ޚަބަރު

ޅ.އަތޮޅު ހޮސްޕިޓަލްގެ އާ ޢިމާރާތް ނޮވެމްބަރު މަހު ނިމޭނެ


ޅ. އަތޮޅު ހޮސްޕިޓަލްގެ އާ ޢިމާރާތް ނިމުމުން،  އެ ހޮސްޕިޓަލްގައި ޕްރައިވެޓް ރޫމް އިތުރުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެ ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރެއްވުމުގެ ގޮތުން ޢިމާރާތްކުރައްވަމުން ގެންދަވާ ފަސް ބުރީގެ ޢިމާރާތް މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ހެލްތް މިނިސްޓްރީން ލަފާކުރައްވައެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަޙުމަދު ޤާސިމް ވިދާޅުވީ، ޅ. އަތޮޅު ހޮސްޕިޓަލްގެ އާ ޢިމާރާތުގައި އިސްކަން ދެއްވާނެ އެއްކަމަކީ ޕްރައިވެޓް ރޫމް އިތުރުކުރެއްވުމަށް ކަމަށާއި، އެގޮތުން 8 ޕްރައިވެޓް ކޮޓަރި އެ ޢިމާރާތުގައި ހައްދަވާނެކަމަށެވެ. އަދި އެންމެ އިސްކަންދެއްވާނެ ކަމަކީ މިހާރު އެ ހޮސްޕިޓަލްގައި ދެއްވަމުންދާ ޚިދުމަތްތައް އިތުރަށް ފުޅާކުރެއްވުމަށް ކަމަށްވެސް ވިދާޅުވިއެވެ.

އާ ޢިމާރާތް ފަރުމާކުރައްވާފައިވަނީ ބަލި މީހުން ބައިތިއްބާ 6 ވޯޑާއި، އޯޕީޑީ އޭރިއާއަކާއި ލެބޯޓްރީއަކާއި ފާމަސީއެއްވެސް ހިމެނޭގޮތަށެވެ. އަދި ޑޮކްޓަރުން ބަލާ 8 ކޮޓަރިއާއި، އޮޕަރޭޝަން ތިއޭޓަރެއްވެސް ޤާއިމްކުރެއްވުމަށް ހަމަޖެހިފައިވެއެވެ. ޅ.އަތޮޅު ހޮސްޕިޓަލްގައި ފަސްބުރީގެ ޢާ އިމަރާތެއް ހައްދަވަނީ މިހާރުހުރި ޢިމާރާތަކީ މަރާމާތުކުރައްވައިގެންވެސް ބޭނުން ކުރެވޭނެ ފެންވަރުގައި ހުރި ތަނަކަށް ނުވާތީކަމަށް ޤާސިމް ފާހަގަކުރެއްވިއެވެ.

ޅ. އަތޮޅު ހޮސްޕިޓަލްގެ އާ ޢިމާރާތުގެ މަޝްރޫޢަކީ ސަރުކާރުގެ ބަޖެޓުން 44.7 މިލިއަން ރުފިޔާ ހޭދަކުރައްވައިގެން ހިންގަވާ މަޝްރޫޢެކެވެ. މި މަސައްކަތުގެ ކޮންޓްރެކްޓަރަކީ، އެލިއާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.