ޚަބަރު

އިންތިޚާބުގައި ވާދަކުރެއްވުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގައި ޔާމީން ސޮއިކުރައްވައިފި


  • ރައީސް ޔާމީން ސޮއިކުރައްވާފައިވާ ލިޔެކިޔުންތައް ޕީޕީއެމްއާ ވަނީ ހަވާލުކޮށްފައި

  • ލިޔެކިޔުންތަކުގައި ސޮއިކުރެއްވީ ކަރެކްޝަންސް މެދުވެރިކޮށް

  • ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަކުރެއްވޭނެކަން ޔަޤީނެއް ނޫން

އިދިކޮޅު ޕީޕީއެމްގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރިޔާސީ ޓިކެޓް އަރުވާފައިވާ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެނޑިޑަސީ ފޯމްގައި އެމަނިކުފާނު ސޮއިކުރައްވައިފިއެވެ.

ޕީޕީއެމްއިން ބުނީ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސޮއިކުރެއްވުމަށްފަހު، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް މެދުވެރިކޮށް ޕާޓީގެ އޮފީހާއި ޙަވާލުކުރައްވާފައިވާކަމަށެވެ.

ރައީސް ޔާމީންގެ ކެނޑިޑަސީ ފޯމާއި އެހެނިހެން ކިޔުންތަކުގައި ކަރެކްޝަންސް މެދުވެރިކޮށް ސޮއިކުރައްވާފައިވަނީ އެ ކަންކަމުގައި ކަރެކްޝަންސްގެ އެހީތެރިކަމަށް ޕީޕީއެމްގެ ފަރާތުން, އެދުމުންނެވެ.

ރައީސް ޔާމީންގެ ކެނޑިޑަސީ ފޯމް ޕީޕީއެމްއާ ހަވާލުކުރިނަމަވެސް ކެނޑިޑަސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެ ތާރީހެއް ޕީޕީއެމްއިން ހާމަކޮށްފައެއް ނުވެއެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް އަރުވާފައިވީނަމަވެސް އެމަނިކުފާނު ތަންފީޒުކުރައްވަމުން ގެންދަވާ ޖަލު ހުކުމުގެ ސަބަބުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭނެކަން މިހާތަނަށް ޔަގީނެއް ނުވެެއެވެ.

ގާނޫނީ އަސާސީގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ކުރިމަތިލައްވާ ބޭފުޅެއްގެ ކިބައިގައި ވަކި ޝަރުތުތަކެއް ފުރިހަމަވާންޖެހެއެވެ. އެ ޝަރުތުތަކުގެ ތެރޭގައި ޖިނާއީ ކުށެއްކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތް ނަަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފު ކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކަށްވާންޖެހެއެެވެ.

ޕީޕީއެމްއިން އިތުރުން ބޮޑެތި އެހެން ޕާޓީތަކުންވެސް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ކެނޑިޑޭޓުން ކަނޑައަޅުއްވާފައެވެ. ނަމަވެސް މިހާތަނަށް އެއްވެސް ބޭފުޅަކު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ފޯމް ހުށަހަޅުއްވާފައެއް ނުވެއެވެ.