މީގެ 30 އަހަރު ކުރިން، އެމެރިކާގެ މަތިންދާބޯޓުތަކެއް ވައްޓައިލި ހާދިސާއާ ގުޅިގެން، ކިޔުބާގެ ކުރީގެ ރައީސް ރައުލް ކެސްޓްރޯގެ މައްޗަށް އެމެރިކާއިން ދައުވާ އުފުލައިފިއެވެ.
އެމެރިކާ އާއި ކިޔުބާގެ މެދުގައި ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގައި، ރައުލް ކެސްޓްރޯގެ މައްޗަށް ދައުވާ އުފުލާފައިވަނީ، 1996ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24ވަނަ ދުވަހު، އާންމުން ގޮވައިގެން ދަތުރުކުރި އެމެރިކާގެ ދެ މަތިންދާބޯޓަކަށް ކިޔުބާގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ޙަމަލާދިން ހާދިސާއާ ގުޅިގެންނެވެ.
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ތުހުމަތުކުރާ ގޮތުގައި، އޭރުގެ ދިފާއީ ވަޒީރުގެ މަޤާމުގައި ހުންނެވި ކެސްޓްރޯ ވަނީ، މަތިންދާބޯޓުތަކަށް ޙަމަލާދޭން ނިންމުމުގައި އިސް ދައުރެއް އަދާކުރައްވައިފައެވެ.
އެއާ އެކު، އެމެރިކާއިން ވަނީ އެމެރިކާގެ ރައްޔިތުން މަރައިލި ކަމުގެ ހަތަރު ދައުވާއަކާއި، އެމެރިކާ ރައްޔިތުން މަރައިލަން ރޭވިކަމުގެ ދައުވާއެއްގެ އިތުރުން މަތިންދާބޯޓަކަށް ޙަމަލާދިނުމުގެ ދެ ދައުވާއެއް ރައުލް ކެސްޓްރޯގެ މައްޗަށް އުފުަލައިފައެވެ.
އެ މަތިންދާބޯޓުތަކަކީ، ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައި ކިޔުބާއިން އެމެރިކާއިން ހިޖުރަކުރާ ރެފިއުޖީންނަށް އެހީވާން މަސައްކަތް ކުރި "ބްރަދަރސް ޓު ދަ ރެސްކިޔު" ޖަމާޢަތުގެ މަތިންދާބޯޓުތަކެކެވެ.
ކިޔުބާގެ އަސްކަރިއްޔާއިން ދިން ޙަމަލާގައި، އެމެރިކާގެ ހަތަރު ރައްޔިތުން މަރުވިއެވެ.
އެ މަތިންދާބޯޓުތަކަށް ޙަމަލާދޭން އެންގެވިކަން ރައުލް ކެސްޓްރޯގެ އިތުރުން އޭރުގެ ރައީސް ފިޑެލް ކެސްޓްރޯ ވެސް ވަނީ ދޮގުކުރައްވައިފައެވެ.
އަދި 30 އަހަރު ފަހުން، އެ ދައުވާތައް އުފުލައިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ރާވަމުންދަނީ، ކިޔުބާއާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަނެއް ހިންގުމަށް ކަމަށް ކިޔުބާގެ ރައީސް މިގެލް ޑިއޭޒް ކެނެލް ވަނީ ވިދާޅުވެފައެވެ.