ހއ. އުތީމު ޞިއްޙީމަރުކަޒަށް އަލަށް އިތުރުކުރި ބައި އަދި އެރަށު ޣާޒީ ބަންޑާރައިން ސްކޫލުގައި އިމާރާތްކުރި 4 ކްލާސްރޫމް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރަސްމީގޮތުން ހުޅުއްވައިދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު އެރަށަށް ވަޑައިގެން ހުޅުވައިދެއްވި އުތީމު ޞިއްޙީމަރުކަޒަށް އަލަށް އިތުރުކުރި އިމާރާތުގައި ޕަބްލިކް ހެލްތު ޔުނިޓާއި އިދާރީ ޔުނިޓާއި ކައުންސިލިންގ ރޫމުގެ އިތުރުން ގަރާޖު ހިމެނެއެވެ. މި އިމާރާތުގެ މަސައްކަތްކޮށްފައި ވަނީ ޕާފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓާ ހަވާލުކޮށްގެންނެވެ.
ޣާޒީ ބަންޑާރައިން ސްކޫލުގައި އިމާރާތްކުރި 4 ކްލާސްރޫމުގެ މަސައްކަތް ކޮށްފައި ވަނީ ބަދަހި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ.
ރައީސުލްޖުމްހޫރިއްޔާ ހއ.ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައިވަނީ މުރައިދޫ ފުޓުބޯޅަ ދަނޑާއި، ފެނަކަ އައު އިންޖީނުގެއާ އޮފިސް ޢިމާރާތް ހުޅުއްވައިދެއްވައި، އެރަށުގެ ފެނުގެ ނިޒާމްވެސް އިފްތިތާޙްކޮށްދެއްވާފައެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައި ދެއްވި، ފުޓުބޯޅަދަނޑަކީ، ޓަރފްއަޅައި ޒަމާނީފެންވަރަށް ހަދާފައިވާ ފުޓުބޯޅަ ދަނޑެކެވެ. މީގެ އިތުރުން ފެނަކައިން ހއ. މުރައިދޫގައި އިމާރާތްކުރި ފެނަކަ އައު އިންޖީނުގެއާ އޮފީސް އިމާރާތަކީ، ޒަމާނީ ފެންވަރަށް ޢިމާރާތްކޮށްފައިވާ ތަނެކެވެ. އަދި ކުރިން ހުރި އިންޖީނުގެ ހުރީ އަވަށުތެރޭގައި ނަމަވެސް އައު އިންޖީނުގެއާ އޮފީސް އިމާރާތް ބިނާކޮށްފައި ވަނީ މީހުން ދިރިއުޅޭ ސަރަހައްދާއި ދުރުގައެވެ. އައު އިންޖީނުގޭގެ ކެޕޭސިޓީއަކީ، 620ކިލޯވޮޓް އެވެ. އަދި ފެނަކަ އައު އޮފީސް އިމާރާތަކީ ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ ތަނަވަސް ޢިމާރާތެކެވެ.
ހއ. މުރައިދޫގެ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތްކޮށްފައި ވަނީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.ޑަބްލިޔު.އެސް.ސީ) ހަވާލުކޮށްގެންނެވެ. މިމަޝްރޫޢުގެ ހުރިހާ މަސައްކަތްތަކެއް ނިންމައި، 129 ގެއަކަށް މިހާރު ވަނީ، ކަނެކްޝަން ގުޅައިދީފައެވެ.
އަތޮޅުތަކުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރުމަތިކޮށް ޚިދުމަތްތައް ފުޅާކުރެއްވުމަށް ސަރުކާރުން ރަށްރަށުގައި ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގައި ނިމިފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިހާރު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން އެތަންތަން ރަސްމީ ގޮތުން ހުޅުއްވައި ދެއްވައި، ޚިދުމަތްތައް ދަނީ އިފްތިތާޙް ކޮށްދެއްވަމުންނެވެ.