ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރަނިންމޭޓެއް ކަނޑައެޅުމަށްފަހު، ވަރަށް އަވަހަށް ފޯމް ހުށަހަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ހއ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ހަނިމާދޫގައި ހުންނަވައިގެން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ރައީސް ސާލިހު ވިދާޅުވީ އެމަނިކުފާނުގެ ރަނިންމޭޓްކަމަށް ހަމަޖައްސަވާނެ ބޭފުޅެއް މިރޭ ނޫނީ މާދަމާ ކަނޑައަޅުއްވާނެކަމަށެވެ. އަދި ރަނިންމޭޓް ކަނޑައެޅުމަށްފަހު ބުރާސްފަތި ނުވަތަ ހުކުރު ދުވަހު އިންތިހާބުގައި ވާދަކުރުމަށް ފޯމް ހުށަހަޅާނެކަމަށެވެ.
"އަޅުގަނޑު ނިންމައިގެން މިހުރީ މިރޭ ނޫނީ މާދަމާ އެކަމުގައި ފައިނަލް ޑިސިޝަނެއް ނަގަން. އިރާދަކުރެއްވިއްޔާ މި ބަލަނީ ބުރާސްފަތި ނޫނީ ހުކުރު ދުވަހު ފޯމް ހުށަހަޅަން. ނަންތަކެއް އެބަހުރި. އަޅުގަނޑުމެންގެ ތެރޭގައި މަޝްވަރާކޮށްފައި ގޮތެއް ނިންމާނީ" ރައީސް ވިދާޅުވިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި، ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން މިހާތަނަށް ރަނިން މޭޓް ކަނޑައަޅާފައިވަނީ ޕީޕީއެމްއިން ވާދަކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވާ އިލްޔާސް ލަބީބް އެކަންޏެވެ.
އިލްޔާސްގެ ރަނިންމޭޓަކަށް ކަނޑަައަޅަނީ އީވާ އަބްދުﷲ އެވެ. ރައީސް ޔާމީންގެ ރަނިންމޭޓަކަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ހަމަޖެއްސިނަމަވެސް، ރައީސް ޔާމީންގެ ކެނޑިޑަސީ ބަލައިނުގަތުމަށް އިލެކްޝަނުން ވަނީ ނިންމާފައެވެ.
ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއި ޕީޕީއެމްގެ އިތުރުން އެހެން ޕާޓީތަކުން ވާދަކުރަން ނިންމާފައި އޮތްނަމަވެސް އެއްވެސް ޕާޓީއަކުން މިހާތަނަށް ރިޔާސީ ކެނޑިޑޭޓްގެ ފޯމް ހުށަހަޅާފައެއް ނުވެއެވެ. އަދި ރަނިންމޭޓްވެސް އިއުލާންކޮށްފައެއްް ނުވެއެެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ހުޅުވާލާފައިވާ ފުރުސަތު ހަމަވާނީ އަންނަ ހޯމަދުވަހުއެވެ.