ޚަބަރު

އެމްޑީޕީއާއި ޕީޕީއެމްގެ ކެނޑިޑޭޓުންގެ އިންތިހާބީ އޭޖެންޓުން ކަނޑައަޅުއްވައިފި


  • ރައީސް ޞާލިހުގެ އިންތިހާބީ އޭޖެންޓަކީ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް

  • ރައީސް ޞާލިހުގެ ކެމްޕޭން މެނޭޖަކީ އަލިފުށީ ދައިރާގެ މެމްބަރު މުހައްމަދު ރަޝީދު

  • ރައީސް ޔާމީންގެ ކެމްޕޭން އޭޖެންޓަކީ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް

  • ރައީސް ޔާމީންގެ ކެމްޕޭން މެނޭޖަރަކީ މުހައްމަދު އަމީން

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވެރިކަންކުރާ އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓާއި، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވާދަކުރައްވާ ކެނޑިޑޭޓުން އިންތިޚާބީ އެޖެންޓުން ކަނޑައަޅުއްވައިފިއެވެ.

ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކަށް މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 7 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ. އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން އިންތިޚާބަށް ކުރިމަތިލައްވާ ކޮންމެ ކެންޑިޑޭޓަކު އެމީހަކު އިންތިޚާބަށް ކުރިމަތިލުމުގެ ކުރިން އެމީހާގެ ރަސްމީ އިންތިޚާބީ އޭޖެންޓަކު ކަނޑައަޅަންޖެހެއެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަމަށް އިއުލާން ކުރައްވާފައިވާ ކެނޑިޑޭޓުންގެ ތެރެއިން ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ އިންތިހާބީ އޭޖެންޓަކަށް ހަމަޖައްސާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒްއެވެ. ނާޝިޒަކީ މިދިޔަ ޖެނުއަރީގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެމަނިކުފާނުގެ ކެމްޕޭން އޭޖެންޓެވެ. ރައީސް ޞާލިހުގެ ކެމްޕޭން މެނޭޖަރަކަށް ކަނޑައަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދައިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިންއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވާދަކުރައްވާނެކަމަށް އިއުލާން ކުރައްވާފައިވާ ރައީސް ޔާމީންގެ އިންތިހާބީ އޭޖެންޓަކަށް ކަނޑައަޅުއްވާފައިވަނީ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލެވެ. ތޮލާލަކީ ރައީސް ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. ރައީސް ޔާމީންގެ ކެމްޕޭން މެނޭޖަރަކަށް ކަނޑައަޅުއްވާފައިވަނީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ކުރީގެ ފްލައިޓް އޮޕަރޭޝަންސް ޑިރެކްޓަރު މުހައްމަދު އަމީންއެވެ.

ރައީސް ޔާމީންގެ އިންތިހާބީ އެޖެންޓަކަށް ބޭފުޅަކު ކަނޑައަޅައި އިންތިހާބަށް ތައްޔާރުވަމުން ދިޔަ ނަމަވެސް އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެއްވޭނީ މިވަގުތު ތަންފީޒުކުރައްވަމުން ގެންދަވާ 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓު ނުވަތަ ސުޕްރީމް ކޯޓުން ބާތިލްކޮށްފިކަމުގައި ވާނަމައެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ގިނަ ބޭފުޅުންތަކެއް ފާޅުކުރައްވާފައިވީނަމަވެސް މިހާތަނަށް އިންތިޚާބުގައި ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން އޭޖެންޓުން ކަނޑައަޅާފައިވަނީ ޕީޕީއެމްއާއި، އެމްޑީޕީން އެކަންޏެވެ.