ފީފާ ވިމެންސް ވޯލްޑް ކަޕުގެ ތާރީޚުގައިވެސް ހޯދި ފުރަތަމަ މޮޅާއެކު މި ފަހަރުގެ މުބާރާތުގެ ދެވަނަ ބުރަށް ދެކުނު އެފްރިކާ ދަތުރުކޮށްފިއެވެ.
ނިއު ޒީލަންޑުގެ ވިލިންޓަން ރީޖަނަލް ސްޓޭޑިއަމުގައި މިއަދު ކުޅުނު މެޗު ދެކުނު އެފްރީކާއިން ކާމިޔާބުކުރީ އިޓަލީއާ ވާދަކޮށް ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅުނީ އިޓަލީންނެވެ. އެއާއެކު މެޗުގެ ފެށުންވެސް ރަނގަޅުވެގެން ދިޔައީ އިޓަލީގެއެވެ. އެގޮތުން މެޗުގެ 11 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އިޓަލީން ވަނީ ލީޑު ނަގާފައެވެ. މި ޕެނަލްޓީ އެ ޓީމަށް ކާމިޔާބުކޮށްދިނީ އަރިއާނާ ކަރުސޯއެވެ.
އެކަމަކު މެޗުގެ 32 ވަނަ މިނެޓުގައި އީޓަލީގެ ބެނެޑެޓާ އޮރްސީ އަތުން ބައިކޮޅަށް ވަން ލަނޑާއެކު ދެކުނު އެފްރިކާއިން ވަނީ ނަތިޖާ ހަމަހަމަކޮށްފައެވެ. އަދި މެޗުގެ ދެވަނަ ހާފުގައި ދެކުނު އެފްރިކާއިން ލީޑު ނެގީ 67 ވަނަ މިނޓުގައި ތެމްބީ ގަޓްލާނާ ދިން ބޯޅައަކުން ހިލްދާ މަގައިއާ ކާމިޔާބުކުރި ލަނޑުންނެވެ.
ނަމަވެސް އޭގެ ފަހުން މެޗުގެ 74 ވަނަ މިނެޓުގައި އިޓަލީން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިނީ ކަރުސޯއެވެ. އެއާއެކު މި މެޗު އެއްވަރުވެ، މުބާރާތުގެ ދެވަނަ ބުރަށް އިޓަލީ ދާނެ ކަމަށް ގިނަ ބަޔަކު ޤަބޫލުކޮށްގެން ތިއްބައި، ދެކުނު އެފްރިކާއިން މަންޒަރު ބަދަލުކޮށްލީ މެޗުގެ އިތުރު ވަގުތު ތެރޭގައި ގަޓްލާނާ ކާމިޔާބުކުރި ލަނޑާއެކުއެވެ.
މެޗަށްފަހު ވާހަކަދައްކަމުން ވޯލްޑް ކަޕުގެ ތާރީޚުގައި ދެކެނު އެފްރިކާއަށް ފުރަތަމަ މޮޅު ހޯދައިން ކުޅުންތެރިޔާ ބުނީ މެޗުން މޮޅުވުމުން ކުރެވެނީ ތަފާތު އިހުސާސެއް ކަމަށާއި، މިދިޔަ ދެ ހަފުތާގެ ތެރޭގައި އޭނާގެ އާއިލީ ތިން މެންބަރަކު މަރުވި ނަމަވެސް، އޭނާ ނިންމީ ޓީމާއެކު މުބާރާތުގައި މަޑުކުރުމަށް ކަމަށެވެ. އެހެންކަމުން މިއީ އާއިލާއަށް އެނާވީ ބޮޑު ގުރުބާނީއެއް ކަމަށްވެސް ގަޓްލާނާ ވަނީ ބުނެފައެވެ.
މި ފަހަރުގެ މުބާރާތާ ގަޓްލާނާ ކުރިމަތިލީ ހުސްވި އަހަރު ލިބުނު އަނިޔާއަކާ ގުޅިގެން 10 މަސް ދުވަހު ކުޅުމާ ދުރުގައި ހުރުމަށްފަހުއެވެ.
މި ނަތީޖާއެކު މުބާރާތުގެ ދެވަނަ ބުރުން ދެކުނު އެފްރިކާ ޖާގަ ހޯދީ އިޓަލީއަށް ވުރެ އެއް ޕޮއިންޓް އިތުރަށް ހޯދައިގެން، ހަތަރު ޕޮއިންޓާއެކު ގުރޫޕު ޖީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. މުބާރާތުގެ ދެވަނަ ބުރުގައިއަންނަ އާދިއްތަ ދުވަހު ދެކެނު އެފްރިކާ ނުކުންނާނީ ވަރުގަދަ ނެދަލަންޑްސްއާ ދެކޮޅަށެވެ.