ޚަބަރު

ބަޑިބޭހުގެ ކުޅިވަރުތަކާއެކު މިނިވަން ދުވަހުގެ ހަރަކާތްތައް ނިންމާލައިފި


  • މިހަރަކާތުން އެންމެ ބޮޑު ތަރުޙީބެއް ލިބުނީ މިނިވަން އުފާ ކާނިވަލަށް

  • މިނިވަން ދުވަހުގެ ހަރަކާތްތައް ޖުލައި 25 ން ފެށިގެން އޯގަސްޓް 3 އަށް ވަނީ ކުރިއަށްގެންގޮސްފަ

  • މިިނިވަން ދުވަސް މިއަހަރު ފާހަގަކުރީ ކޯވިޑްގެ ބަލިމަޑުކަމާ ގުޅިގެން ތިން އަހަރުގެ މެދުކެނޑުމަކަށްފަހު

"މިނިވަން އުފާ މުޅި ރާއްޖެއިން" މި ޝިޢާރާއެކު މިއަހަރުގެ މިނިވަންދުވަސް ފާހަގަ ކުރުމަށް ހިންގި ހަރަކާތްތައް ނިންމާލައިފިއެވެ. މިއީ ކޯވިޑް-19އާއި ގުޅިގެން ތިންއަހަރުގެ މެދުކެނޑުމަކަށްފަހު މިނިވަން ދުވަހުގެ ޙަރަކާތްތައް މިހާ ކުލަގަދަކޮށް ފާހަގަކުރި ފުރަތަމަ ފަހަރެވެ.

މިނިވަންދުވަސް ފާހަގަކުރުމަށް މާލެ ސަރަހައްދުގައި ކުރިއަށްގެންދިޔަ ކުޅިވަރުތައް ނިންމާލީ ހުޅުމާލެ ސެންޓްރަލް ޕާކުގައި "މިނިވަން އުފާ" ކާނިވަލާ އެކުގައެވެ. މިނިވަން އުފާ ކާނިވަލަކީ މީ މިނިވަން ދުވަހާ ގުޅިގެން އެންމެ އެއްތަނަކަށް އެއްވެ މިނިވަންކަމުގެ އުފާ ރައްޔިތުންނަށް އިޙްސާސްކޮށްދީ ކުޑަކުދިންނާ އާއިލާތަކުން ހިތް އުފާކޮށްލާ، މިއުޒިކާ ކުޅިވަރުތަކަށް ލޯބި ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ހަދާފައިވާ ކާނިވަލެކެވެ. ފުޑް ސްޓޯލްތަކާ، ކުޅިވަރު ކުޅޭނެ ސްޓޯލްތަކުގެ އިތުރަށް ސްޓޭޖް ޝޯ އާ ކުޑަކުދިން ޝައުގުވެރިވާ ތަފާތު ކުޅިވަރުތައް ހިމެނޭހެން ހަދާފައިވާ މިކާނިވަލުގެ ކުޅިވަރުތައް ނިންމާލުމުގެ ގޮތުން ވަނީ ހަވާއަރުވާފައެވެ.

މިނިވަން އުފާ ކާނިވަލަކީ މުނިފޫހިފިލުވުމުގެ އެކި ހަރަކާތްތައް ހިިމެނޭ ފެސްޓިވަލެއް ގޮތަށް ރާއްޖޭގައި މިހާތަނަށް ބޭއްވުނު މިފަދަ އެންމެ ބޮޑު އެއް ހަރަކާތެއެވެ. މިކާނިވަލުގައި ކުރިއަށްދިޔަ ބައެއް ޚާއްސަ ހަރަކާތްތަކަށް ބަލާއިރު، ދިވެހި އަދި ބޭރު ފަންނާނުންގެ ހުށައެޅުންތަކާއި، ގިނަ ކުޅިވަރު ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިކާނިވަލަށް ކޮންމެ ރެއަކުވެސް އާންމުންގެ ގިނަބަޔަކުވަނީ ޒިޔާރަތްކޮށްފައެވެ. ކޮންމެ ރެއަކުވެސް ކާނިވާ އޮތީ އާންމުންނާއެކު ފުރިބާރުވެފައެވެ.

ޖުލައި 28 ވަނަ ދުވަހު ހުޅުވަން އޮތް ކާނިވާ ހުޅުވީ އޭގެ އެއް ދުވަސް ފަހުންނެވެ. ތަފާތު ގިނަ ހަރަކާތްތަކާއެކު ކާނިވާ ހުޅުވި ރޭވެސް އާއްމުން އެއްވެ، މުޅި ސެންޓްރަލް ޕާކު ފުރާލިއެވެ. އެންމެ ޝައުގުވެރި ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންގޮސްފައިވަނީ ޑްރޯން ޝޯއާއި، ހަވާއެރުމުގެ ކުޅިވަރުތަކެވެ. މާލެ ސަަރަހައްދުގައި ބޭއްވި ފުރަތަމަ ޑްރޯން ޝޯގައި، 300އަށްވުރެ ގިނަ ޑްރޯން ބޭނުންކޮށްފައިވެއެވެ. އަދި ދިވެހިރާއްޖެ ރަމްޒުކޮށްދޭ ގޮތަށް، ޑިސްޕްލޭކޮށްފައިވެއެވެ. މިކަމަށް ރައްޔިތުންގެ ވަރަށް ބޮޑު ތަރުޙީބެއް ލިބިގެން ދިޔަކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.

މިނިވަންކަމަށް 58 އަހަރު ފުރި 59ވަނަ އަހަރު ފާހަގަކުރުމަށް މުޅި ރާއްޖޭގައި ވަނީ ތަފާތު ކުޅިވަރު ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ. އެގޮތުން އެންމެ ގިނަ ހަރަކާތްތައް ކުރިއަށްގެންދިޔައީ މާލޭ ސިޓީގައެވެ. މިނިވަން ދުވަހުގެ ހަރަކާތްތައް ފެށީ ޖުލައި މަހުގެ 25 ވަނަ ދުވަހުގެ ރޭ ރައީސުލްޖުމްޙޫރިއްޔާގެ ދެކަނބަލުން ބޭއްވި ރަސްމީ ބައްދަލުކޮށްލެވުމަކުންނެވެ.

މިނިވަން ދުވަސް ފާހަގަކުރުމަށް އެހެން އަހަރުތަކެކޭ އެއްގޮތައް ޖުލައި 26ވަނަ ދުވަހުގެ ހެނދުނު 6:00 ގައި ގައުމީ ދިދަ ނެގުމުގެ ރަސްމިއްޔާތު ރާއްޖޭގެ ހުރިހާ ރަށެއްގައި ވަނީ ކުރިއަށްގެންގޮސްފައެވެ. މާލޭގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްޙޫރިއްޔާގެ ދެކަނބަލުން ވަނީ ބައިވެރިވެޑައިގެންފައެވެ.

އަދި އައްޑޫ ސިޓީގައި ދިދަ ނެގުމަށް "ސިޓީ ސްކޮއަރ"ގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްޙޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ބައިވެރިވެވަޑައިގަތެވެ. މިނިވަންދުވަހުގެ ރަސްމީ ޖަލްސާ ބާއްވާފައިވަނީ މާލޭގައެވެ.

މިނިވަން ދުވަހާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތްތައް ފެށުނީ ޖުލައި 26ވަނަ ދުވަހުގެ ރޭ ބޭއްވި މިނިވަންދުވަހުގެ ހެވިކަމާއި ކުޅިވަރުތަކާއެކުއެވެ. ގަލޮޅުދަނޑުގައި ބޭއްވި ހެވިކަމުގެ ކުޅިވަރުތަކުގައި ޖުމްލަ 9 ހުށަހެޅުމެއް ވަނީ ދައްކާލާފައެވެ.

މިނިވަނދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ޕެރޭޑް އޮތީ 27 ވަނަ ދުވަހު ހަވީރުއެވެ. މާލޭގެ ބޮޑެތި މަގުތަކުގައި ކުރިއަށް ދިޔަ މިޕެރޭޑްގައި އެމްއެންޑިއެފްއާއި، ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓް ކޯގެ ޕެރޭޑާއި ރޫޓް މާޗްވަނީ ކުރިއަށް ގެންގޮސްފައެވެ. މާލޭގެ ބޮޑެތި މަގުތަކެއްގައި ކުރިއަށްގެންދިޔަ މި ރޫޓްމާޗް ބަލާލުމަށް ގިނަ އަދަދެއްގެ ބަޔަކު މާލޭގެ މަގުތަކަށް ވަނީ ނުކުމެފައެވެ. އަދި އެކިސަރަހައްދުތަކަށް މަޑުކޮށް ބޭންޑްތަކުން ވަނީ މިދުވަސްވަރު އެންމެ ހިނގާ ލަވަތައް ކުޅެފައެވެ.

މިނިވަންދުވަހާ ގުޅުވައިގެން ބޭއްވި ފުޅަނދުބުރުގެ ހަރަކާތް އޮތީ 27 ވަނަ ދުވަހުގެ ރޭ މާލޭގައެވެ. މިއަހަރު ފުޅަނދު ބުރުގައި ސަރުކާރުގެ މުއައްސަސާތަކާ ކުންފުނިތައް ހިމެނޭހެން 8 ތަނަކުން 15 ފުޅަނދެއްވަނީ ދައްކާލާފައެވެ. ފުޅަނދުބުރަށް ވަރަށްބޮޑު ތަރުހީބެއްވަނީ ލިބިފައެވެ. އެކަން ފުޅަނދުބުރު ބަލަން މާލޭގެ މަގުތަކަށް ޖަމާވެފައި ތިބި މީހުންގެ އަދަދުން ހާމަވެގެންދިޔައެވެ.

ފުޅަނދުބުރުގެ މާލޭގައި ބޭއްވުމަށްފަހު ހުޅުމާލެ ސެންޓްރަލް ޕާކުގައިވެސް ފުޅަނދުތައް ދައްކާލުންވެސްވަނީ ކުރިއަށް ގެންގޮސްފައެވެ.

މީ ފަހުގެ ތާރީޚެއްގައި ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރުމަށް ފޯރިއާ ޖޯޝާއެކު ރައްޔިތުންނާ ގުޅިގެން މިނިވަން ދުވަހުގެ ހަރަކާތްތައް ކުރިއަށްގެންދިޔަ ފުރަތަމަ ފަހަރުކަމަށް ކުޅިވަރުތަކަށް ލިބުނު ތަރުޙީބުން ހާމަވެއެވެ.