ދުނިޔޭގެ ވިޔަފާރި

ޗައިނާގައި ކުޑަކުދިން 2 ގަޑިއިރަށްވުރެ ގިނައިރު ސްމާޓް ފޯނު ބޭނުންކުރުން މަނާކުރަނީ


  • 16 އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިންނަށް ސްމާޓް ފޯނު ދުވާލަކު 2 ގަޑިއިރަށް

  • 8 އަހަރުން ދަށުގެ ކުދިންނަށް ދުވާލަކު އެންމެ 8 މިނެޓަށް

  • ރޭގަނޑު 10:00 އިން ފެށިގެން ހެނދުނު 6:00 އަށް އިންޓަރނެޓް ނުލިބޭނެ

ޗައިނާގައި ކުޑަކުދިން ސްމާޓް ފޯނު ބޭނުންކުރުމުގައި އަމަލުކުރަންޖެހޭ ޤާނޫނެއް ތައާރަފްކުރަން ނިންމުމާއެކު ޓެކްނޮލޮޖީ ކުންފުނިތަކުގެ ހިއްސާގެ އަގުތައް ދަށަށް ގޮސްފިއެވެ.

ޗައިނާގެ ސައިބަރ ސްޕޭސް އެޑްމިނިސްޓްރޭޝަނުން މިކަމާއި ގުޅޭގޮތުން އެކުލަވާފައިވާ ޤާނޫނުގައި ދެލި ކޮޕީގައި ވަނީ ސްމާޓް ފޯނު ބޭނުންކުރުމުގައި ހޭދަކުރެވޭނެ ވަގުތާއި ސްމާޓް ފޯނާއި އިންޓަރނެޓް ބޭނުންކުރުން މަނާ ގަޑިތަކެއްވެސް ހިމަނާފައެވެ.

ޗައިނާގައި އަލަށް ތައާރަފްކުރަން މަސައްކަތްކުރާ ޤާނޫނުގެ ދެލިކޮޕީގައިވާ ގޮތުން 16 އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިންނަށް ސްމާޓް ފޯނު ބޭނުންކުރެވޭނީ ދުވާލަކު އެންމެ ގިނަވެގެން 2 ގަޑިއިރަށެވެ. އަދި 8 އަހަރުން ދަށުގެ ކުދިންނަށް ސްމާޓް ފޯނު ބޭނުންކުރެވޭނީ ދުވާލަކު އެންމެ 8 މިނެޓަށެވެ. މީގެއިތުރުން ރޭގަނޑު 10:00 އިން ފެށިގެން ހެނދުނު 6:00 އަށް ކުޑަކުދިންގެ ގެންގުޅޭ ފޯނުތަކަށް އިންޓަރނެޓްގެ ހިދުމަތް ނުލިބޭގޮތް ހެދުމަށްވެސް ޤާނޫނުގައި ހިމަނަން ވަނީ ހުށަހަޅާފައެވެ.

ޤާނޫނުގެ ޑްރާފްޓްގައިވާ ގޮތުން ފޯނު އުފައްދާ ފަރާތްތަކުންނާއި އެޕްލިކޭޝަނާއި އެޕް ސްޓޯރތައް ހިންގާ ފަރާތްތަކުން އެކި އުމުރުފުރާތަކަށް ހާއްސަކޮށްފައިވާ "މައިނަރ މޯޑް" އެއް ތައާރަފްކުރަން މަޖުބޫރުވާނެއެވެ.

އަލަށް ތައާރަފްކުރަން އުޅޭ ޤާނޫނުގެ ދެލި ކޮޕީ އާއްމުންގެ ހިޔާލަށް ހުޅުވާލާފައިވާއިރު ހިއްސާގެ ބާޒާރުގައި ޗައިނާގެ ޓެކްނޮލޮޖީ ކުންފުނިތަކުގެ ހިއްސާގެ އަގުތައް ވަނީ ދަށަށް ގޮސްފައެވެ. އޭގެތެރޭގައި ވީޑިއޯ ޝެއަރިންގ އެޕްލިކޭޝަންތަކާއި އޮންލައިން ބައެއް އެހެން ޕްލެޓްފޯމްތައް ހިމެނެއެވެ.

ޗައިނާގައި މީގެކުރިންވެސް ވަނީ މިފަދަ ބައެއް ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން 2019 ވަނަ އަހަރު ކުޑަކުދިން އޮންލައިން ގޭމްތަކުގައި ހޭދަކުރާ ވަގުތު މަދުކުރުމަށް ވަނީ އުސޫލުތަކެއް އެކުލަވާލާފައެވެ. އެ އުސޫލުތަކުގައިވާ ގޮތުން 18 އަހަރުން ދަށުގެ ކުދިން ރޭގަނޑު 10:00 އިން ފެށިގެން ހެނދުނު 8:00 އަށް މަނާކޮށްފައެވެ. އަދި ހަފްތާ ބަންދު ނޫން ދުވަސްތަކުގައި ޗައިނާގައި ކުޑަކުދިންނަށް ގޭމް ކުޅެވޭނީ އެންމެ ގިނަވެގެން ދުވާލަކު 90 މިނެޓަށެވެ. އަދި ހަފްތާ ބަންދާއި ޗުއްޓީ ދުވަސްވަރުވެސް ގޭމް ކުޅުމަށް ޗައިނާގެ ކުޑަކުދިންނަށް ހޭދަކުރެވޭނީ އެންމެ ގިނަވެގެން ދުވާލަކު 3 ގަޑިއިރެވެ. މި އުސޫލަށް އަމަލުކުރަން ފެށިތާ 3 އަހަރު ފަހުން މި އުސޫލުތައް އިތުރަށް ހަރުކަށިކޮށް، ކުޑަކުދިން ގޭމް ކުޅުމަށް ހަފްތާއަކު ހޭދަކުރެވޭނެ ވަގުތު 3 ގަޑިއިރަށް ވަނީ ކުޑަކޮށްފައެވެ.

އިންޓަރނެޓް ބޭނުންކުރާ މީހުންގެ އަދަދު އެންމެ ގިނަ ޤައުމުކަމަށްވާ ޗައިނާގައި 1.4 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ ޗައިނާގެ 1.07 ބިލިއަން މީހުން އިންޓަރނެޓް ބޭނުންކުރާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި އިންޓަރނެޓް ބޭނުންކުރާ ކޮންމެ ފަހެއްގެ ތެރެއިން އެކަކީ 19 އަހަރުން ދަށުގެ ކުއްޖެއްކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ކުޑަކުދިން އިންޓަރނެޓާއި ފޯނު ބޭނުންކުރުމުގައި އަމަލުކުރަން ކަނޑައަޅާފައިވާ ހަރުކަށި އުސޫލުތަކަށް އެ ޤައުމުގައި ތާއީދު ބޮޑުކަމަށް ހަބަރުތައް ބުނެއެވެ. އެގޮތުން ކުޑަކުދިން ފޯނު ބޭނުންކުރުން މަދުކުރުމަށް މައިންބަފައިންނަށް މިކަމުގެ ސަބަބުން ފަސޭހަތަކެއް ވެގެންދާނެކަމަށް ގިނަ ބަޔަކު ދެކޭކަމަށް ހަބަރުތައް ބުނެއެވެ.