ޖަޕާނުގެ ފުކުއޯކާގައި މިހާރު ކުރިއަށްދާ 20 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ރާއްޖޭގެ ފެތުންތެރިން ޤައުމީ ތިން ރިކޯޑެއް އައުކޮށްފިއެވެ.
އެ ތިން ރިކޯޑަކީ ލޯންގް ކޯސް 200 މީޓަރު ބަޓަފްލައި އިވެންޓުގެ އަންހެން އަދި ފިރިހެން ރިކޯޑާއި ލޯންގް ކޯސް ހަތަރެއް ގުނަ 100 މީޓަރު މިކްސްޑް މެޑްލޭ ރިލޭ އިވެންޓުގެ ޤައުމީ ރިކޯޑުތަކެވެ.
ފިރިހެނުންގެ ލޯންގް ކޯސް 200 މީޓަރު ބަޓަފްލައި އިވެންޓުގެ ޤައުމީ ރިކޯޑު އައުކުރީ މުޙައްމަދު ރިޙާން ޝިހާމެވެ. މި ފަހަރުގެ މުބާރާތުގައި ރިޙާން މި އިވެންޓް ފުރިހަމަކޮށްފައިވަނީ ދެ މިނެޓު 32.93 ސިކުންތުންނެވެ. މި ރިކޯޑު އެންމެ ފަހުން އައުކޮށްފައިވަނީވެސް ރިޙާނެވެ. އެއީ މިދިޔަ އަހަރު ބޭއްވުނު އަށްވަނަ ފީނާ ވޯލްޑް ޖޫނިއަރ ޗެމްޕިއަންޝިޕްސްގައި ދެ މިނެޓު 34.06 ސިކުންތުން އިވެންޓް ނިންމައިގެންނެވެ.
ދެން މި ފަހަރުގެ މުބާރާތުގައި އަންހެނުންގެ ލޯންގްކޯސް 200 މީޓަރު ބަޓަފްލައި އިވެންޓުގެ ޤައުމީ ރިކޯޑު އައުކުރީ މިރާލް ޢައިން ލަތީފެވެ. އޭނާ ރިކޯޑު އައުކޮށްފައިވަނީ ތިން މިނެޓު 5.69 ސިކުންތުން އިވެންޓް ފުރިހަމަކޮށްގެންނެވެ. މި އިވެންޓުގެ ޤައުމީ ރިކޯޑު އެންމެ ފަހުން އައުކޮށްފައިވަނީވެސް މިރާލެވެ. އެއީ މިއަހަރު ތައިލަންޑުގައި ބޭއްވުނު އޭޝިއަން އޯޕަން ސްކޫލް އިންވިޓޭޝަނަލް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ވާދަކޮށް ތިން މިނެޓު 6.78 ސިކުންތުން އިވެންޓް ފުރިހަމަކޮށްގެންނެވެ.
މީގެ އިތުރުން މި ފަހަރުގެ މުބާރާތުގައި ލޯންގް ކޯސް ހަތަރެއް ގުނަ 100 މީޓަރު މިކްސްޑް މެޑްލޭ ރިލޭގެ ޤައުމީ ރިކޯޑު ދިވެހި ޓީމުން އައުކޮށްފައިވަނީ ހަތަރު މިނެޓު 50.64 ސިކުންތުން ރޭސް ނިންމައިގެންނެވެ. ރިކޯޑު އައުކުރި ޓީމުގައި ހިމެނެނީ ޢަލީ އިމްޢާނާއި، ޙަމްނާ އަޙްމަދާއި، މުޙައްމަދު ރިޙާން ޝިހާމް އަދި މިރާލް ޢައިން ލަތީފެވެ. މި އިވެންޓުގެ ޤައުމީ ރިކޯޑު އެންމެ ފަހުން އައުކޮށްފައިވަނީ 2019 ވަނަ އަހަރު ބޭއްވުނު 18 ވަނަ ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕްސްގައި ހަތަރު މިނެޓު 56.79 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެ ފަހަރު ރިކޯޑު އައުކުރި ޓީމުގައި ހިމެނެނީ ޢަލީ އިމްޢާނުގެ އިތުރުން އައިޝަތު ސައުސަން އާއި، އައިޝަތު ސާޖިނާ އަދި މުބާލް ޢައްޒާމް އިބްރާޙީމެވެ.