ޚަބަރު

ތަޢުލީމީ ދާއިރާގައި މިހާރު މަސައްކަތްކުރާ މުދައްރިސުން އަލުން ލައިސަންސް ނަގާކަށް ނުޖެހޭނެ


  • ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ކުރިން މިހާރު ތިބި މުދައްރިސުންނަށް ލައިސަންސް ދީ ނިމޭނެ

  • ލައިސަންސާއި ގުޅޭ ޤަވާޢިދު ތައްޔާރުކުރެވިފައިވަނީ ވަރަށް ގިނަ ބައެއްގެ މަޝްވަރާގެ މަތިން

މިހާރު ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ މުދައްރިސުން އަލުން ލައިސަންސް ހޯދަން ކުރިމަތިލާން ނުޖެހޭނެ ކަމަށާއި މި ހުރިހާ މުދައްރިސުންނަށް ލައިސަންސް ލިބޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާއި ބައްދަލުކުރައްވަމުން އެޑިޔުކޭޝަން މިނިސްޓަރ ވިދާޅުވީ، މިހާރު ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ މުދައްރިސުންނަށް ލައިސަންސް ލިބިފައިވީ ނަމަވެސް، ރަސްމީކޮށް ލައިސަންސް ހަވާލުކުރުމަށްޓަކާއި އިދާރީ ގޮތުން ކުރަންޖެހޭ ބައެއް ކަންތައްތައް ކުރަންޖެހޭ ކަމަށެވެ. އަދި މިހާރު މަސައްކަތްކުރާ ހުރިހާ މުދައްރިސުންނަށްވެސް މި ފެށޭ ދިރާސީ އައު އަހަރުގެ ފުރަތަމަ ޓާމު ނިމުމުގެ ކުރިން ލައިސަންސް ދީ ނިންމަވާލެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" މިހާރު ތަޢުލީމީ ދާއިރާގައި ތިއްބެވި ހުރިހާ ބޭފުޅުންނަށްވެސް ލިބޭނެ ލައިސަންސް. ދެން ދާނީ އެބޭފުޅުންނަށް އެކަން ހަވާލުކުރުމުގެ (މަރުހަލާ) ޕްރޮސަސްއެއް. މި ޓާމުގައި އަޅުގަނޑުމެން ނިންމާލާނެ އެކަންވެސް. އެހެންވީމަ މިއަދު ގެޒެޓް ކުރެވުނު ހިސާބުން އަޅުގަނޑުމެންގެ ވަޒީފާގައި ތިބި އެންމެހާ މުދައްރިސުންނަކީވެސް ލައިސަންސް ޓީޗަރުން." މިނިސްޓަރ ވިދާޅުވިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢާއިޝަތު އާޠިޔާ ނަޞީރު ވިދާޅުވީ މުދައްރިސުންނަށް ލައިސަންސް ދިނުމުގެ ޤަވާޢިދު ހެދުމުގައި ކަމުގެ ހުނަރު ލިބިފައިވާ އެކި ބޭފުޅުންނާއި މަޝްވަރާތައް ކުރައްވާފައިވާ ކަމަށެވެ. އެގޮތުން، ސިވިލް ސާވިސްގެ ބައެއް އިސްބޭފުޅުންނާއި، ބައެއް ސްކޫލުތަކުގެ ޕްރިންސިޕަލުންނާއި، ލީޑިން ޓީޗަރުންނާއި އަދި ޓީޗަރުންނާއެކު މަޝްވަރާތައް ބާއްވާފައިވާ ކަމަށް އާޠިޔާ ވިދާޅުވިއެވެ. މިމަޝްވަރާތަކުގައި މިޤަވާޢިދުގައި ކަންކަން ކަނޑައަޅުއްވާފައިވާނީ މުދައްރިސުންވެސް ބޭނުންވާ ގޮތަށް ކަމަށް އާޠިފާ ވިދާޅުވިއެވެ.

"ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި، ލީޑިން ޓީޗަރުންނާއި، ޓީޗަރުންނާއި މަޝްވަރާކުރިން. މިދެންނެވި މަޝްވަރާތަކުގެ ތެރޭގައި އެއްވެސް ރަށެއް ނުހުންނާނެ، އެއްވެސް ސްކޫލެއް ނުހުންނާނެ، އެ ސްކޫލެއްގެ ކޮންމެވެސް އެއް ބޭފުޅަކު، ކޮންމެވެސް އެއް މަރުޙަލާއެއްގައި، ކޮންމެވެސް އެއް ގޮތަކަށް މި ޤަވާޢިދުގެ މަސައްކަތުގައި ނޫޅުއްވާ." އާޠިޔާ ވިދާޅުވިއެވެ.

މުދައްރިސުންނަށް ލައިސަންސް ދޫކުރުމުގެ ޤަވާޢިދަކީ ރާއްޖޭގައި ހިންގާ ސްކޫލްތަކާއި، އަދި ކިޔަވައިދޭ އެހެނިހެން ތަންތަނުގައި މަސައްކަތްކުރާ މުދައްރިސުން ރަޖިސްޓްރީކުރުމާއި، މުދައްރިސުންނަށް ލައިސަންސް ދިނުމާއި އަދި އެއާއިގުޅޭ ކަންކަން ބަޔާންކުރުމަށްޓަކައި ހަދާފައިވާ ޤަވާޢިދެކެވެ.