ޚަބަރު

ފަނޑިޔާރުކަމަށް ކުރިމަތިލާ މީހުން އިމްތިހާނެއް ހަދަންޖެހޭނެ - ޖޭއެސްސީ


  • - އަންނަ އަހަރުން ފެށިގެން މި އިމްތިހާނު ހަދަންޖެހޭނެ

  • - ސެޓްފިކެޓް އޮތަސް އިމްތިހާނުން ފާސްވާންޖެހޭނެ

ފަނޑިޔާރުކަމަށް ކުރިމަތިލާ މީހުންގެ ފެންވަރު ދެނެގަތުމަށް އިމްތިހާނެއް ފުރިހަމަކުރަން ޖެހޭގޮތަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމަވައިފިއެވެ.

އެ ކޮމިޝަނުން ވިދާޅުވީ ފަނޑިޔާރުކަމަށް ކުރިމަތިލާ މީހުން އިމްތިހާނެއް ފުރިހަމަކުރަންޖެހޭ ގޮތަށް އުސޫލެއް އެކުލަވާލީ ކޯޓްތަކަށް އައްޔަންކުރާ ފަނޑިޔާރުންނަކީ ޤާބިލު ބައެއްކަން ދެނެގަނެ ކަށަވަރުކުރުމަށްޓަކައިކަމަށެވެ. މި އުސޫލްގައިވާ ގޮތުން އަންނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ފަނޑިޔާރުކަމަށް ކުރިމަތިލާ މީހުން މި އިމްތިހާނު ފުރިހަމަ ކުރަންޖެހޭނެކަމަށެވެ. އަދި ޤާނޫނާއި ގަވައިދުތަކާއި ކޯޓްތަކުގެ ނިންމުން އެނގޭ މިންވަރު މި އިންތިހާނުން ދެނެގަނެވޭނެކަމަށްވެސް ޖޭއެސްސީން ވިދާޅުވެއެވެ.

ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތްތަކުން ތައުލީމީ ސެޓްފިކެޓް ހާސިލްކޮށްފައި ވީނަމަވެސް މި ބަދަލާއި އެކު މަގާމަށް ޝަރުތު ހަމަވާނީ އިމްތިހާނުން ފާސްވުމުންކަމަށްވެސް އެ ކޮމިޝަނުން ވިދާޅުވެއެވެ.

ފަނޑިޔާރުންގެ ޤާނޫނުގައި އޮންނަ ގޮތުން ފަނޑިޔާރުކަމަށް ބޭނުންވާ ތައުލީމީ ޝަރުތު ފުރިހަމަވާނަމަ އިންޓަވިއުކުރުމަށްފަހު ފަނޑިޔާރުން ކަނޑައެޅުމުގެ ބާރު ދީފައި އޮންނަނީ ޖުޑިޝަލް ސަރވިސް ކޮމިޝަނަށެވެ.

ދަށުކޯޓްތަކާއި ހައިކޯޓަށް ފަނޑިޔާރުން އައްޔަންކުރުމަށް ފުރުސަތު ހުޅުވާލާ އެ މަޤާމުތަކަށް ފަނޑިޔާރުން އައްޔަން ކުރައްވަމުން ގެންދަވަނީ ޖޭއެސްސީންނެވެ.