ރާއްޖެއަށް ބޭނުންވާ ބޭސް ހުސްނުވެ އަބަދުވެސް ލިބެން ހުންނާނެކަމަށް އެސްޓީއޯއިން ބުނެފިއެވެ.
އެސްޓީއޯޢިން މިކަން ހާމަކޮށްފައި މިވަނީ ރާއްޖޭގައި ފެތުރެމުންދާ ރޯގާގެ ސަބަބުން ފާމަސީތަކުން ބޭސް ހުސްވަމުންދާކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ހަޤީޤަތާއި ހިލާފު ވާހަކަތަކާއި ގުޅިގެނެވެ.
އެސްޓީއޯއިން ބުނީ މާލެ ސަރަހައްދުގައި މިހާރު ފެތުރެމުންދާ ރޯގާއާއި ގުޅިގެން އެސްޓީއޯގެ ފާމަސީތަކުން ބޭސް ނަގާ މިންވަރު އިތުރުވެފައިވާކަން އެ ކުންފުންޏަށް ފާހަގަވެފައިވާކަމަށެވެ.
އެސްޓީއޯއިން ބުނީ އެ ކުންފުނިން ބޭސް އެތެރެކުރަމުންދަނީ ސިއްހީ ޚިދުމަތްދޭ ފަރާތްތަކާއި ދައުލަތުގެ ކަމާގުޅޭ މުއައްސަސާތަކާއި މަޝްވަރާކުރެވިގެން ރާއްޖެއަށް ބޭނުންވާނެ މިންވަރު ދެނެގަނެވި އިސްރާފުވެސް ކުޑަވާނެ ގޮތަށް ބަލައިގެންކަމަށެވެ.
އެސްޓީއޯއިން ބުނީ ރާއްޖޭގައި މޫސުމީ ރޯގާތައް ފެތުރޭ ދުވަސްވަރުތައް ދެނެގަނެވި އެ ދުވަސްވަރަށް ބޭނުންވާ ބޭސްތައް އަބަދުވެސް ހުސްނުވެ އެ ކުންފުނިން ފޯރުކޮށްދެއްވަމުން ގެންދަވާނެކަމަށެވެ.
މިވަގުތު ފެތުރެމުންދާ ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާއާއެކު، އެފަދަ ރޯގާތަކަށް އާއްމުކޮށް ދެވޭ ބޭސްތަކުގެ ޑިމާންޑް އިތުރުވެފައިވީނަމަވެސް އެސްޓީއޯއިން އެތެރެކުރާ ބޭސްތައް ލިބުމުގައި ދަތިކަމެއް ނެތްކަމުގެ ޔަގީންކަން އަރުވާކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
މިހާރު މާލޭގައި ފެތުރެމުންދާ ރޯގާ އާ ގުޅިގެން ގިނަ ބަޔަކު ޑޮކްޓަރަށް ދައްކަމުންދާއިރު އެ ރޯގާއަށް ބޭނުންކުރާ ބޭހުގެ ސްޓޮކް ހުސްވެފައިވާ ކަމަށް ދައްކަމުންދާ ވާހަކަތައް ހެލްތު މިނިސްޓްރީންވެސް ވަނީ ދޮގުކުރައްވާފައެވެ.
ހެލްތު މިނިސްޓްރީން ބުނީ ހޮޑުލުމާއި ބޭރަށް ހިންގުމުގެ ފަރުވާއަށް ބޭނުންވާ އޯއާރުއެސް އާއި ބޭސް އެސްޓީއޯގައި އެބަހުރި ކަމަށެވެ. ހޮޑުލައި ބޭރަށް ހިންގާތީ މާލެ ސަރަހައްދުގެ އެކި ހޮސްޕިޓަލްތަކަށް ޑޮކްޓަރަށް ދައްކަންދާ މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވީ މިއަދުއެވެ.