ހުޅުމާލޭގައި އިތުރު 4000 ހައުސިން ޔުނިޓް އެޅުމަށް އިންޑިޔާގެ ކުންފުންޏަކާއެކު ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީން ސޮއިކޮށްފިއެވެ.
މިހައުސިން ޔުނިޓް އެޅުމަށް ސޮއިކޮށްފައިވަނީ އިންޑިޔާގެ ކުންފުންޏެއް ކަމަށްވާ ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަރނޭޝަނަލް ލިމިޓެޑް، ކޭޕީއައިއެލްއާއެކުއެވެ.
މިމަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 2000 ހައުސިން ޔުނިޓެވެ. އެއީ 3 ކޮޓަރީގެ 1400 ޔުނިޓާއި 2 ކޮޓަރީގެ 600 ޔުނިޓެވެ. މިހައުސިންގ ޔުނިޓުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މަސައްކަތް ފަށާތާ 37 މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މިމަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތަށް 165 މިލިއަން ޑޮލަރު ޚަރަދުވެއެވެ. 
މިމަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުންވެސް 2000 ހައުސިންގ ޔުނިޓް އެޅުމަށްވަނީ ހަމަޖެހިފައެވެ. 
ހައުސިން ޔުނިޓް އެޅުމަށް އިންޑިޔާގެ ކޭޕީއައިއެލްއާއެކު ސޮއިކުރުމަށް މިއަދު ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެފްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ސަލްފިއްޔާ އަންވަރުއެވެ. ކޭޕީއައިއެލްގެ ފަރާތުން ސޮއިކުރީ އެކުންފުނީގެ ފަރާތުން ރާއްޖޭގައި ހުންނަވާ ކަންޓްރީ ހެޑް ސަރުވަޖީތު ސިންގއެވެ. 
ކޭޕީއައިއެލްއިން މިހާރުވެސް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2000 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.