ޖަޕާނުގެ ޚާރިޖީ ވަޒީރު ހަޔާޝީ ޔޮޝިމާސާ ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންފިއެވެ.
އެމަނިކުފަނުގެ މި ދަތުރުފުޅަކީ ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅެކެވެ.
ޖަޕާނުގެ ފޮރިން މިނިސްޓަރގެ މި ދަތުރުފުޅުގައި ރަސްމީ ވާހަކަފުޅުތަކާއި، އަދި ދެ ޤައުމުން އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި ގުޅޭ އެއްބަސްވުންތައް ވަނީ ޤާއިމުކުރައްވާފައެވެ. އެގޮތުން ރާއްޖެއާއި ޖަޕާނާ ދެމެދު ޤާއިމުކުރެއްވި އެއްބަސްވުންތަކުގެ ތެރޭގައި ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓްތަކަށް ދެޤައުމުން ވެސް 90 ދުވަހުގެ މުއްދަތަކަށް ވިސާ އާ ނުލައި އެތެރެވުމާއި ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވާފައެވެ. އަދި އިންސާނީ ވަސީލަތް ކުރިއެރުުވުމަށް އެހީތެރިކަން ދިނުމުގެ އެސްބަސްވުމެއް ހިމެނެއެވެ.
މީގެއިތުރުން ދެ ޤައިމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ވަނީ ބާއްވަވާފައެވެ.
ރާއްޖެއާއި ޖަޕާނާ ދެމެދު މަޝްވަރާކުރެއްވި އިތުރު ދާއިރާތަކުގެ ތެރޭގައި ކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިންނާއި، މޫސުމީ ބަދަލުތަކާއި، އެނޫންވެސް ބައިނަލްއަޤްވާމީ މަޝްރަހުގައި ދެ ޤައުމުގެ މަސްލަޙަތު ހިމެނޭ ކަންކަމުގައި ޤަވާއިދުން ދެ ޤައުމުގެ ދެމެދު މަޝްވަރާތައް ބައްވާ، އެއްބާރުލުން ދިނުމާއި ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރިއަށްގެންދެވިއެވެ.
ޖަޕާނުގެ ފޮރިން މިނިސްޓަރގެ މި ދަތުރުފުޅުފުޅުގައި ވަނީ، މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙުމަދު ދީދީއާވެސް ބައްދަލުކުރައްވާފައެވެ. އަދި ޑިފެންސް އެންޑް ސެކިއުރިޓީގެ ދާއިރާއިން މަޝްވަރާކުރައްވާފައެވެ.
ޖަޕާނުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ހަޔާޝީ ޔޮޝިމާސާގެ މި ދަތުރުފުޅުގައި ވަނީ، ޖަޕާނުން ރާއްޖޭގައި އުމްރާނީ ގޮތުން ކުރެއްވި ބައެއް މަސައްކަތްތަކަތްތައް ބައްލަވާލައްވާފައެވެ. އެގޮތުން ކަލާފާނު ސްކޫލާއި، މާލޭގެ ގޮޑުދޮށް ޙިމާޔަތްކުރުމަށް ލާފައިވާ ތޮށި ރަމްޒުކޮށްދޭ "ޓެޓްރަޕޮޑް" މޮނިއުމަންޓަށް ޒިޔާރަތްކުރެއްވިއެވެ.