މިހާރު މާލެތެރޭގައި ފެތުރެމުންދާ ރޯގާއިން ރައްކާތެރިވުމަށް ކުރެވޭނެ އެންމެ މުހިންމު އެއްކަމަކީ ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުން ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ބަލިތަކާ ބެހޭ ޑިޕާޓްމަންޓްގެ ހެޑް ޑޮކްޓަރ އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
މި ރޯގާގެ އަލާމާތްތައް ހުރެގެން މީހުން ޑޮކްޓަރަށް ދައްކަންފަށާފައިވަނީ މީގެ ދެހަފްތާއެއްހާ ދުވަސް ކުރިންނެވެ. ނަމަވެސް ހޮޑުލާ ބޭރަށް ހިންގާ މިރޯގާގެ އަލާމާތްތައް ގިނަވެ ބަލިވެގެން ޑޮކްޓަރަށް ދައްކަން އަންނަ މީހުންގެ އަދަދު އިތުރުވާން ފަށާފައިވަނީ މީގެ ތިން ދުވަސް ކުރިންނެވެ. މިހާތަނަށް ދެހާހަށްވުރެ ގިނަ މީހުން މިބަލީގައި ޑޮކްޓަރަށް ދައްކާ ފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
މާލެ ސަރަހައްދުގައި މިހާރު ފެތުރެމުންދާ ރޯގާ އަކީ ނޯރޯ ވައިރަހުގެ ސަބަބުން ފެތުރޭ ރޯގާއެއްކަމަށާ، އަދި މިއީ އެހާ ފަސޭހައިން ގައިންގަޔަށް އަރާ އަވަހަށް ފެތުރޭ ވައިރަހެއް ކަމަށް ބައްޔާ ގުޅޭގޮތުން ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ ކުޑަކުދިންގެ ބަލިތަކާ ބެހޭ ޑިޕާޓްމަންޓްގެ ހެޑް ޑރ އަޙުމަދު ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާއިން ރައްކާތެރިވުމަށް ކުރެވޭނެ އެންމެ މުހިންމު އެއްކަމަމަކީ ތަނެއްގައި އަތްލައިފިނަމަ ނޭފަތާއި އަގަޔަށް އަތްނުލާ ވީއެންމެ އަވަހަށް އަތްދޮވުންކަމަށެވެ. މި ބަލި ފެތުރެނީ ބޮޑުކަމުދާ ނަޖިހުންނާއި ހޮޑުގެ ޖަރާސީމުންނެވެ. ފައިސަލް ވިދާޅުވީ ހޮޑުލާ ބޮޑުކަމުދާ މީހަކު ނުވަތަ ކުއްޖަކު އުޅޭނަމަ ވީހާވެސް ބޮޑަށް ރައްކާތެރިކަމާއެކު ގެންގުޅުމަކީ މި ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ މުހިންމު ކަމެއްކަމަށެވެ.
"ސާފުތާޙިރުކަން ވަރަށް މުހިންމު. ކާބޯތަކެއްޗާ އަތް ރަނގަޅަށް ދޮވެގެންނޫނީ ނުކެއުމަށް އިލްތިމާސްކުރަން. އަދި ބަލި ޖެހިފައިވާ މީހުން އުޅޭތަނެއްނަމަ ހޮޑާއި ބޮޑުކަމުދާ ޖަރާސީމުން ރައްކާތެރިވުމަކީވެސް މި ރޯގާއިން ރައްކާތެރިވުމަށް ކުރެވޭނެ މުހިންމު އެއްކަންތައް، ސެނެޓެއިޒް ކުރުމަށްވުރެ މުހިންމުކަމެއް ދޭންވީ ސައިބޯނި ލައިގެން އަތްދޮވުމަށް" ޑޮކްޓަރ ފައިސަލް ވިދާޅުވިއެވެ.
ބޭރަށް ހިންގުމާއި، ހޮނޑުލުމުގެ ރޯގާއެއް މާލޭ ސަރަޙައްދުގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ދަނޑިވަޅުގައި ބަލި ޖެހިފައި ރަނގަޅުވީ ނަމަވެސް 48 ގަޑޑިއިރުވަންދެން ހަށިގަނޑުގައި ޖަރާސީމު ހުންނާނެކަމަށާއި އެންމެ ރައްކާތެރި ގޮތަކީ، މީހުންގެ ތެރެއަށް ދެ ދުވަސްވަންދެން ނުނުކުމެހުރުން ކަމަށް ޑޮކްޓަރ ފައިސަލް ވިދާޅުވިއެވެ.
މި ތިންދުވަހު އެކަނިވެސް މިހާތަނަށް އައިޖީއެމްއެޗަށް ދުވާލެއްގެ މައްޗަށް 500 އާ ގާތްކުރާ އަދަދަކަށް މި ބަލިޖެހިގެން ޑޮކްޓަރަށް ދައްކާކަމަށް އައިޖީއެމްއެޗްގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ނަމަވެސް މިހާތަނަށް މި ބަލީގެ ސީރިއަސް ކޭސްއެއް އައިސްފައި ނުވާކަމަށް ފައިސަލް ވިދާޅުވިއެވެ. މި ބަލި ފެތުރޭލެއް އަވަސްކަމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީވަނީ އިލްތިމާސްކުރައްވާފައެވެ.
މިދުވަސްވަރަކީ ޗުއްޓީ ދުވަސްވަރުކަމަށް ވުމާއެކު ރާއްޖެއިން ބޭރަށް ދަތުރު ކުރާމީހުން ގިނަވެ އެގައުމުތަކުން އަންނަ ބަލިތައް ގިނަވާނެކަަމަށާއި، ދަތުރު ކުރާ ފަރާތްތަކުން އެކަންކަމަށް ރައްކާތެރިވުމަށް ޑރ ފައިސަލް ވަނީ އެދިވަޑައިގެންފައެވެ.