެ. ޚާއްސަކޮށް ރިސޯޓްތަކާއި، ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާ ޤައުމުތަށް ކަށަވަރު ވާނީ، އެ ޢަދަދުތަކަށް ރީ-ރެޖިސްޓްރޭޝަން ލިބުމުންނެވެ. މިހާތަނަށް ރާއްޖެއިން ބޭރުގެ 4 ޤައުމެއްގައި ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމަވާފައެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން، އަންނަ މަހުގެ 9 ވަނަ ދުވަހު އޮންނާނެއެވެ. މިފަހަރު ޖުމްލަ 604 ވޯޓު ފޮއްޓެއް، ރާއްޖެއާއި ރާއްޖޭން ބޭރުގައި ބެހެއްޓުމަށް، އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. ކެނޑިޑޭޓުން ކުރިމަތިލުމުގެ މުއްދަތު އަންނަ ހޯމަ ދުވަހަށް ހަމަވާއިރު، ކެނޑިޑޭޓު ނަންބަރު ތަރުތީބު ކުރުން އޮންނާނީ މިމަހުގެ 9 ވަނަ ދުވަހުއެވެ.