ޚަބަރު

މާފުށީ ގިރާ ސަރަޙައްދު ޙިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފި


ކ.މާފުށީ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ ޢަމަލީ މަސައްކަތް ފަށްޓަވައިފިއެވެ. މިއީ މާފުށްޓަށް ކުރިމަތިވެފައިވާ ރަށްގިރުމުގެ މައްސަލަ ޙައްލުކުރެއްވުމުގެ ގޮތުން ސަރުކާރުގެ ބަޖެޓުން 10.1 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ހިންގަވާ މަޝްރޫޢެކެވެ. މަޝްރޫޢުގެ މަސައްކަތް ޙަވާލުކުރައްވާފައިވަނީ އެމް.ޓީ.ސީ.ސީއާއެވެ. އެ ކުންފުނިން މިހާރު ވަނީ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައާއެކު، ބައެއް އެހެނިހެން ސާމާނުތައް މާފުށްޓަށް ގެންގޮސްފައެވެ.

މާފުށީގައި ރަށްގިރުމުގެ މައްސަލަ އެންމެ ބޮޑަށް ކުރިމަތިވެފައިވަނީ އެރަށު އުތުރު ފަރާތަށެވެ. އެމް.ޓީ.ސީ.ސީން ބުނީ، 400 މީޓަރުގެ ދިގު ސަރަޙައްދެއް ޙިމާޔަތްކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، ކުރިއަށް އޮތް 8 މަސް ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. 

މާފުށްޓަކީ ގެސްޓް ހައުސްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ހިންގަމުން އަންނަ ރަށެކެވެ. މި މަޝްރޫޢަށް ސަރުކާރުން އިސްކަމެއް ދެއްވާފައިވަނީ އެރަށުގެ ޙީމާޔަތަށާއި އެރަށުގައި ކުރެވޭ ފަތުރުވެރިކަމުގެ ވިޔަފާރިއަށް ލިބޭ މަންފާ އިތުރުކުރުމަށް މަގުފަހިކުރެއްވުމަށް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.