ޚަބަރު

މުދައްރިސުންގެ ލައިސަންސްއަށް އެދި ހުށަހެޅުމަށް ޕޯޓަލްއެއް


ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭ މުދައްރިސުންގެ ލައިސަންސް ނެގުމަށް އެދި ހުށަހެޅުމަށް ޑިޖިޓަލް ޕޯޓަލްއެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް މަރިޔަމް ނާސިރު ވިދާޅުވީ އޮންލައިންކޮށް ލައިސަންސް ނެގޭނެ ގޮތް ހަމަޖެއްސުމުގެ މައިގަނޑު މަޤްސަދަކީ މުދައްރިސުންނަށް ވީހާވެސް ފަސޭހައިން ލައިސަންސް ލިބޭނޭ ގޮތް ހަމަޖެއްސުން ކަމަށެވެ.

"އަޅުގަނޑުމެން، މުދައްރިސުންގެ ލައިސަންސަށް އެދި ހުށައެޅުމަށްޓަކާ ޕޯޓަލް އެއްވެސް އެބަ ތައްޔާރު ކުރަނީ. އޭރުން ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް މުދައްރިސުންނަށް ލައިސެންސަށް އެދި ހުށައެޅޭނެ. ދެން ވީހާވެސް ފަސޭހަ ގޮތަކަށް ޓީޗަރުންނަށްވެސް އަދި އެހެން ބޭފުޅުންނަށްވެސް ވީހާވެސް ފަސޭހަ ގޮތަކަށް ހަމަޖެއްސުމަށްޓަކާ އަޅުގަނޑުމެން އޮންލައިންކޮށް ހުށައެޅޭ ގޮތަށް ޕޯޓަލްއެއް މިތައްޔާރުކުރަނީ." މަރިޔަމް ނާސިރް ވިދާޅުވިއެވެ.

މަރިޔަމް ނާސިރް ވިދާޅުވީ މި ޕޯޓަލް ގާއިމް ކުރެވެމުން ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް ޕޯޓަލް މެދުވެރިކޮށް މުދައްރިސުންނަށް ލައިސަންސަށް އެދި ހުށައެޅޭނެ ކަމަށެވެ. އަދި ޕޯޓަލް މެދުވެރިކޮށް ލައިސަންސަށް އެޕްލައި ކުރުމަށް މިނިސްޓްރީން ހުޅުވާލާނީ އެކި ދުވަސްވަރު އެކި ޒޯންތަކަށް ބަހާލައިގެންކަމަށާއި އެޕްލައި ކުރަމުންދާ ވަރަކަށް ލައިސަންސްގެ ގޮތުގައި ޑިޖިޓަލް ކާޑު ދޫކުރަމުން ދާނެކަމަށްވެސް މަރިޔަމް ނާސިރް ވިދާޅުވިއެވެ.

މުދައްރިސުންނަށް ލައިސަންސް ދޫކުރުމުގައި ބަލާނީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން 1 މޭ ގައި ނެރުއްވި މުދައްރިސުންގެ ގަވާއިދުގައިވާ ޝަރުތުތަކަށެވެ. ގަވާއިދުގައިވާ ގޮތުގެ މަތިން ލައިސަންސް ނެގުމަށް ހުށައަޅާއިރު ޕޯޓްފޯލިއޯ އެއް ހުށައަޅަން ޖެހެއެވެ. މިޕޯޓްފޯލިއޯ ބޭނުންވާނީ ލައިސެންސް އާކުރަން ހުށައަޅާއިރު ނުވަތަ ކެޓަގަރީ ބަދަލު ކުރަން ހުށައަޅާއިރުކަމަށް އެޑިއުކޭޝަނުން ބުނެއެވެ.

"ޕޯޓްފޯލިއޯގެ މައިގަނޑު މަގްސަދަކީ މުދއްރިސުންނަކީ ފަންނީގޮތުން އަބަދުވެސް ކުރިއަރާފައިވާ ބަޔަކަށް ހެދުން. ދެން ޕޯޓްފޯލިއޯ މި ބޭނުންވަނީ ލައިސެންސް އާކުރަން ހުށައަޅާއިރުގަޔާ ލައިސެންސްގެ ކެޓަގަރީ ބަދަލްކުރަން ހުށައަޅާއިރުގަ. ކުރުގޮތަކަށް ދަންނަވާނަމަ ޕްރޮމޯޝަން ބަދަލްކުރަން ހުޝައަޅާއިރުގަ. އެނޫން އެހެން ކަމަކަށް ޕޯޓްފޯލިއީ ބޭނުމެއް ނުވާނެ. ދެން ހަމައެކަނި މިބޭނުންވަނީ ޓީޗަރުންގެ ގޮތުގަ މަސައްކަތް ކުރާ ފަރާތް ތަކަށް ނުވަތަ ޓީޗާރ ކެޓަގަރީގަ މަސައްކަތް ކުރާ ފަރާތްތަކަށް ލައިސެންސް ނެގުމަށް." މަރިޔަމް ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ 2029 ވަނަ އަހަރުން ފެށިގެން ޓީޗަރުންގެ ލައިސަންސަށް އެދި ހުށަހަޅާއިރު 4 އަހަރުގެ ޑިގްރީއެއް އޮންނަންޖެހޭނެ ކަމަށެވެ. ނަމަވެސް މިހާރު ޑިގްރީ ހަދަމުންދާ ދަރިވަރުންނަށް ލައިސެންސް ލިބޭނެކަމުގައި މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މުދައްރިސުން ރަޖިސްޓްރީކޮށް، ލައިސެންސް ދިނުމުގެ މައިގަނޑު މަޤްސަދަކީ ދިވެހި ރާއްޖޭގެ ސްކޫލްތަކާއި އެނޫންވެސް ކިޔަވައިދޭ ތަން ތަނުގައި ކިޔަވައިދިނުމަށް މަސައްކަތްކުރާ މުދައްރިސުންނަކީ އުނގެނުމާއި އުނގަންނައިދިނުމަށް ބޭނުންވާ ތައުލީމީ ފެންވަރާ އެކަމުގެ ފަންނީ ހުނަރާއި ގާބިލްކަން ލިބިފައިވާ ބައެއްކަން ކަށަވަރުކުރުމެވެ.

ރާއްޖޭގެ ކިޔަވައިދޭ ސްކޫލް ތަކުގައާއި އެނޫންވެސް ތަންތަނުގައި ކިޔަވައިދޭ މުދައްރިސުންނަކީ ރަޖިސްޓްރީވެ ލައިސަންސް ލިބިފައިވާ ބަޔަކަށްވުން ކިޔަވައިދިނުމުގެ ގާނޫން ލާޒިމްކުރެއެވެ. އަދި ވަކި ހިސާބަކުން ފެށިގެން ލައިސަންސް ނެތި މުދައްރިސެއްގެ ގޮތުގައި މަސައްކަތް ނުކުރެވޭނެ ކަމުގައިވެސް ގާނޫންގައި ބުނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިހާރު ލައިސަންސް ނުނަަންގަވައި ތިއްބެވި މުދައްރިސުން މިފެށޭ ދިރާސީ އައު އަހަރުގެ ދެވަނަ ޓާމް ފެށުމުގެ ކުރިން ލައިސެންސް ނެގުމަށާއި އޭގެފަހުން ލައިސެންސް ނެތި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ނުކުރެވޭނެކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ވަނީ ވިދާޅުވެފައެވެ.