ޚަބަރު

ވިލާތުގެ އިއްތިހާދާއި ކިއުބާއާއެކު ގުޅުން ބަދަހިކުރަނީ


ވިލާތުގެ އިއްތިހާދާއި ކިއުބާގެ މެދުގައި ސިޔާސީ އަދި އިގްތިސާދީ ގުޅުންތައް އަލުންބަދަހިކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއި ކުރެއްވީ، އިއްތިހާދުގެ ނެގޯޝިއޭޓަރ ކްރިސްޓިއަން ލެފްލަރ އާއި ކިއުބާގެ ޚާރިޖީ ވަޒީރުގެ ނައިބު އަބެލާރްދޯ މޮރޭނޯއެވެ.

އަލުން ގުޅުން ބަދަހިކުރުމަށް އެއްބަސްވުމުގައި ދެފަރާތުން ސޮއިކޮށްފައިވަނީ، 20 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ.

އިއްތިހާދުގެ ޚާރިޖީ ސިޔާސަތާއި ބެހޭ ވެރިޔާ ފްރެޑެރީކާ މޮޣެރީނީ ވިދާޅުވީ މިއީ ދެފަރާތުގެ މެދުގައި ވެވުނު ތާރީޚީ އެއްބަސްވުމެއް ކަމަށެވެ.

ފިނި ހަނގުރާމައިގެ ދުވަސްވަރު ކިއުބާ އާއި ހުޅަނގުގެ ގައުމުތަކުގެ މެދުގައި އުފެދުނު ޚިޔާލުތަފާތުވުންތަކުގެ ސަބަބުން ފަހަކާއި ޖެހެންދެން ބައިނަލްއަގްވާމީ މައިދާނުގައި ކިޔުބާ ވަނީ އެކަހެރިކުރެވިފައެވެ. އަދި، އެމެރިކާ އިން ވަނީ ކިއުބާއަށް ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއްވެސް އަޅާފައެވެ. މިކަން ނިންމުމުގެ ގޮތުން، ވޭތުވެދިޔަ އަހަރުގެ ތެރޭގައި ވަނީ މަޝްވަރާތަކެއް ބާއްވާފަ. މި މަޝްވަރާތަކުގެ ސަބަބުން ކިއުބާގައި ހުރި އެމެރިކާ އެމްބަސީ ވަނީ ހުޅުވާފައެވެ.

އަދި، މާޗް ވިހި ވަނަ ދުވަހު އެމެރިކާގެ ރައީސް ބަރަކް އޮބާމާ ކިއުބާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ. މިދަތުރުފުޅުގައި ދެގައުމުގެ ގުޅުންތައް ހަރުދަނާކުރުމާއި މެދު މަޝްވަރާތައް ކުރެވޭނެ ކަމަށް ބެލެވިފައިވީ ނަމަވެސް، އެމެރިކާ އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި މެދު ވަކި ގޮތެއް ނިންމޭނެ ކަމަށް ނުބެލެވޭކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.