އުތުރު ކޮރެޔާއިން އަލަށް އުފައްދާފައިވާ ހަތިޔާރުތައް ރަޝިޔާގެ ދިފާޢީ ވަޒީރު ސަރްޖޭ ޝޮއިގޫއާއި ޗައިނާގެ އިސް އޮފިޝަލުންނަށް ދައްކާލައިފިއެވެ. އުތުރު ކޮރެޔާއިން އުފައްދާފައިވާ އިންޓަރކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް (އައި.ސީ.ބީ.އެމް)ތަކާއި އެހެނިހެން ހަތިޔާރު ރަޝިޔާއާއި ޗައިނާގެ އޮފިޝަލުންނަށް ދައްކައިލާފައި ވަނީ ކޮރެޔާ ހަނގުރާމަ ނިމުނުތާ 70 އަހަރު ފުރުން ފާހަގަކުރުމަށް އުތުރު ކޮރެޔާއިން ބޭއްވި އަސްކަރީ ޕެރޭޑެއްގައެވެ. އެ ދުވަސް އުތުރު ކޮރެޔާއިން ފާހަގަކުރަނީ ވިކްޓްރީ ދުވަހުގެ ގޮތުގައެވެ.
އަސްކަރީ ޕެރޭޑު ބައްލަވައިލެއްވުމަށް ޝޮއިގޫގެ އިތުރުން އުތުރު ކޮރެޔާގެ ޒައީމު ކިމް ޖޮންގް އުން ވަނީ ޗައިނާގެ ވެރިކަންކުރާ ކޮމިޔުނިސްޓު ޕާޓީގެ އިސް އޮފިޝަލެއް ކަމުގައިވާ ލީ ހޮންގްސޮންގަށް ވެސް ދަޢުވަތު އަރުވާފައެވެ. ވެރިރަށް ޗޮންގްޔަންގައި ބޭއްވި އަސްކަރީ ޕެރޭޑުގައި އުތުރު ކޮރެޔާއިން ވަނީ އެ ޤައުމުން އެންމެ ފަހުން އުފައްދާފައިވާ "ހާސޮންގް-17" އަދި "ހާސޮންގް-18" މަރުކާގެ އައި.ސީ.ބީ.އެމްތަކުގެ އިތުރުން އަސްކަރީ ޑްރޯންތައް ވެސް ދައްކައިލާފައެވެ.
"
ހާސިންގް" މަރުކާގެ އައި.ސީ.ބީ.އެމްތަކަކީ ނިއުކްލިޔަރ ބޮން އުފުލުމުގެ ގާބިލުކަން ލިބިފައިވާ މިސައިލެކެވެ. އަދި، އެއީ އެހެން ބައްރެއްގައި އޮންނަ ޤައުމަކަށް ހަމަލަދިނުމަށް ވެސް ބޭނުން ކުރެވޭނެ، ދުރު ރާސްތާގެ މިސައިލެކެވެ. އެ މަރުކާގެ މިސައިލާ އެކު އެމެރިކާއަށް ހަމަލަދިނުމުގެ ގާބިލުކަން އުތުރު ކޮރެޔާއިން ހޯދާފައިވާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ޝޮއިގޫ އުތުރު ކޮރެޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ 1991 ވަނަ އަހަރު ކުރީގެ ރޫސީ ވިލާތް ރޫޅުނު ފަހުން ރަޝިޔާގެ ދިފާޢީ ވުޒާރާގެ އިސް އޮފިޝަލަކު އެ ޤައުމަށް ކުރައްވާ ފުރަތަމަ ޒިޔާރަތެވެ. އަދި، މިއީ ކޮވިޑް-19ގެ ބަލިމަޑުކަން ފެށުނު ފަހުން ލީއާ އެކު ޗައިނާގެ ވަފުދެއް އުތުރު ކޮރެޔާއަށް ކުރާ ފުރަތަމަ ޒިޔާރަތެވެ.
އަސްކަރީ ޕެރޭޑުގައި އުތުރު ކޮރެޔާއިން އެންމެ ފަހުން އުފައްދާފައިވާ އައި.ސީ.ބީ.އެމް ފަދަ ހަތިޔާރުތައް ދައްކައިލާފައިވާއިރު، އެ ތަކެތި އުފައްދާފައި އެއީ އ.ދގެ ސަލާމަތީ މަޖިލީހުގެ ޤަރާރުތަކާ ޚިލާފަށް އުފައްދާފައިވާ ހަތިޔާރުތަކެއް ކަން ފާހަގަކޮށްލަން ޖެހެއެވެ. އަދި، އުތުރު ކޮރެޔާއަށް ހަތިޔާރު އުފެއްދުން މަނާކުރަން އ.ދގެ ސަލާމަތީ މަޖިލީހުން ޤަރާރު ފާސްކޮށްފައި ވަނީ ރަޝިޔާއާއި ޗައިނާގެ ބައިވެރިވުމާ އެކުގައި ކަން ވެސް ފާހަގަކުރެވެއެވެ.
ޕެރޭޑުގެ ކުރިން ކިމް ވަނީ ޝޮއިގޫއާ އެކު އުތުރު ކޮރެޔާގެ އަސްކަރީ މަރުކަޒަކަށް ވެސް ޒިޔާރަތް ކުރައްވައި، އެ ޤައުމުގައި އުފައްދާފައިވާ ހަތިޔާރުތައް ދައްކައިލާފައެވެ. ޝޮއިގޫއާއި ކިމް ބޭއްވެވި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ ދެމެދުގައި ގުޅުންތައް ބަދަހިކުރަން ވެސް އެއްބަސްވެ ވަޑައިގަންނަވާފައެވެ. މި ބައްދަލުވުމުގައި ޝޮއިގޫ ވަނީ ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިންގެ ސިޓީފުޅެއް ކިމްއާ ހަވާލު ކުރައްވާފައެވެ. އުތުރު ކޮރެޔާގެ އިތުރުން ރަޝިޔާއާއި ޗައިނާއަކީ ވެސް އެމެރިކާއާ ދެކޮޅު ތިން ޤައުމެވެ.
ޝޮއިގޫގެ ދަތުރުފުޅާ ގުޅޭ ގޮތުން ކިމް ބުނީ ރަޝިޔާގެ އަސްކަރީ އޮފިޝަލުންގެ ވަފުދެއް އުތުރު ކޮރެޔާއަށް ފޮނުވުމުން ޕުޓިންއަށް ޝުކުރު އަދާކުރާ ކަމުގައެވެ. އަދި، މި ކަމުން ދޭހަވަނީ ދެ ޤައުމުގެ ދެމެދުގައި ގުޅުންތައް ބަދަހިވަމުންދާ ކަން ކަމުގައި ވެސް އޭނާ ބުންޏެވެ.
އުތުރު ކޮރެޔާގެ މީޑިޔާއިން ރިޕޯޓުކުރާ ގޮތުގައި ރަޝިޔާއިން ޔޫކްރެއިންގައި ފަށާފައިވާ ހަނގުރާމައަށް އުތުރު ކޮރެޔާއިން ތާޢީދުކުރާން ކަން ޝޮއިގޫ ގާތުގައި އުތުރު ކޮރެޔާގެ ދިފާޢީ ވަޒީރު ކަންގް ސުން ނަމް ބުންޏެވެ. އަދި، އެ ހަނގުރާމައަކީ ރަޝިޔާގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތް ކުރަން މުހިންމު ހަނގުރާމައެއްގެ ގޮތުގައި ދެކޭ ކަމުގައި އޭނާ ބުނެފައިވާ ކަމަށް ވެސް އުތުރު ކޮރެޔާގެ މީޑިޔާއިން ރިޕޯޓުކުރެއެވެ.