ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރުތު ފުރިހަމަނުވާ ކަމަށް ކަނޑައަޅުއްވައި އެމަނިކުފާނުގެ ކެންޑިޑަސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ޔާމީންގެ ކެނޑިޑެސީ ޤަބޫލް ނުކުރެއްވީ ޖިނާއީ ކުށެއް ސާބިތުވެ 11 އަހަރު ދުވަހުގެ ހުކުމެއް އައިސްފައިވުމާއެކު މިހުކުމް ތަންފީޒްކޮށް ނިމިފައިނުވާކަން ހުށަހަޅާފައިވާ ކުށުގެ ރެކޯޑަށް ބެލުމުން އެންގެން އޮތުުމުން، ޤާނޫނު އަސާސީގެ 109 ވަނަ މާއްދާގެ(ޅ)ގައި ބަޔާންކުރާ ޝަރުޠު ޔާމީންގެ ކިބައިގައި ފުރިހަމަނުވާތީ ކަމަށެވެ.
ޤާނޫނު އަސާސީ ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއީ ކުށެއް ސާބިތުވެ އެއް އަހަރަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތްނަމަ އެހުކުމެއް ތަންފީޒުކޮށް ނިމުމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފުކުރިތާ 3 އަހަރުވެފައިވާ މީހަކަށް ވާންޖެހެއެވެ.
އިންތިޚާބަށް ކުރިމަތިލާ ކެނޑިޑޭޓެއްގެ ޝަރުތު ހަމަނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާ ނިންމެވުމާމެދު ހިތްހަމަ ނުޖެހޭނަމަ ސުޕްރީމް ކޯޓަށް ހުށައެޅުމުގެ ފުރުސަތު ޤާނޫނުން ލިބެއެވެ. އިންތިޚާބުތަކާއި ބެހޭ އާއްމު ޤާނޫނު ބުނާގޮތުން މި ފަދަ މައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅޭނީ އެފޯމް ހުށައެޅިތާ 48 ގަޑިއިރު ހަމަވާ ވަގުތުން ފެށިގެން 5 ދުވަހުގެ ތެރޭގައެވެ. އަދި ސުޕްރީމް ކޯޓަށް ހުށައަޅާ މައްސަލައެއް އެކޯޓަށް ހުށައަޅާތާ ގިނަވަގެން 7 ދުވަހުގެ ތެރޭގއި ނިންމަވަންޖެހެއެވެ. އަދި މިފަދަ މައްސަލައެއް ސުޕްރީމް ކޯޓުން ނިންމަން ޖެހޭނީ އެކޯޓުގެ ހުރިހާ ފަނޑިޔާރުން ހިމެނޭ ބެންޗަކުން ކަމަށް ޤާނޫނުގައިވެއެވެ.
ސެޕްޓެމްބަރު 9، ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އަބްދުﷲ ޔާމީންގެ ކެނޑިޑަސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވީ މިއަދު ހެނދުނުއެވެ.
ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ މުއްދަތު ހަމަވާނީ އަންނަ ހަފުތާގެ ހޯމަ ދުވަހުއެވެ.