ޚަބަރު

ބަންގްލަދޭޝްގައި ޑެންގީ ޖެހިގެން 170 އަށްވުރެ ގިނަ މީހުން މަރުވެއްޖެ


ބަންގްލަދޭޝްގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާ އެކު ޑެންގީ ހުން ފެތުރެމުންދާއިރު، މި ބަލީގައި މިހާތަނަށް މަރުވެފައިވާ މީހުންގެ ޢަދަދު 176 އަށް އަރައިފިއެވެ. ބަންގްލަދޭޝްގައި ޑެންގީ ހުން ހަލުވިކަމާ އެކު ފެތުރެމުން މި ދަނީ ވިއްސާރަ މޫސުމާ ދިމާކޮށެވެ. މި ބަލި ޖެހިފައިވާ މީހުންގެ ޢަދަދުތައް އިތުރުވެފައިވާއިރު، ހޮސްޕިޓަލުތައް ފުރެމުންދާ ކަމުގައި އެ ޤައުމުގެ އޮފިޝަލުން ހާމަކުރެއެވެ.

170 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ބަންގްލަދޭޝްގައި ޑެންގީ ހުމުގެ ބަލިމަޑުކަމެއް ފެތުރެމުންދާ ކަމުގައި ޞިއްޙީ ދާއިރާގެ މާހިރުން ބުނި ނަމަވެސް، ބަންގްލަދޭޝްގެ ސަރުކާރުން އެ ފަދަ ކަމެއް އިޢުލާނުށްފައެއް ނުވެއެވެ. އެ ޤައުމުގެ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސަސް (ޑީ.ޖީ.އެޗް.އެސް)އިން ބުނީ މި ބަލީގައި މިހާތަނަށް މަރުވެފައިވާ މީހުންގެ ޢަދަދު 176 އަށް އަރާފައިވާ ކަމަށާއި، އޭގެ ތެރޭގައި 14 އަހަރުން ދަށުގެ 31 ކުދިން ހިމެނޭ ކަމުގައެވެ.

މި ޖުލައި މަހުގެ 19 ވަނަ ދުވަހަކީ އެންމެ ނުރައްކާތެރި އެއް ދުވަސް ކަމަށާއި، އެ ދުވަހު އެކަނި ވެސް މި ބަލީގައި 19 މީހުން މަރުވި ކަމުގައި އެ އިދާރާއިން ބުނެއެވެ. މި އަހަރުގެ މިހާތަނަށް މި ބަލީގައި އެޑްމިޓު ކޮށްފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 33,000 އަށް އަރާފައެވެ.

އެހެން އަހަރުތަކާ އަލަބަލާއިރު މި އަހަރު މި ބަލީގައި މަރުވާ މީހުންގެ ނިސްބަތް 0.53 އިންސައްތައަށް އިތުރުވެފައިވާ ކަމުގައި ވެސް ޑީ.ޖީ.އެޗް.އެސްއިން ބުނެއެވެ. ހުސްވި 2022 ވަނަ އަހަރު މި ބަލި ޖެހުނު މީހުންގެ ތެރެއިން މަރުވެފައި ވަނީ 0.45 އިންސައްތަ މީހުންނެވެ. އެ އަހަރު ޖުމުލަ 281 މީހުން މި ބަލީގައި މަރުވި ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ޑީ.ޖީ.އެޗް.އެސްއިން ބުނީ މި އަހަރުގެ މިހާތަނަށް މަރުވެފައިވާ 176 މީހުންގެ ތެރެއިން 115 މީހުންގެ ފުރާނަ ގެއްލިފައި ވަނީ މި ހިނގާ ޖުލައި މަހުގެ ފުރަތަމަ 23 ދުވަހުގެ ތެރޭގައި ކަމުގައެވެ. ހުސްވި 2022 ވަނަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި މަރުވީ 29 މީހުންނެވެ. ކުރިއަށް އޮތް އޮގަސްޓާއި ސެޕްޓެންބަރު މަހު މި ބަލީގައި މަރުވާ މީހުންގެ ޢަދަދުތައް އިތުރުވާނެ ކަމަށް ބެލެވޭ ކަމުގައި ޞިއްޙީ މާހިރުން ބުނެއެވެ.

2019 ވަނަ އަހަރު ވެސް ބަންގްލަދޭޝްގައި މިލިޔަނަކަށް ވުރެ ގިނަ މީހުންނަށް މި ބަލި ޖެހުނެވެ. އަދި، މި އަހަރު ވެސް ޑެންގީގެ ޢާންމު ބަލިމަޑުކަމެއް ފެތުރެން ފަށާފައިވާ ކަމަށް ސަރުކާރުން ކަނޑައަޅަން ޖެހިފައިވާ ކަމަށް ދާއިރާގެ މާހިރުން ގަބޫލުކުރެއެވެ. އަދި، ހަލުކަމާ އެކު ފިޔަވަޅުތަކެއް ނާޅައިފިނަމަ، ގިނަ ޢަދަދެއްގެ ބަޔެއްގެ ފުރާނަ މި ބަލީގައި ގެއްލިގެން ހިނގައިދާނެ ކަމުގައި މާހިރުން އިންޒާރު ކުރެއެވެ.

ނަމަވެސް، ޑީ.ޖީ.އެޗް.އެސްގެ ޑިރެކްޓަރ ޖެނެރަލް ޑރ ޢަބްދުލް ބަޝާރު މުޙައްމަދު ޚޫރްޝީދް އަލަމް ވިދާޅުވީ، މިއީ ޢާންމު ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައަޅަން އަދި އަވަސް ކަމުގައެވެ. އަދި، މިހާރު އެ ފަދަ ފިޔަވަޅެއް އަޅައިފިނަމަ، ޢާންމުންގެ ތެރޭގައި ބިރުވެރިކަމެއް އުފެދޭނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް، އެތަކެއް ހާސް ކުޑަކުދިންނަށް މި ބަލި ޖެހިފައިވާ ކަން ފާހަގަކޮށްލަން ޖެހެއެވެ. ޑީ.ޖީ.އެޗް.އެސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި ބަލި ޖެހިފައިވާ ކުޑިންގެ ޢަދަދު މިހާރު ވަނީ 7,240 އަށްވުރެ މައްޗަށް އަރާފައެވެ.

2000 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޑެންގީ ހުން ޖެހޭ މީހުންގެ ޢަދަދު އިތުރުވެފައިވާ ކަމަށް ދިރާސާތަކުން ހާމަވެއެވެ. 2000އާއި 2022 ވަނަ އަހަރާ ދެމެދު އެ ޢަދަދު އަށްގުނައަށް އިތުރުވެފައިވާ ކަމުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔު.އެޗް.އޯ)އިން ބުނެއެވެ. 2022 ވަނަ އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޑެންގީ ހުން ޖެހުނު މީހުންގެ ޢަދަދު 4.2 މިލިޔަނަށް އަރާއިއިރު، އެމެރިކާ ބައްރުގައި އެކަނިވެސް މި ބަލި ޖެހުނު މީހުންގެ ޢަދަދު 2.8 މިލިޔަނަށް އެރިއެވެ. އަދި، އެ އަހަރު އެމެރިކާ ބައްރުން މި ބަލީގައި މަރުވި މީހުންގެ ޢަދަދު 1,290 އަށް އެރިއެވެ.

ޑެންގީ ހުމަކީ މި ވަގުތު އެންމެ ހަލުވިކަމާ އެކު ފެތުރެމުންދާ ބަލި ކަމަށް ބުނެ ޑަބްލިޔު.އެޗް.އޯއިން ވަނީ ޖަނަވަރީ މަހު އިންޒާރުކޮށްފައެވެ. އަދި، ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް ގޮވައިލާ، ޑެންގީއަކީ ޢާންމު ބަލިމަޑުކަމަކަށް ބަދަލުވެދާނެ ކަމުގެ އިންޒާރު ވެސް ކޮށްފައެވެ. ޑަބްލިޔު.އެޗް.އޯގެ މާހިރެއް ކަމުގައިވާ ޑރ ރަމަން ވެލާޔުދަން ވިދާޅުވީ ދުނިޔޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން މި ވަގުތު މި ނުރައްކާތެރި ބައްޔަށް ހުށަހެޅިފައިވާ ކަމުގައެވެ.

2019 ވަނަ އަހަރު ޑެންގީ ހުން ޖެހުނު މީހުންގެ ޢަދަދު 5.2 މިލިޔަނަށް އަރާއިރު، މި އަހަރު އެ ޢަދަދު 4 މިލިޔަނަށް ވުރެ އިތުރުވާނެ ކަމަށް ބެލެވޭ ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި، އޭޝިޔާގެ ޤައުމުތަކަށް ވާރޭ ވެހޭ މޫސުމުގައި ހަލުވިކަމާ އެކު ބަލި ފެތުރިގެންދާނެ ކަމަށް ބެލެވޭ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. އެމެރިކާ ބައްރުގައި މިހާރު ވެސް 3 މިލިޔަނަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވާ ކަމަށް ރިޕޯޓު ކޮށްފައިވާ ކަމަށާއި، ކޭސްތައް އެންމެ ގިނައީ ބޮލީވިޔާ، ޕެރެގުއޭ އަދި ޕެރޫގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ޑެންގީއަކީ މަދިރީގެ ޒަރީއާއިން ފެތުރޭ ނުރައްކާތެރި ބައްޔެކެވެ. އިންސާނުންނަށް މި ބަލި ފަތުރަނީ އީޑީސް ޢާއިލާގެ މަދިރިއެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ގަދަ ހުން ހިމެނެއެވެ. އަދި، ޑެންގީގެ އެންމެ ނުރައްކާތެރި ވައްތަރު ކަމުގައިވާ "ޑެންގީ ހެމޮރެޖިކް ފީވަރ"ގެ އަލާމާތްތަކުގެ ތެރޭގައި ހަށިގަނޑުގެ ގުނަވަންތަކުން ލޭއައުމާއި، ކުއްލިއަކަށް ލޭގެ ޕްރެޝަރު ދަށްވުން ހިމެނެއެވެ. މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅެން އޮތް އެންމެ ރަނގަޅު ފިޔަވަޅަކީ މަދިރި އާލާވާ ތަންތައް ނައްތައިލުމެވެ. އަދި، މަދިރި ހެފުމުން ދުރުކޮށްދޭނެ ފިޔަވަޅުތައް އެޅުމެވެ.