ޚަބަރު

ކީރިތި ޤުރްއާން ހިތުދަސްކޮށްގެން ރައީސް ދެއްވާ ޚާއްޞަ މެޑެލް މިއަހަރު 10 ފަރާތަކަށް


  • މެޑަލް ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ

  • ޙާފިޡުން ބިނާކުރުމަށް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރައްވާ

ކީރިތި ޤުރްއާން ހިތުދަސްކޮށް، އެއްވަނަ ދަރަޖައިގައި ފާސްވެގެން ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މެޑެލް މިއަދު 10 ފަރާތަކުން ހާސިލުކޮށްފިއެވެ. މި ފަރާތްތަކަށް ޚާއްޞަ މެޑަލް ޙަވާލުކޮށްފައިވަނީ ރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަސް ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ކީރިތި ޤުރްއާން ހިތުދަސްކޮށް، އެއްވަނަ ދަރަޖައިގައި ފާސްވެގެން ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މެޑެލް ހާސިލުކުރެއްވި ފަރާތްތަކަށް މެޑަލް ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ކީރިތި ޤުރްއާން ހިތުދަސްކޮށް އެއްވަނަ ދަރަޖައިގައި ފާސްވެގެން ރައީސްގެ މެޑަލް ހޯއްދެވި ފަރާތްތައް:

• އަލްޙާފިޡާ އާމިނަތު އައިފާ، އަލިވިލާގެ ފ. ބިލެތްދޫ
• އަލްޙާފިޡް ޝަޢަފް ޙާމިދު އިބްރާހީމް، މަލާޒް، ޅ. ނައިފަރު
• އަލްޙާފިޡް އަބާން އިބްރާހީމް، ހ. ލަކީލޮޖްހުޅަނގުބައި
• އަލްޙާފިޡާ މަރްޔަމް މުޙައްމަދުދީދީ، މުއްތުސަންބާގެ، ސ. ހިތަދޫ
• އަލްޙާފިޡް އަޙްމަދު ރާއިޢް ބަޝީރު، ފުނާޑު. ރަޔަން، ޏ. ފުވައްމުލައް
• އަލްޙާފިޡް ޙަސަން ނަޞީރު، ޒިއުރިކް، ސ. ހިތަދޫ
• އަލްޙާފިޡާ ރައުޙާ އިސްމާޢީލް، ދިލްޝާދުގެ، ދ. މީދޫ
• އަލްޙާފިޡާ ޢާއިޝަތު އާން ރަޝީދު، މ. ޝޭޑީރީޖަން
• އަލްޙާފިޡް އިސްމާޢީލް އިޒުޢާން އިބްރާހީމް، ހުޅުމާލެ ފްލެޓް 02-ޖީ-141
• އަލްޙާފިޡް މިބުސާމް ސަލްމާން، ހެވަންލީޑް ގދ. ތިނަދޫ

ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންނަށް ޑިގްރީ ފެންވަރަށް ކިޔަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ވަޢުދުފުޅެކެވެ. މި ވަޢުދުފުޅުގެ ދަށުން އިސްލާމިކް މިނިސްޓްރީއާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ގުޅިގެން، އިމާމުން ޑިގްރީ ފެންވަރަށް ތަމްރީންކުރުމުގެ މަސައްކަތް ފެށީ 2020 ވަނަ އަހަރުގެ ތެރޭގައެވެ.

ހަމައެހެންމެ ފެންވަރު ރަނގަޅު ޙާފިޡުން ބިނާކުރުމަށްޓަކާވެސް ޚާއްސަ އިސްކަމެއްދެއްވައިގެން ސަރުކާރުން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. އިމާމުންގެ މަސައްކަތާ ގުޅޭގޮތަށް މުސާރައާއި، ލިބެންވާ ޗުއްޓީއަށް ހެޔޮބަދަލުތަކެއް ލަސްތަކެއްނުވެ ގެންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވިދާޅުވެފައިވެއެވެ.