ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެނޑިޑަސީ ބަލައިނުގަތުމަށް އިލެކްޝަން ކޮމިޝަނުން ނިންމި މައްސަލަ، ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ނިންމައިފިއެވެ. 
އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން އިލެކްޝަން ކޮމިޝަނަށް ހުށަހެޅުއްވި ހުށައެޅުން، ޤަބޫލުނުކުރުމަށް އެ ކޮމިޝަނުން ނިންމެވި ނިންމެވުމަކީ ސައްޙަ ނިއްމެވުމެއް ނޫންކަމަށެވެ. 
އެހެންކަމުން މި މައްސަލަ އިންތިޚާބާބެހޭ ޢާއްމު ޤާނޫނުގެ ދަށުން، ސުޕްރީމް ކޯޓަށް ހުށަހެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމްގެ ވަކީލުންގެ ޓީމުން ކުރަމުންދާކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުގެ ނިންމުން ސުޕްރީމް ކޯޓުން ނިންމުން ބާތިލުކޮށް، އަބްދުﷲ ޔާމީންގެ ކެނޑިޑަސީގެ ޞައްޙަކަން ކަށަވަރު ވެގެންދާނެކަމާމެދު އެ ކޯލިޝަނުން ޝައްކު ނުކުރާކަމަށްވެސް ބަޔާނުގައިވެއެވެ.  
ރައީސް ޔާމީންގެ ކެނޑިޑަސީއާ ގުޅޭ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން މަސައްކަތްކުރަމުންދާއިރު، ރިިޔާސީ އިންތިޚާބުގައި ވާދަކުރާ ބޭފުޅެއްގެ ކެނޑިޑަސީއާ ގުޅޭ މައްސަލައެއް ހުށަހެޅިއްޖެނަމަ 7 ދުވަސް ތެެރޭގައި އެ މައްސަލައާމެދު ވަކި ގޮތެއް ނިންމަވަންޖެހެއެެވެ.