ދުނިޔޭގެ ވިޔަފާރި

ސްޕޮޓިފައިގެ ފީތައްވެސް ބޮޑުކުރަނީ!


  • ހިދުމަތްތަކަށް ނަގާ ފީއަށް މަދުވެގެން ޑޮލަރެއް އިތުރުވާނެ

  • މިއީ ޙިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އަޅާ ފިޔަވަޅެއް

  • ސްޓްރީމިންގ ހިދުމަތްދޭ އެހެން ކުންފުނިތަކުންވެސް ވަނީ މި ފިޔަވަޅު އަޅާފައި

މިއުޒިކާއި އެކިއެކި އޯޑިއޯ ސްޓްރީމިން ޚިދުމަތް ފޯރުކޮށްދޭ ޑިޖިޓަލް ޕްލެފޯމެއްކަމަށްވާ ސްޕޮޓިފައިގެ ހިދުމަތަށް ނަގާ ސަބްސްކްރިޕްޝަން ފީ ބޮޑުކުރަން ނިންމައިފިއެވެ.

ސްވިޑަންގައި ޤާއިމްކޮށްގެން ހިންގާ ސްޕޮޓިފައިން ނެރުނު ބަޔާނެއްގައި ބުނީ މިހާރު ނަގަމުންދާ ސަބްސްކްރިޕްޝަންތަކަށް މަދުވެގެން 1 ޑޮލަރު އިތުރުކުރާނެކަމަށެވެ. އަދި ހޯމަދުުވަހުން ފަށައިގެން އަލަށް ޚިދުމަތް ހޯދާ ފަރާތްތަކުން ދައްކަންޖެހޭނީ އަލަށް ކަނޑައަޅާފައިވާ އަގުތައްކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

ސްޕޮޓިފައިން ބުނީ އެ ޚިދުމަތް މިހާރު ހޯދަމުންދާ ފަރާތްްތަކުން އައު އަގުތަކާއި އެއްގޮތަށް ސަބްސްކްރިޕްޝަން ދައްކަންޖެހެނީ އެއް މަސް ފަހުންކަމަށެވެ. ނަމަވެސް އިޝްތިހާރުތަކާއި ލިމިޓެޑް ހިދުމަތްތަކެއް ލިބޭ ގޮތަށް ހިލޭ ދޫކުރާ ޕެކޭޖަށް ބަދަލެއް ނާންނާނެކަމަށް އެ ސްޕޮޓިފައިން ބުނެއެވެ.

އެތައް މިލިއަން ބަޔަކު ބޭނުންކުރަމުންދާ ސްޕޮޓިފައިން ބުނީ 2008 ވަނަ އަހަރު އެ ހިދުމަތް ލޯންޗުކުރިފަހުން މާކެޓަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމަށާއި، އެހެންކަމުން އަގުތައް ގެނައި ބަދަލާއެކު ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނާއި އާޓިސްޓުންނަށް ރަނގަޅު ހިދުމަތެއް ފޯރުކޮށްދެވޭނެކަމަށެވެ.

އަގުތައް ބޮޑުކުރާ ޚަބަރާއެކު ސްޕޮޓިފައިގެ ހިއްސާގެ އަގުތައް ހޯމަދުވަހު ވަނީ 1 އިންސައްތަ އުފުލިފައެވެ.

އެންމެފަހުން ސްޕޮޓިފައިން ނެރުނު މާލީ ހިސާބުތައް ދައްކާގޮތުން އެކުންފުނީގެ ޚިދުމަތް ބޭނުންކުރާ މީހުންގެ އަދަދު ވަނީ މިދިޔަ އަަހަރެއްހާ ދުވަހުގެ ތެރޭގައި 15 އިންސައްތަ އިތުރުވެ، 210 މިލިއަނަށް އަރާފައެވެ. ނަމަވެސް ކުންފުނީގެ އޮޕަރޭޓިންގ ގެއްލުން 173 މިލިއަން ޑޮލަރަށް އަރާކަމަށް ހަބަރުތައް ބުނެއެވެ. އެކަމުގެ ސަބަބުން ސްޕޮޓިފައިން ވަނީ ކުންފުނީގެ 6 އިންސައްތަ މުވައްޒަފުން މަދުކޮށްފައެވެ.

ސްޕޮޓިފައިގެ އިތުރުން ސްޓްރީމިންގ ޚިދުމަތް ފޯރުކޮށްދޭ އެހެން ކުންފުނިތަކުންވެސް ވަނީ ނަގަމުންދިޔަ އަގުތައް ބޮޑުކޮށްފައެވެ. އޭގެތެރޭގައި ނެޓްފްލިކްސްއާއި، ޑިޒްނީ ޕްލަސްފަދަ ސްޓްރީމިންގ ޚިދުމަތް ފޯރުކޮށްދޭ ފްލެޓްފޯމްތައް ހިމެނެއެވެ.

ތަޖުރިބާކާރުން ބުނާގޮތުން ސްޓްރީމިންގ ސަރވިސްގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުން މިހާރު މަސައްކަތްކުރަނީ ކަސްޓަމަރުން އިތުރުކުރުމުގެ ބަދަލުގައި ކުންފުނިތަކަށް ލިބޭ އާމްދަނީ އިތުރުކުރުމަށެވެ. އަދި އެކަމަށްޓަކައި އަޅާ ފިޔަވަޅުތަކުގެ ސަބަބުން ކަސްޓަމަރުންތަކެއް ގެއްލުނަސް އިންވެސްޓަރުންގެ މާބޮޑު ފަރުވާލެއް ނެތްކަމަށްވެސް ތަޖުރިބާކާރުން ބުނެއެވެ.