މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ލަފާކޮށް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.
މޫސުމާ ބެހޭ އިދާރާއިންވަނީ ކ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ވިއްސާރަވާނެ ކަމަށް ލަފާކޮށް މިރޭ 11 ޖެހުމާ ހަމައަށް ވައިޓް އެލަރޓްވެސް ނެރެފައެވެ.
Alert White for Heavy rain pic.twitter.com/471K7jFtqa
— Maldives Meteorology (@MetMaldives) July 29, 2023
ކުރިއަށް އޮތް 24 ގަޑިއިރުވެސް އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާއިއެކު ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ އިދާރާއިން ހާމަކުރެއެވެ. ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް އެއިދާރާއިން ހާމަކުރެއެވެ. ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، ރާޅޫގެ އުސްމިން ހުންނާނީ 3 ފޫޓާއި 6 ފޫޓާ ދެމެދު ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކުރެއެވެ.
މިވިއްސާރައިގައި ބޯކޮށް ވާރޭވެހި ވައިގަދަވާނެތީ މޫސުމަށް ސަމާލުވުމަށް ކަމާ ބެހޭ ފަރާތްތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.