ޚަބަރު

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ހައްޔަރުކޮށްފި


ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ހައްޔަރުކޮށްފިއެވެ.

މޯލްޑިވްސް ޕޮލިސް ސާރވިސުން ވިދާޅުވީ މަހްލޫފް ހައްޔަރުކުރީ މިއަދު އިދިކޮޅު އެމްޑީޕީން ބޭއްވި މުޒާހަރާ ނިންމާލުމަށް ފަހު ހިންގި ހަމަނުޖެހުމެއްގައި ފުލުހަކަށް ހަމަލާދިނުމުގެ ތުހުމަތުގައި ކަމަށެވެ.

މަހްލޫފް ހައްޔަރުކުރުމަށް ފުލުހުން މަސައްކަތް ކުރުމުން އެނާ ޒިކުރާ މިސްކިތަށް އަރައި ފިލަން މަސައްކަތްކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ. ފުލުހުންގެ ބެލުމުގެ ދަށަށް މަހްލޫފް ގެންގޮސްފައިވަނީ މިސްކިތުން ނެރުމަށްފަހުއެވެ.

އެމްޑީޕީން މިއަދު މާލޭގެ މަގުތަކުގައި ކުރިއަށް ގެންދިޔަ ހިނގާލުން ނިންމާލިފަހުން ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ކޮންމެވެސް ވަރެއްގެ ކުރިމަތިލުންތަކެއް ހިންގާފައިވެއެވެ. އަދި މުޒާހަރާ ރޫޅާލުމަށް ފުލުހުން ޕެޕަރ ސްޕްރޭ ބޭނުންކޮށްފައިވެއެވެ.